ކުރިއަށްއޮތް 2 ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ ވިލާގަނޑުގެ ބާރު ކުރިއަށްއޮތް 24 ގަޑިއިރުވެސް ގަދަވާނެކަމަށާއި މީގެ ސަބަބުން ކުރިއަށް އޮތް 48 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ.

މެޓް އޮފީހުން ބުނީ މިދުވަސްވަރު، ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށްވެސް މެޓު އޮފީހުން ބުނެއެވެ.



މޫސުން ގޯސްވާނެތީ މެޓު އޮފީހުން މިހާރު ވަނީ ހއ.އަތޮޅުން ފެށިގެން ދ.އަތޮޅާ ހަމައަށް ވައިޓް އެލާޓްވެސް ނެރެފައެވެ. އަދި ކަނޑު ދަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ވިއްސާރައިގައި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި އެހެންހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ގާތްގަނޑަކަށް 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓު އޮފީހުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން