ޤާނޫނާއި ޚިލާފު އެއްބަސްވުމެއްގައި ސަރުކާރުން ސޮއިކޮށްފައިވާކަމަށް ނުބުނެވޭނެކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިހެން ވިދާޅުވީ ދިވެހި ސަރުކާރުން ރާއްޖޭގެ ޤާނޫނުތަކާއި ހިލާފުވާ ގޮތަށް ބައެއް އެއްބަސްވުންތައް ބޭރު ފަރާތްތަކާއެކު ޤާއިމްކުރަމުންދާކަމަށް ބުނެ ދައްކާ ވާހަކަތާކަށް ރައްދު ދެއްވަމުންނެވެ.

މިގޮތުން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ޤާނޫނުއަސާސީއާ ޚިލާފަށް އިންޑިއާއާއެކު ވެފައިވާ ސިއްރު އެއްބަސްވުންތަކުން ޤައުމުގެ މިނިވަންކަމަށް ބުރޫ ނާރާނެކަމުގެ ކޮން ގެރެންޓީއެއްތޯ އޮތީ ވިދާޅުވެ ސުވާލު އުފައްދާފައެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ އެވާހަކަ ތަކަށް ރައްދު ދެއްވަމުން އަލްހާން ވިދާޅުވީ ޤާނޫނާ ޚިލާފު އެއްބަސްވުމެއް ހެދިފައި އޮތްކަމަކަށް އެއްވެސް ކޯޓަކުން ކަނޑައަޅާފައި ނުވާކަމަށެވެ. އަދި ޤައުމުގެ މިނިވަންކަމަށް ބުރޫއަރާފަދަ ކަމެއް ނުކުރައްވާނެކަމަށް ރައީސް ވިދާޅުވުމުން، އެވިދާޅުވާ ވާހަކަ އެނޫން ގޮތަކަށް ސާބިތުކޮށް ނުދެވޭނަމަ، އެ ބަސް ތެދަކަށް ނުވާނެ ގޮތެއް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ.



ޤާނޫނާ ޚިލާފު އެއްބަސްވުމެއް ހެދިފައި އޮތްކަމަކަށް އެއްވެސް ކޯޓަކުން ކަނޑައަޅާފައިނުވާއިރު، ޤާނޫނާއި ޚިލާފު އެއްބަސްވުމެއްގައި ސަރުކާރުން ސޮއިކޮށްފައިވާކަމަށް ނުބުނެވޭނެކަމަށް އަލްހާން ވިދާޅުވިނަމަވެސް، ސަރުކާރުން ކޮށްފައިވާކަމަށް ބުނާ ގިނަ އެގްރިމަންޓްތައް ފެންނާކަށް ނެތެވެ. އަދި އެފަދަ އެގްރީމެންޓްތައް ހާމަކުރުމަށް އިދިކޮޅުންނާއި ބައެއް އާންމުން ގޮވާލިނަމަވެސް އެކަން ސަރުކާރުން ކޮށްފައެއް ނުވެއެވެ.

ޤައުމީ ސަލާމަތަށްކަމަށް ބުނެ ގިނަ އެއްބަސްވުންތައް މިސަރުކާރުން ދަނީ ސިއްރުކުރަމުންނެވެ. އެހެންކަމުން އެފަދަ އެއްބަސްވުން ތަކުގެ ޤާނޫނީ ސައްހަކަމާމެދު ސުވާލު އުފައްދާ ފަރާތްތަކަށް އެކަން ސާބިތުކޮށްދޭން ކޯޓަކަށް ދާނެ އެއްވެސް ފުރުޞަތެއް އެއްވެސް ފަރާތަކަށް އަދި ލިބިފައިނުވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

ގާނޫނާ ޚިލާފަށް ސަރުކާރުން ހަދާފައިވާ ކަމަށް އެންމެ ގިނަ ބަޔަކު ތުހުމަތު ކުރި ޔޫޓީއެފް އެއްބަސްވުމާމެދު ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގުކުރި ނަމަވެސް އަދި މިހާތަނަށް ރައްޔިތުންގެ މަޖިލީހާވެސް އެ އެއްބަސްވުން ހިއްސާކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން