އެމްޑީޕީ އެމައްޗަށް ބިނާވެ އޮތް އަގުތަކާއި، އުސޫލުތައް ނެގެހެއްޓުމަށް އެ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ސަރުކާރުގެ މައްޗަށް ގޮވާލެއްވި ގޮވާލެއްވުމަށް އެމްޑީޕީގެ ހެންވޭރު އުތުރު ދާއިރާއިން ތާއިދުކޮށްފިއެެވެ.

އެމްޑީޕީގެ ހެންވޭރު އުތުރު ދާއިރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެމްޑީޕީއަށް ރައްޔިތުން ދޭ ތާޢީދާއި، ކުރާ އިތުބާރަށް ފޫނުބެއްދޭވަރުގެ ގެއްލުން ދިނުމުން މަނާވެގަނެ އެމްޑީޕީގެ އަސްލު އަގުތަކާއި، އުސޫލުތަކަށް ރުޖޫޢަވުމަށް ރައީސް މުޙައްމަދު ނަޝީދު އެގޮވާލެއްވި ގޮވާލެއްވުމަށް އީޖާބީގޮތެއްގައި ސަރުކާރުން ބަލައިގަތުމަށް ގޮވާލާ ކަމަށެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ނަފްރަތު އުފައްދައިގެން ހަށިފުރާނައިގެ ރައްކާތެރިކަން ނަގާލުން ކުށަކަށް ހަދަން ޚުދު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު، ފެނުނީ އެބިލު ހުށަހެޅުއްވި މެންބަރުގެ އިސްތަށިފުޅަށް އެ ބިލު ބޮލާލައި ޖެހި މަންޒަރު ކަމަށެވެ. އަދި އެގޮތަށް ކަންކުރީ ނަފްރަތު އުފެއްދުމުގެ އަހުލުވެރިންގެ މަޝްވަރާއާއި، ބަހަށް ކަމަށާއި، ނަފްރަތު އުފައްދައިގެން، ޓާގެޓުކޮށް މަރާލި ޔާމިން ރަޝީދުގެ ޢާއިލާފަދަ ޢާއިލާތަކުގެ ކިބައިން ހޭވެސް އަހައި ނުލާ ކަމަށް ބަޔާނުގައިވެއެވެެ.

އެ ބަޔާނުގައި ބުނީ އެމްޑީޕީއަށް ދިވެހި ރައްޔިތުން ވޯޓްދެނީ އަޅާ ބަނދަރަކަށް، ހަދާ މަގަކަށް، ބިނާކުރާ ސްކޫލަކަށް، ހިއްކާ ބިމަކަށް ނޫން ކަމަށެވެ.

"މައުނަވީ ބަދަލާއި، ހެޔޮ ވެރިކަމަކަށެވެ. އެގޮތް ސަރުކާރަށް އޮޅިއްޖިއްޔަތީ، ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެފަދަ ޢާންމުކޮށް އެމްޑީޕީން ބޮޑު އަޣްލަބިއްޔަތު ނަގާ ސިޓީތަކާއި، ރަށްތަކުން އެކަމުގެ ނުރުހުން ރައްޔިތުން ނުކުމެ ވޯޓްގެ ނަތީޖާއިން ދައްކާފައިވެއެވެ." ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ޑރ. އަފްރާޝީމް ޢަލީއާއި، ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަޙްމަދް ރިޟްވާން ޢަބްދުﷲއާއި، ވަޅިޖަހައި މަރާލި ޔާމިން ރަޝީދުގެ މަރުގެ ޙަޤީޤަތް ހޯދުމަށް ވަޢުދުވެފައިވާ ކަމަށާއި އަދި ދިވެހިމާލިއްޔަތުން އެމް.އެމް.ޕީ.އާރްސީ ޚިޔާނާތުގެ ވާސިތާއިން ފޭރުނު ފައިސާ އަނބުރާ ހޯދައި، ވަގު ހިފާނެކަމުގެ ވަޢުދު ސަރުކާރުންވި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"އެހެންނަމަވެސް، އަދިވެސް އެއިންކަމެއްގެ ކޮޅެއް މެދެއް ނުފިލައެވެ. އެއިން މައްސަލައެއްގައި ދައުވާ އުފުލި، މީހެއްގެ މައްޗަށް ޝަރީޢަތް ހިންގާ މަންޒަރު އަމުދުން ނުވެސް ފެންނަނީއެވެ. އަދި ކިއެއްތަ! މިއިން ކޮންމެ ވިޔާނުދާކަމެއްގެ ބައިވެރިންނާއި، ވާގިވެރިން، އެކި ކުލައިގެ، އެކި ފޭރާމުގައި ތިބޭތީ މިފެންނަނީ ސިޔާސަތު ކަނޑައެޅުމުގައި އަވަދިނެތި އުޅޭތީއެވެ." ނޫސްބަޔާނުގައިވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ލާއިންސާނީ ޢަމަލުތައް ހިންގާފައިވަނީ ދީނީ ފިކުރުގެ ހައްދުފަހަނައެޅި މީހުން މެދުވެރިކޮށްކަން ސަރުކާރަށް މާސާފުކޮށް އެނގި ފައުޅުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް މޭ ހަވަނަ ދުވަހުގެ ރޭ ރައީސް މުޙައްމަދު ނަޝީދު އަވާހަރަކޮށްލަން މިފުރަ މާލޭގެ މަޖީދީމަގުގައި ބޮންގޮއްވާ ހިސާބަށް ކަންތައް ދިޔައިރުވެސް ސަރުކާރުން ފެންނަނީ ޣާފިލުކަމުގައި ތިބިތަން ކަމަށް ބަޔާނުގައިވެއެވެ.

ބަޔާނުގައި ބުނެފައިވަނީ އެޙަމަލާ ދިނުމުގައި ޢަމަލީގޮތުން ބައިވެރިވި ދެތިން ހަތަރު ޅަފުރައިގެ ކުއްޖަކު މެނުވީ އަތުވެފައި ނުވާ ކަމަށެވެ. އަދި އެޙަމަލާއަށް "ފައިނޭންސް ކުޅަ މީހުންނާއި، މާސްޓަރމައިންޑުންގެ" ޚަބަރެއް ދަބަރެއް ނޭގޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"ބޮނޑު ނަގުލަށްވެ، މައްސަލަ ފިނިވާދާއިރުވެސް، މައްސަލައިގެ ފުންމިނާއި ހަމައަށް ވާސިލުނުވެވޭކަމާއި، ބޮންގޮއްވާ ފިކުރުގެ މޫތައް ނައްތައިލުމަށް މާނަހުރި މަސައްކަތެއް ވެވެމުން ނުދާކަން ހިތާމަޔާއެކުގައި މެނުވީ ފާހަގަނުކުރަމެވެ. ސަރުކާރުގެ ފުށުން މިހިނދު ފެންނާންޖެހޭނީ ހިތްވަރާއެކު ކުރިއަށްނުކުމެ، ބޮންގޮއްވާ ފިކުރާއި ދިމާކުރުމެވެ. ލޭ ހުއްދަކުރުމާއި، ތަކުފީރުކުރުން މަނާކުރުމެވެ. ދިވެހިރާއްޖެ ހައްދުފަހަނައެޅި ދީނީ ފިކުރުގެ ނުރައްކާތެރި ވަކިތަކުން ސަލާމަތްކުރުމެވެ." ބަޔާނުގައިވެއެެވެ.


ކިޔުންތެރިންގެ ހިޔާލު


4

އާދިލު

22-Jul-2021

އެއްކަމެއްވެސް ވާނެ ބައެއް ނޫން ތިއީ އިސްތިޢުފާ ދީފަ ގެޔަށްދޭ ކަންކަން ކުރަން ގައުމު ހިންގާނީ ދަންނަ ގާބިލު މީހުން މިގައުމުގަ އެބަތިބި އިތުރަށް ރައްޔިތުން ނިކަމެތި ކުރަން 2023 އާ ހަމަޔަށް ވެސް ތިބޭނެކަމެއްނެތް މަކަރާއި ޙީލަތުން ނަފްރަތުގެ ބިލެކޭ އިންސާފޭ ކިޔަސް މިހާރު ރައްޔިތުންނަށް އެނގޭ ތިބިލު ފާސްވީމަ ދެންވާނެގޮތްވެސް ބޭނުންގޮތަކަށް ކުޅިބައި އަތުރައިގެން ސައިކިޔާކަށް ފުރުސަތެއް ނެތް ބިލެއް ފާހެއްނުވާނެ ފާސްކުރިޔަސް ލާދީނީކޮށް އަސްލަމްދީނަށް ފުރައްސާރަކޮށް ބޭނުންގޮތަކަށް މިގައުމުގަ އުޅޭކަށް ޖާގައެއް ނެތް އެވާހަކަ ގޮވާނެ ބިމަކުން އެކަމެއް ނުހުއްޓުވޭނެ



ޓްރެންޑިން