ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަކީ މަޑުމައިތިރި ބޭފުޅެއްނަމަވެސް އެމަނިކުފާނަކީ ސިޔާސީގޮތުން ހުޝިޔާރު ބޭފުޅެއްކަމަށާއި ރައީސް ނަޝީދަކީ ވެރިކަމާހެދި "ހޭބަލިވެފައި" ހުންނެވި ބޭފުޅެއް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

އައްޑޫ ޝަރީފު ނުސީދާކޮށް މި ވާހަކަތައް ރައްދުކުރެއްވީ ރައީސް ނަޝީދު ތަފާތު އަމިއްލަފުޅު ޚިޔާލުފުޅުތައް ފާޅުކުރެއްވުމަށް އެލްކެސް އަހުމަދުގެ ނަމުގައި ގެންގުޅުއްވާ އަނެއްދިވެހިރާޖެ، ޓްވިޓަރ އެކައުންޓް ޓެގް ކުރަށްވައި އެލެކްސް އަހުމަދަށް ނިސްބަތް ކުރަށްވައެވެ. ޝަރީފް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ޞާލީހަކީ ބަސް މަދު ބޭފުޅެއްކަމަށެވެ. ނަމަވެސް އުނދަގޫ ހާލަތްތަކުގައި އަމަލުކުރައްވަމުންދާ ގޮތުން ރައީސް ސާލިހަކީ ސިޔާސީގޮތުންނާއި އިގްތިސާދީގޮތުން ނިންމަން ޖެހޭ ނިންމުންތައް ނިންމެވުމުގައި ވަރަށް ހުޝިޔާރު ބޭފުޅެއްކަން ސާބިތުކޮށްދެއްވާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.



ނަމަވެސް އަނެއްކޮޅުން ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ، ރައީސް ސާލިހާ އަޅާބަލާއިރު ތަފާތު ބޭފުޅެއްގެ ގޮތުގައި ޝަރީފް ސިފަކުރެއްވިއެވެ. އެގޮތުން ރައީސް ނަޝީދަކީ ވެރިކަމާހެދި "ހޭބަލިވެފައި" ހުންނެވި ބޭފުޅެއްކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު އަބަދުވެސް މަސައްކަތް ކުރައްވަނީ ވެރިކަމުގެ ބާރުތައް ހޯއްދެވުމަށާއި އަމިއްލައަށް މަޝްހޫރުކަން ހޯއްދެވުމަށާއި މީހުންގެ ސަމާލުކަން ހޯއްދަވައި މޮޅު ވާހަކަދެއްކެވުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ރައީސް ސާލިހަށް ވަރަށް ބޮޑަށް ތަޢުރީފް ކުރަށްވައި ވާހަކަ ދައްކަވަމުންދާއިރު، އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދާއި ރައީސް ސާލިހަށް ތާއީދު ކުރާ މީހުން ދެބަޔަށް ބެހި ދެ ފެކްޝަނެއް ވަނީ އުފެދިފައެވެ. އަދި ރައީސް ސާލިހުގެ ފެކްޝަން ވަރުގަދަވަމުން ދާކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް ރައީސް ނަޝީދާ އެއްކޮޅަށް އެމްޑީޕީގެ ގޮފިތަކުން ބަޔާންތައް ނެރެމުން ދާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

ވެރިކަމުގެ ނިޒާމުގެ މައްސަލައާއި ބައެއް ސިޔާސީ ކަންކަމުގައި ދެބޭފުޅުންގެ ވިސްނުންފުޅު ވަރަށް ބޮޑަށް ތަފާތުވުމުގެ ނަތީޖާއެއްގެ ގޮތުން ދެބޭފުޅުންގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން ރައީސް ޞާލިޙާއެކު ސިޔާސީ މަސައްކަތް ނުކުރެއްވޭނެ ކަމަށާއި ރައީސް ޞާލިހާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލައްވާފައިވާ ކަމަށް ރައީސް ނަޝީދު މިހާރު ވަނީ އިޢުލާން ކުރަށްވާފައެވެ. ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ސިޔާސީ މަސައްކަތުގައި އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެން ކުރިއަށް ވަޑައިގަންނަވަން ތައްޔާރަށް ހުންނެވިކަންވެސް އިޢުލާން ކުރަށްވާފައެވެ.

ރައީސް ނަޝީދާ ރައީސް ޞާލިހާ ދެމެދު އެންމެ ބޮޑަށް ގުޅުން ގޯސްވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ރައީސް ނަޝީދު ކުރަށްވާ މަސައްކަތްޕުޅުގައި ރައީސް ޞާލިހުގެ އެއްބާރުލުން ލިބިވަޑައި ނުގެންނެވުމާއި ނަފުރަތުގެ އަމަލުތައް ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް ގެންނަން ހުށައަޅާފައިވާ އިސްލާހުތައް މިހާރު ހުށައަޅާފައިވާ ގޮތަށް ފާސްކުރުމާމެދު ރައީސް ޞާލިހުގެ ފެކްޝަނުން ނުވަތަ ސަރުކާރުން ޚިޔާލު ތަފާތުވުމުންނެވެ.

ރައީސް ނަޝީދު މިހާރު އިއްތިހާދުވާން ބޭނުންފުޅުވަނީ ނަފުރަތުގެ އަމަލުތައް ހުއްޓުވަން ހުށައަޅާފައިވާ ބިލަށް ތާއީދުކުރާ، ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ، އިންޑިއާ އައުޓް ކެމްޕޭނާ ދެކޮޅު، މިއުޒިކަށް ތާއީދުކުރާ އިސްލާމްދީނާ ދެކޮޅުވެ ހަޖޫނުޖަހާ މެދުމިނުގެ ސިޔާސަތެއް ގެންގުޅޭ ބަޔަކާއި އެކުގައި ކުރިއަށް ވަޑައިގަންނަވާންކަން އެމަނިކުފާނުވަނީ ހާމަކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން