ކޮވިޑް ވެކްސިނުގެ ދެޑޯޒު ދެބްރޭންޑަކުން ދިނުމުން ދިފާއީނިޒާމަށް ލިބޭ ފައިދާ ބޮޑުކަމަށް ދިރާސާ އަކުން ދައްކައިފިއެވެ.

އޮކްސްފޯޑު ޔުނިވަރސިޓީއިން ކުރި މިދިރާސާގައި، އެލްސްޓްރާޒެނެކާ ކޮވިޑް ވެކްސިނުގެ އެއްޑޯޒަށްފަހު ފައިޒަރ ކުންފުނީގެ ކޮވިޑް ވެކްސިނުން ދެވަނަ ޑޯޒު ފުރިހަމަ ކުރުމުން، އެލްސްޓްރާޒެނެކާ ކޮވިޑް ވެކްސިނުގެ ދެޑޯޒު ފުރިހަމަ ކުރުމާ އަޅާކިޔާއިރު، ކޮވިޑް ބަލިން ރައްކާތެރިކޮށްދިނުމަށް ދިފާއީނިޒާމު ހަރަކާތްތެރިވާ މިންވަރު އިތުރުވެގެން ދާކަމަށް ހާމަވެފައިވެއެވެ. މިދިރާސާގައި އެސްޓްރާޒެނެކާ ކޮވިޑް ވެކްސިނުގެ ފުރަތަމަ ޑޯޒަށްފަހު، ދެވަނަ ޑޯޒު އޭގެ ހަތަރު ހަފްތާ ފަހުން، ދީފައިވަނީ ފައިޒަރ ކުންފުނީގެ ކޮވިޑް ވެކްސިނުންނެވެ.

އޮކްސްފޯޑު ޔުނިވަރސިޓީގެ މިދިރާސާގައި ކޮވިޑް ވެކްސިނުގެ ދެޑޯޒު ދެބްރޭންޑަކުން ދީފައިވާއިރު، އެއްބްރޭންޑެއްގެ ކޮވިޑް ވެކްސިނަކުން ދެޑޯޒު ފުރިހަމަކޮށް ހަށިގަނޑުގައި އުފެދޭ އެންޓިބޮޑީސްއަށްވުރެއް، ކޮވިޑް ވެކްސިނުގެ ދެޑޯޒު ދެބްރޭންޑަކުން ހަށިގަނޑުގައި އުފެދޭ އެންޓިބޮޑީސްތައް އިތުރުވެގެން ދާކަމަށް ފާހަގަކޮށްފައިވެއެވެ.

މިއާއެކު ފުރަތަމަ ޑޯޒަށްފަހު ވެކްސިނުގެ ވަކި ބްރޭންޑެއް ނުލިބިގެން ދެވަނަ ޑޯޒު ނުޖަހައި ތިބެން މަޖުބޫރު ނުވާނެކަމަށް ޔޫރަޕުގެ ބައެއް ގައުމުތަކުގެ ސިއްހީ މާހިރުން ފާހަގަކޮށްފައިވެއެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވަރސިޓީގެ ކޮމް-ކޮވް ނަމަކަށް ކިއުނު މިދިރާސާގައި 830 މީހަކު މިހާތަނަށް ބައިވެރިވެފައިވެއެވެ. އަދި މިމީހުން ކޮވިޑް ވެކްސިނުގެ ދެޑޯޒު ފުރިހަމަ ކޮށްފައިވަނީ ހަތަރު ހަފްތާގެ ތެރޭގައެވެ.

މިފަދަ އިތުރު ދިރާސާއެއްގައި 12 ހަފްތާގެ ތަފާތަކުން ދެބްރޭންޑެއްްގެ ކޮވިޑް ވެކްސިންގެ ދެޑޯޒު ފުރިހަމަކޮށް އިތުރު ދިރާސާ ކުރެވޭނެކަމަށްވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން