ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަކީ އެމްޑީޕީއަށް ޤުރުބާނީތަކެއް ވެވަޑައިގެންނެވި ބޭފުޅެއްކަމަށާއި، ނަމަވެސް އޭނާއާއި މެދު އެމްޑީޕީގެ ތެރެއިން ބަަޔަކު ކަންކުރީ ވަރަށް އިހާނެތިކޮށްކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވެފައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ދެކޮޅަށް އެމްޑީޕީގެ ތެރެއިން ބަޔަކު ނުކުމެ އިދިކޮޅު ޕާޓީއާ ގުޅިގެން މަސައްކަތް ކުރަން ހިޔާލު ފާޅުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އަސްލަމް ވިދާޅުވުމުން، އޭނާއަށް ރައީސް ނަޝީދުގެ ސަޕޯޓަރުންގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅިގެން މޫސަ ވިދާޅުވީ އަސްލަމަކީ ކެތްތެރިކަމާއެކު އެމްޑީޕީއަށް ޤުރުބާނީތަކެއް ވެވަޑައިގެންނެވި ބޭފުޅެއްކަމަށެވެ. ނަމަވެސް އަސްލަމަށް ޤައުމުގެ ނައިބުރައީސްކަން، ޕާޓީގެ ނައިބު ރައީސްކަން، މަޖްލިސްގެ ރައީސްކަން، ޕީޖީ ލީޑަރުކަން ދޭން ވައުދުވުމަށްފަހު، ޕާޓީގެ ވިރާސީ ވިންގުން ބަޔަކު އަސްލަމް ފެއިލްކޮށްލީކަމަށް މޫސަ ވިދާޅުވިއެވެ. އަދި އަސްލަމާމެދު އެގޮތަށް ކަންކަން ކުރި ފަރާތްތަކުން މިއަދު އަސްލަމަށް "ކީއްކުރަންތޯ" އޭ މިއުޅެނީ ވިދާޅުވެ، މޫސަ ވަނީ ސުވާލު އުފައްދާފައެވެ.



މޫސަ ވިދާޅުވީ އަޑީ ދައުލަތެއް އުފެއްދުމުގެ ސިފަތައް އެމްޑީޕީގެ ތެރެއިން ފެންނަން ފަށާފައިވާކަމަށެވެ. އެގޮތުން ބަޔަކު ޕާޓީން ބޭރުކުރުމާއި، އެމްޑީޕީއަށް ލިބުނު ހުރިހާ ފައިސާއެއް ވަކި މީހަކަށް ހޭދަކޮށް، ޑިމޮކްރަސީ ގެނަމުގައި އެމްޑީޕީގެ ވެރިކަން ޚުދުމުޚްތާރުކޮށް، ވިރާސީ ރަސްކަމަކަށް ބަދަލުކުރުމަކީ އަޑީ ދައުލަތެއް އުފެއްދުމުގެ ސިފަތައްކަމަށް މޫސަ ވިދާޅުވިއެވެ.



އެމްޑީޕީގެ ތެރޭގައި ބޮޑެތި ބައިބައިވުންތަކެއް އުފެދިގެން އުޅޭއިރު، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ތެރެއިންވެސް މި ދެކޮޅުވެރިކަން ވަރަށް ބޮޑަށް އަންނަނީ ފެންނަމުންނެވެ. ސޯޝަލް މީޑިއާގައި ފާޅުގައި އެއް މެމްބަރަކު އަނެއް މެމްބަރާއި ނިސްބަތްކޮށް އެއްޗެހި ގޮވަމުންދާއިރު، އެމްޑީޕީގެ އާއްމު މެމްބަރުންގެ ތެރޭގައިވެސް ހާލަތު ހުރީ މިފަދަ ގޮތަކަށެވެ. ސިޔާސީ މަސްރަހު ދިރާސާކުރައްވާ ފަރާތްތަކުން ބުނާގޮތުން އެމްޑީޕީގެ ތެރޭގައި އުޅޭ މައްސަލައަކީ ސަރުކާރުގެ ސިޔާސަތުތަކާއި ހެދި ޖެހިގެން އުޅޭ މައްސަލައެއް ނޫނެވެ. އެއީ ވެރިކަމާއި ހެދި އުޅޭ ބައެއްގެ ސަބަބުން އުފެދިގެން އުޅޭ މައްސަލަތަކެއްކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން