އޮލިމްޕިކްސް މުބާރާތުގެ ގިނަ އިވެންޓުތަކަށް ބެލުންތެރިން ނުވައްދާގޮތަށް ނިންމައިފިކަމަށް ބައިނަލްއަގުވާމީ އޮލިމްޕިކްސް ކޮމިޓީ އަދި މިއަހަރުގެ އޮލިމްޕިކްސް މުބާރާތް ރާވާ ހިންގުމުގައި ބައިވެރިވާ ފަރާތްތަކާ ހަވާލާދީ ޖަޕާނުގެ ނޫހަކުން ރިޕޯޓުކޮށްފިއެވެ.

މިދިޔަ އަހަރު ބޭއްވުމަށް ފުރަތަމަ ހަމަޖެއްސި އޮލިމްޕިކްސް މުބާރާތް މިއަހަރަށް ފަސްކުރެވިފައިވަނީ ކޮވިޑުގެ ބަލިމަޑުކަމާއެކުއެވެ. މިގޮތުން މިއަހަރު ޖަޕާނުގެ ޓޯކިޔޯގައި ބާއްވާ އޮލިމްޕިކްސް މުބާރާތް އޮންނާނީ މިހިނގާ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.

މިމަހު އޮލިމްޕިކްސް މުބާރާތް ފެށުމަށް ނިންމާފައިވީނަމަވެސް ޖަޕާނުގައި ކޮވިޑް ކޭސްތައް ގިނަވަމުންދިއުމާއިއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެކި މަޝްވަރާތައް ކުރެވެމުންދިޔައެވެ. އަދި ކޮވިޑް ކޭސްތައް ގިނަވިނަމަވެސް މުބާރާތް އިތުރަށް ފަސްނުކޮށް ކުރިއަށް ގެންދިއުމަށް ބައިނަލްއަގުވާމީ އޮލިމްޕިކްސް ކޮމިޓީ އަދި މިއަހަރުގެ އޮލިމްޕިކްސް މުބާރާތް ރާވާ ހިންގުމުގައި ބައިވެރިވާ ފަރާތްތަކުން މީގެ ކުރިން ވެސް ވަނީ ހާމަކޮށްފައެވެ.

މިގޮތުން މިއަހަރުގެ އޮލިމްޕިކްސް މުބާރާތް ފަށާ ރަސްމިއްތާތަށް އާންމުނަށް ނުވަދެވޭގޮތައް ހަދައި، މިހަފްލާއަށް ވަދެވޭނީ ވަކި ހާއްސަ ދައުވަތުތަކެއް ލިބިފައިވާ ފަރާތްތަކަކަށް އެކަނި ކަމަށް ބައިނަލްއަގުވާމީ އޮލިމްޕިކްސް ކޮމިޓީ އަދި މިއަހަރުގެ އޮލިމްޕިކްސް މުބާރާތް ރާވާ ހިނގުމުގައި ބައިވެރިވާ ފަރާތްތަކާ ހަވާލާދީ ޖަޕާނުގެ ނޫހަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި މިމުބާރާތުގައި ބޮޑެތި ސްޓޭޑިއަމްތަކުގައި ބޭއްވޭ ހަރަކާތްތަކުގެ އިތުރުން ރޭގަނޑު 9 ގެ ފަހުން ބޭއްވޭ ހަރަކާތްތަކަށްވެސް ވަކި ހާއްސަ ދައުވަތުތަކެއް ލިބިފައިވާ ފަރާތްތަކެއް ފިޔަވާ އެހެން ބަޔަކަށް ނުވަދެވޭނެކަމަށްވެއެވެ.

މީގެއިތުރުން މިމުބާރާތް ބަލާލުމަށް ވަދެވޭ އިވެންޓު ތަކުގައިވެސް ވަދެވޭނީ ހަމައެކި ޖަޕާނުގައި މިވަގުތު ތިބި ފަރާތްތަކަށްކަމުގައި އޮލިމްޕިކްސް މުބާރާތް ރާވާ ހިނގުމުގައި ބައިވެރިވާ ފަރާތްތަކުން ބުނެފައިވެއެވެ. މިގޮތަށް މީހުން ވައްދާއިރުވެސް ކުޅިވަރުތައް ބަލަން ވަދެވޭނީ ކޮންމެ ދަނޑަކަށްވެސް ގިނަވެގެން 10،000 މީހުން ނުވަތަ، ދަނޑުގެ ޖާގައަށް ބަލައި އެދަނޑަކަށް ޖުމްލަ ވަދެވޭނެ މީހުންގެ 50 އިންސައްތަ މީހުންނަށެވެ.

މިއަހަރުގެ އޮލިމްޕިކްސް މުބާރާތަށް އެފަދަ އުސޫލުތަކެއް ކަނޑައަޅާފައިވަނީ އެންމެންގެ ރައްކާތެރިކަމަށްޓަކައި ކަމަށްވެސް ޖަޕާނު ސަރުކާރުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން