ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ
ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ
ދިވެހިރާއްޖޭގެ އިގްތިސާދު ހިފެހެއްޓުމުގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން މުހިންމު ދައުރެއް އަދާކުރި ކަމަށް އެބޭންކްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވެއްޖެއެވެ.

މިއަދު އޮންލައިންކޮށް ބޭއްވި ބޭންކް އޮފް މޯލްޑިވްސް ގެ އަހަރީ އާންމު ޖަލްސާގައި ކޮވިޑްގެ ބަލިމަޑުކަމުގައި ގައުމަށް އެހީވުމަށް ބޭންކުން އަދާކުރި މުހިންމު ދައުރު ފާހަގަ ކުރައްވައި ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ، މި ހައްސާސްދަތި އުދަނގޫ ދަނޑިވަޅުގައިވެސް ދިވެހި ރައްޔިތުންނަށް އެހީތެރިވުމުގައި ބޭންކް އޮފް މޯލްޑިވްސް ދެމިއޮންނާނެކަމަށެވެ.

"ދިވެހިރާއްޖެ ވެގެން ދިޔައީ މި ބަލިމަޑުކަމުގެ އަސަރު އެންމެ ބޮޑަށް ކުރި އެއްގައުމަށް. ކޮވިޑްގެ ސަބަބުން ދިމާވެދާނެ އިގްތިސާދީީ ހީނަރުކަން ކުރިން ދެނެގަނެވި ގައުމަށް އެހީވުމަށާއި އިގްތިސާދު ހީނަރުވެނުދިނުމަށް އަޅުގަނޑުމެން ވާނީ ސްޓްރެޓަޖީއެއް އެކުލަވާލާފަ. މި ދަނޑިވަޅުގައިވެސް މެދުކެނޑުމެއްނެތި ބޭންކިންގ ހިދުމަތް ކުރިޔަށް ގެންގޮސް ކޮޮވިޑްގެ ސަބަބުން މާލީ ގޮތުން އަސަރުކޮށްފައިވާ ކަސްޓަަމަރުންނަށް އެހީވުމަށް ޝޯޓް ޓަރމް ފައިނޭނަސިންގ އެއް ދޫކުރެވި އަދި ބޭންކުން ނަގާފައިވާ ލޯނު އަނބުރާދެއްކުން ފަސްކޮށްދިނުމުގެ އިތުރުން ސަރުކާރުގެ ލޯނު ސްކީމްތައް މެނޭޖްކުރުމުގައި އެހީތެރިވެދެވުނު." ސޯޔަރ ވިދާޅުވިއެވެ.

މިގޮތުން އީއައިބީ ކޮވިޑް-19 ރިކަވަރީ ލޯނާއި ދާދި ފަހުން ފެށި އިކޮނޮމިކް ސްޓިމިއުލަސް ލޯނު ދޫކުރުމަށް އެހީތެރިވިކަން ޓިމް ސޯޔަރ ފާހަގަ ކުރެއްވިއެވެ. އަދި ކޮވިޑް ސްޓްރެޓަޖީގެ މުހިންމު ބަޔަކަށްވީ ލިކުއިޑިޓީ ޕްރެޝަރ ކުޑަކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ފަންޑިންގ ރާއްޖޭން ބޭރުން ހޯދުން ކަމުގައި ވެސް ސޯޔަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މި ސްޓްރެޓަޖީ ކާމިޔާބުކަމަށް ސާބިތުވި. މިގޮތުން އެކިއެކި މާލީ އިދާރާތަކާ ގުޅިގެން ފަންޑިންގެ ގޮތުގައި ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު ހޯދިފައިވާކަން ފާހަގަކޮށްލަން. ހަމައެހެންމެ މި ދަނޑިވަޅުގައިވެސް ގައުމަށް އިތުރަށް އެހީތެރިވުމުގެ ގޮތުން އެކަށޭނަ އަދަދަކަށް ބޭރުފައިސާ ގެ ރިސާރވް ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރެވުނު." ޓިމް ސޯޔަރ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ނަތީޖާއަށް އަލިއަޅުވާލަމުން ޓިމް ވިދާޅުވީ އެއަހަރު ކާމިޔާބު ކަމާއެކު ފެށިގެން ދިޔަނަމަވެސް ކޮވިޑް ގެ ބަލިމަޑުކަމުގެ ސަބަބުން އާމްދަނީ ވަަރަށް ބޮޑަށް ދަށްވެ ބޭންކަށް އެކަމުގެ ބޮޑު ނޭދެވޭ އަސަރެއް ކުރި ކަމަށެވެ. އަދި އަހަރު ނިމުނުއިރު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 325 މިލިއަން ރުފިޔާ ލިބިފައިވާއިރު 2019 ވަނަ އަހަރާ އަޅާބަލާއިރު މިއީ 60 އިންސައްތައަށް ވުރެ ބޮޑު ދަށްވުމެއްކަން ޓިމް ފާހަގަ ކުރެއްވި އެވެ. މިދަށްވުމާއެކުވެސް ބޭންކަށް ދިޔައީ ކުރިއެރުން ލިބެމުން ކަމަށާއި، މިގޮތުން 12،000 އައު ކަސްޓަމަރުން ބޭންކާ އަލަށް ގުޅުނު ކަމަސް ޓިމް ވިދާޅުވިއެވެ. އަދި އައު ލޯނުގެ ގޮތުގައި މިދިޔަ އަހަރު 3 ބިލިއަން ރުފިޔާ ދޫކުރިކަން ޓިމްވަނީ ފާހަގަ ކުރަށްވާފައެވެ.

ޓިމް ސޯޔަރ އިތުރަށް ވިދާޅުވީ، މިއަދު މިތިބީ މިދިޔަ އަހަރުގެ މިހިސާބުގައި ތިބި ހާލަތަށް ވުރެ ރަނގަޅު ހާލަތެއްގައި ކަމަށެވެ. އަދި މި އަޑިގަނޑުން އަރައިގަންނާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އުނދަގޫތަކާ ކުރިމަތިވާނެ ކަން ސޯޔަރ ފާހަގަ ކުރެއްވިއެވެ.

"މިއާއެކުވެސް ދެމެހެއްޓެނެވި ކުރިއެރުމަކަށް މިކަންކަމުން އަރައިގަތުމުގެ ހިތްވަރު އެބަހުރި، މުޅިން އަލަށް ތައާރަފް ކުރެވޭ އައު ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރެވިގެންދާނެ. ނަމަވެސް އެންމެ މުހިންމުކަމެއްގެ ގޮތުގައި ދެކެނީ ބޭންކުގެ ސްޓްރެޓަޖީގައި ހިމެނޭ ކަންކަން ނިންމާނެ ރަނގަޅު ޓީމެއް ބޭންކުގައި އޮތުން." ޓިމް ސޯޔަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން