ހޯމް މިނިސްޓަރުކަމުގެ މަޤާމުން އިމްރާން އަބްދުﷲ ވަކިކޮށް، އެމަޤާމަށް ކުރީގެ މިނިސްޓަރ މުހައްމަދު ޝިހާބް އައްޔަންކުރަން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގޮވާލައްވައިފިއެވެ.

ހޯމް މިނިސްޓަރުކަމުން އިމްރާން ވަކިކުރުމަށް ބޮންޑޭ ގޮވާލައްވާފައި މިވަނީ، 6 މޭގެ ބޮމުގެ ހަމަލާއަށްފަހު ހޯމް މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ، އަދި ރައީސް ޞާލިހުއާ ދެކޮޅު ބޭފުޅެއްގެ ގޮތުގައި ފާހަގަވެފައިވާ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ދައުލަތުގެ މަޤާމްތަކަށް އިތުބާރު ކުރެވޭ ބޭފުޅުން ބޭނުންވާކަމަށާއި، ހޯމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް، އިމްރާން އަބްދުﷲއަކީ ނުބައި ކަންތައްތަކެއްގެ ތެރެއިން ރައްޔިތުންނަށް ތަޢާރަފްވެފައިވާ ބޭފުޅެއްކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި އަދި ރައީސް ނަޝީދުގެ ސަރުކާރުގައި މިނިސްޓަރުކަމުގެ މަޤާމްވެސް އަދާކުރައްވާފައިވާ ޝިހާބަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައި ވާހަކަދައްކަވަމުން ބޮންޑޭ ވިދާޅުވީ މުހައްމަދު ޝިހާބަކީ ފެށުނީއްސުރެ ރައްޔިތުންނަށް ހިދުމަތްކުރެއްވުމުގައި ދެމިހުންނެވި ބޭފުޅެއްކަމަށާއި، ޝިހާބަކީ ރައްޔިތުން އިންތިހާއަށް އިތުބާރުކުރާ ފަރާތެއްކަމަށެވެ.

ނަމަވެސް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއަކީ ރައްޔިތުންގެ އިތުބާރު އޮތް ބޭފުޅެއް ނޫންކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ. އަދި އޭނާއަށް އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ނުކުރެއްވޭނޭކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވިގޮތުގައި ހޯމް މިިނިސްޓަރުކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅަކީ ސަލާމަތީ ބާރުތަކާ ރައްޓެހި އަދި ތަހުގީގުތަކާ ގުޅޭގޮތުން ހިފަހައްޓަންޖެހޭ ސިއްރުތައް ހިފަހައްޓާނެ ފަދަ ބޭފުޅަކަށްވާންޖެހޭކަމަށެވެ. އެގޮތުން ޝިހާބަކީ އެފަދަ ބޭފުޅެއްގެ ގޮތުގައި ބޮންޑޭ ސިފަ ކުރެއްވިއެވެ.

ހޯމް މިނިސްޓަރުކަމުން އިމްރާން ވަކިކުރުމަށް އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ގޮވާލަމުންދާއިރު، ކޯލިޝަން ސަރުކާރުގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުން ފިޔަވައި އެހެން ޕާޓީތަކަށް ނިސްބަތްވާ ވަޒީރުން ވަކިކުރުމަކީ މީގެ ކުރިންވެސް ފެނިގެން ގޮސްފައިވާ މަންޒަރު ތަކެކެވެ. އެގޮތުން އަދާލަތުގެ ސްލޮޓެއްގައި ޖެންޑަރ މިނިސްޓަރަކަށް ހުންނެވި ސިދާތާއާއި ރައީސް މައުމޫންގެ އެމްއާރްއެމްގެ ސްލޮޓެއްގައި ހައުސިންގ މިނިސްޓަރަކަށް ހުންނެވި އާތިފާއާއި އެޕާޓީގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓަރަކަށް ހުންނެވި ޒަހާއާއި ޖޭޕީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރަކަށް ހުންނެވި އަމީނާއި އަދި އެޕާޓީގެ ސްލޮޓެއްގައި ސައިންސް އެންޑް ޓެކްނޯލޮޖީ ވަޒީރުކަމުގައި ހުންނެވި މަލީހު ވަކިކުރުމަށްފަހު އެ ސްލޮޓްތައް އެޕާޓީތަކަށް ދީފައި ނުވާކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ވަހިދު

26-Jul-2021

އަދާލަތުން ކޮންޓްރޯލް ކުރާ ބަޔަކު ނުވަތަ އަދާލަތަށް ސަޕޯޓު ކުރާ ބަޔަކު އެބަތިބި. ޝިހާބަކަށް އެތާއީދެއް ނުހޯދޭނެ މިހާރަކު



ޓްރެންޑިން