މާލޭގެ ރައްޔިތުންނަށް މި ސަރުކާރުން ގޯތި ނުދޭނަމަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުން މި ސަރުކާރަށް ވޯޓް ނުދޭނެ ކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ކުރީގެ ނައިބު މުގައްރިރު ޝުއައިބު އަލީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) ވިދާޅުވީ، ގުޅީފަޅުގައި އެމްޑީޕީގެ ސަރުކާރުން ޕޯޓެއް ނާޅާކަމަށެވެ. އަދި މި ސަރުކާރަށް ރައްޔިތުންގެ ވޯޓް ދިނީ މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރާނެ ކަމަށް ވައުދުވެގެން ކަމަށް ޝުއައިބު ވިދާޅުވިއެވެ.

ގޯތި ނުދޭނަމަ 2023 ވަނަ އަހަރު ރައްޔިތުން މި ސަރުކާރަށް ވޯޓް ނުދޭނެ ކަމަށް ވިދާޅުވާ ވާހަކަ ޝުއައިބު މިއަދުވެސް ވަނި ތަކުރާރު ކުރަށްވާފައެވެ. ޝުއައިބު ވިދާޅުވީ، މިހާރުގެ ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމަކީ އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އެކުލަވާލުމުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅެއް ކަމަށެވެ. ބޯހިޔާވަހިކަމުގެ ސިޔާސަތާއި މިނިސްޓަރު އަސްލަމް ދައްކަވާ ވާހަކަތަކުގައި އެއްވެސް އޮއްޓަރެއް ނެތް ކަމަށް ވިދާޅުވެ ޝުއައިބު ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"ތާކުންތާކު ނުޖެހޭ ވާހަކަ އެ ދައްކަވަނީ. އެއީ އެނގިވަޑައިނުގެން ދައްކާ ވާހަކައެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ގުޅީފަޅުގައި ޕޯޓް އަޅާއިރު މިނިސްޓަރު އަސްލަމަކީ އެދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް. އެދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވައިގެން އެ ހުންނެވީ. ކަނޑާއި އޮޔާއި ވަޔާއި މި ހުރިހާ ކަންތައްތަކުގެ ހުރިހާ ކަމެއް ކިޔަވާ ވިދާޅުވެ، މަތީ ތައުލީމު ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅަކު އެވަރުގެ ވިޔާނުދާ ކަމެއް (ގުޅީފަޅުގައި ޕޯޓް އެޅުން) ކީއްކުރަންތޯ އޭ ކުރައްވަނީ." ޝުއައިބު ވިދާޅުވިއެވެެ.

މީގެ އިތުރުން ޝުއައިބު ވިދާޅުވީ އެމްޑީޕީގެ ސްލެޓެއްގައި ވަޒީރު ކަމުގައި ހުންނެވި ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމަކީ އެމްޑީޕީގެ ކަންކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ބޭފުޅެއް ކަމަށެވެ. މާލޭގެ ރައްޔިތުންނަށް ގޯތި ނުދިނުމަކީ ރައްޔިތުންނަށް ކުރާ އަނިޔާއެއް ކަމަށް ޝުއައިބު ވިދާޅުވިއެެވެ.

"މާލޭގެ ރައްޔިތުންނަށް ވެސް ވަރަށް ބޮޑު އަނިޔާއެކޭ އެ ދެއްވަނީ. އަޅުގަނޑުމެންނަށް މުހަންމަދު އަސްލަމު މިނިސްޓަރު ކަމުގައި ހުންނަވައިގެން އެވަރުގެ ބޮޑު އަނިޔާއެއް، އަޅުގަނޑުމެންނަށް ދޭއިރު އެކަން ހަނދާން ބަހައްޓާނެ އިގޭތޯ. އެއީ ކޮށްގެންވާނެ ކަމެއް ނޫނޭ އަޅުގަނޑު މި ދަންނަވަނީ." ޝުއައިބު ވިދާޅުވިއެވެ.

ޝުއައިބު ވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ތެރޭގައިވެސް ހަމަ މިމޭރުމުން ވާހަކަ ދައްކަވާފައެވެ. އޭރުވެސް އޭނާ ވިދާޅުވަމުން ގެންދެވީ މާލޭގެ ރައްޔިތުންނަށް ގޯތި ނުދޭނަމަ އެމްޑީޕީއަށް މާލޭ ސިޓީ ކައުންސިލުގެ ގޮނޑިތަކާއި މޭޔަރުކަން ވެސް ގެއްލޭނެ ކަމަށެވެ. ޝުޢައިބު ވިދާޅުވި ގޮތަށް އެއިންތިޚާބުގައި އެމްޑީޕީއަށް ވަނީ މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ގެއްލި މޭޔަރުކަން ވެސް ގެއްލިފައެވެ.

ސަރުކާރުން ވަނީ މާލޭ ކޮމާޝަލް ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމަށް ނިންމާފައެެވެ. އެހެން ނަމަވެސް މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވަނީ ސަރުކާރުގެ އެ ނިއްމުން ބަދަލުކޮށް ގުޅީފަޅަކީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހި ކަމުގެ މަންޒިލަކަށް ހެދުމަށް ސަރުކާރަށް ގޮވާލައްވާފައެވެެ. ގުުޅީފަޅުން މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭން ކޯޓަށް ދާންޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރައްވާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން