ވެލާނާ ބައިނަލްއަގުވާމީ ވައިގެ ބަނދަރުގެ ސީ ޕްލޭން ލަފާފުރާ ސަރަހައްދު
ވެލާނާ ބައިނަލްއަގުވާމީ ވައިގެ ބަނދަރުގެ ސީ ޕްލޭން ލަފާފުރާ ސަރަހައްދު
ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ކޯވިޑާއެކު އެންމެ ފުރަތަމަ އެޅި ފިޔަވަޅަކީ ގައުމަށް ވަދެ ނުކުމެވާ ދޮރާށިތައް ނުވަތަ ބޯޑަރުތައް ބޭރުގައުމުތަކަށް ބަންދުކޮށްލުމެވެ. ރާއްޖޭގައިވެސް ކޯވިޑްގެ އާލަމީ ވަބާގެ އާކޮޅު އެކަން ކުރީ ހަމަ އެގޮތަށެވެ. އެހެން ނަމަވެސް ރާއްޖެއަކީ ދުނިޔޭގެ ގައުމުތަކާއި ވަރަށް ތަފާތުކޮށް އުފެދިފައި އޮތް ގައުމެކެވެ. ރާއްޖޭގެ ރަށްތަަކަކީ ވަކިވަކިން ދުރުދުރުގައި އުފެދިފައި އޮތް ރަށްތަކެކެވެ. ރާއްޖޭގެ އާބާދީ ބެހިފައި އޮތީ ވަކިވަކިން އޮތް މިދެންނެވި ރަށްތަކަށެވެ. އެހެންވީމާ ރާއްޖެ އޮތީ އެކިރަށް ވަކިވަކިން ލޮކްޑައުން ކުރެވޭ ގޮތަށެވެ. ކޯވިޑް ފެތުރޭ ރަށްރަށަށް އަރައިފޭބުން މަނާ ކުރުމުން އެރަށެއް ބަންދުވީއެވެ.

ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް މި ތަޖުރިބާ ކުރެވުނީ ކޯވިޑްގެ ފުރަތަމަ ރާޅާއެކު ގައުމުގެ ބޯޑަރުތައް ބަންދުކޮށްލާފައި އޭގެ ތިންމަސް ފަހުން އަލުން ބޯޑަރު ހުޅުވާލުމުންނެވެ. ބޯޑަރު ބަންދު ކުރުމަކީ ރާއްޖޭގެ އިގުތިސާދަށް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުންތަކެއް ލިބުނުވެސް ކަމެކެވެ. ބޯޑަރުތައް ބަންދުކޮށްލުމުން ރާއްޖޭގެ މުޅި އިގުތިޞާދު ހުއްޓުނީ އެވެ. އަނެއްކޮޅުން ރާއްޖޭގެ ބޯޑަރު ބަންދުކުރި ނަމަވެސް ޒަރޫރީ ބޭނުން ތަކަށް ބޯޑަރު ހުޅުވާން ޖެހުމަކީ ވެސް މިދެންނެވި ބޯޑަރު ތަޅުލައިގެން ތިބެވޭނެ ކަމާމެދު ސުވާލު އުފައްދަން ޖެހުނު ކަމެކެވެ.

ކޯވިޑްގެ ރާޅުތައް އަރައިގެން އަންނަ ކޮންމެ ފަހަރަކު ސަރުކާރަށް އަމާޒުވި އެންމެ ބޮޑު ފާޑުކިއުމަކީ ބޯޑަރު ބަންދު ނުކޮށްގެން ނޫނީ ބަންދުކުރުން ލަސްވެގެން ކިޔަމުންދިޔަ ފާޑުކިއުންތަކެވެ. ކޯވިޑްގެ އަދަދުތައް މައްޗަށް ދާއިރަށް ގިނަބައެއްގެ ވިސްނުމުގައި ފުރަތަމަ އޮންނަ ކަމަކީ ބޯޑަރުތައް ބަންދު ކުރުމެވެ. މިވެނި އެވެނި ގައުމެއްގައި ކޯވިޑްގެ އާވޭރިއެންޓެއް ފެތުރޭއިރުވެސް ނޫނީ އެގައުމުގައި ކޯވިޑްގެ ނުރައްކާ އިންތިހާއަށް ދާއިރުވެސް އެގައުމުން ފަތުރުވެރިން އައުން މަނާ ނުކުރާތީ ސަރުކާރަށް އަންނަ ފާޑުކިއުންތަކާ ހެދި މުޅި ސަރުކާރު ހާސްވެ ހަދާނެ ގޮތް ހުސްވެއެވެ. މީޑިއާތަކުގައި ހުއްޓުމެއް ނެތި ފާޑުކިޔައެވެ. ނުވިތާކަށް ނޫސްވެރިން ގޮސް ގައުމުގެ ވެރިމީހާ ކުރިމަތީގައި ތިބެ އިސްތިއުފާއަށް ވެސް ގޮވަނީއެވެ.

ހީވަނީ މާލޭގައި ކޯވިޑް ފެތުރި ދެހާހުން، ތިން ހާހުން މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަރަނީ ރާއްޖެއަންނަ ވަކި ގައުމެއްގެ ފަތުރުވެރިންގެ ސަބަބުންކަން ބައެއް ފަރާތްތަކަށް ކަށަވަރުވެ ޔަގީންވަނީ ހެންނެވެ. އެކަމަކު އެމީހުން އެއާޕޯޓުން އެތެރެވެފައި ފުރައިގެންދަނީ އެމީހަކު ޗުއްޓީ ހޭދަކުރަން އައި ރަށަކަށެވެ. ބަލި ފެތުރިއްޖެއްޔާ ރަށް ބަންދު ކުރަން ޖެހޭތީ ރަށުގެ ވެރިފަރާތުން އެންމެ އިސްކަންދޭ އެއްކަމަކީ އެޗްޕީއޭގެ ގައިޑްލައިނާއެއްގޮތަށް ކަންކުރެވޭތޯ ބެލުމެވެ. މި ގައިޑްލައިންގެ ސަބަބުން ރިސޯޓުގައި ނުވަތަ ފަތުރުވެރިންނަށް ޚިދުމަތްދޭ މުވައްޒަފަކު އާއިލާ ގާތަށް ރަށަށް ނުދެވޭތާ އެތައް ދުވަހެކެވެ. އެމީހުން މިހާރުވެސް އެކަމާ ޝަކުވާކޮށް ޕެޓިޝަނެއްގައި ސޮއިކުރަނީއެވެ. ގާނޫނުގައި އޮތަސް ގަވާޢިދުގައި އޮތަސް އެވެރިން ނައިޓަށް ރަށަށް ނުދާތާވެސް އެތައް ދުވަހެކެވެ.

ދެން އޮތީ ތަފާސް ހިސާބުގެ ވާހަކައެވެ. އެންމެ ފަހުން އާންމުކޮށްފައިވާ ރަސްމީ ތަފާސް ހިސާބު ތަކަށް ބަލާއިރު ރާއްޖެއަންނަ ފަތުރުވެރިން ކޯވިޑަށް ޕޮޒިޓިވްވާ މިންވަރު އެންމެ އެކެއް އިންސައްތައާއިވެސް ގާތް ނުކުރެއެވެ. އެކަމަކު ކޯވިޑްގެ ރާޅެއް ބިންދައިލާއިރަށް އަޑުން އަޑުނަގާފައި، ކަރުން ލޭނާރު ހިލޭވަރަށް ބާރަށް އަޅުގަނޑުމެން މިގޮވަނީ ގައުމަށް ފަތުރުވެރިން ނާރުވާށެވެ. ބޯޑަރުތައް ބަންދުކުރާށެވެ. އެކަމަކު އަދަދުތައް ދައްވާއިރަށް ކުޑަ ދުލެއް ދިނަސް އަޅުގަނޑުމެންނަށް ހީވަނީ އީދެއް އައިސްގެން އުޅޭ ހެންނެވެ. އަވަހަށް ކައިވެނި ޕާޓީތަކާއި ބާތުޑޭ ޕާޓީތައް ބާއްވައިގެން މަޖާކުރަން ފަށަނީއެވެ. ކާފިއު ގަޑި ޖެހެންދެން މާލޭގެ މަގުތައް އޮންނަނީ ފުރިފައެވެ. ފިހާރަތައް ފުރިފައެވެ. ސައިހޮޓާ ތަކާ ރެސްޓޯރެންޓްތަކާ ކެފޭތައް ފުރިފައެވެ. އެޗްޕީއޭގެ ގައިޑްލައިން އޮންނަނީ ސޭޓްގެ ވަތްގަނޑުގެ އެންމެ ފުލުގައެވެ. ސެނިޓައިޒާ ފުޅި ބަހައްޓަނީ ފުލުހުން ވަދެ ރެއިޑްކޮށް ޖޫރިމަނާ ކުރީމައެވެ. ހުއްޓަސް ވަންނަ މީހަކު އޭގައި އަތެއް ނުލައެވެ. ބައެއް ތަންތަނުގައި ފުޅި ހުންނަނީ އަބަދުވެސް އަގުދެއްކި ވަރަށް ފުރިފައެވެ. އެފުޅި އެއީ ހުސްވާ ފުޅިއެއް ނޫނެވެ. އެފުޅިއަށް ވަނީ އަތްދޮންނަ ތަށީ ކައިރީގައި ހުންނަ އަތްދޮންނަ ފުޅިއަށްވާ ގޮތެވެ. ހެދުނު އެފުޅިން އަންނާނީ އޮލަކޮށެވެ. މެންދުރުވާ އިރަށް ދިޔާވެގެން ކިރިޔާ ފޮނުއަރާހެން ހީވާނެއެވެ. ރޭގަނޑު ވާއިރު ފިތާލީމާ އަންނާނީ ފެންފޮދެކެވެ.

ދޮރުން ވަންނައިރު ހުންބަލާން ވެސް އުސޫލުގައި ނޫނީ ގައިޑްލައިންގައި އޮންނަ ކަމަށް ވެއެވެ. ހަމަ ގައިމުވެސް މި ކޯވިޑްގެ ތެރޭގައި އަޅުގަނޑަށް ދުވަސްކޮޅަކު ހުރެވުނު މިސަރަހައްދުގެ ތަންކޮޅެއް ތަހުޒީބުކަމަށް ކިޔާ ގައުމެއްގައި ފިހާރަތަކާއި ހޮޓާ، ކެފޭ ފަދަ ތަންތަނަށް ވަދެވޭނީ ހުން ބަލައި ނަންނޯޓުކޮށް އަތްދޮވެ ހަދައިގެންނެވެ. މިރާއްޖޭގެ 99 އިންސައްތަ މީހުން މިދެންނެވި ފަދަ ތަންތަނުގައި ހުންބަލައެއް ނޫޅެއެވެ. އެފަދަ އެއްޗެއް އަމުދުން ނުވެސް ފެނެއެވެ. ހޮޓާ، ކެފޭ ފަދަ ތަންތަނަށް ވަދެ އިށީދެ އުޅުމުގައި އެއްވެސް އުސޫލެއް ގައިދުރު ކަމެއް ނޯވެއެވެ. ހަމަ ކުރިން އޮންނަ ގޮތަށް ބައިހަދާފައި ގޮސް ގޮނޑި ދަމާލާފައި މޭޒު ވަށައިގެން އިށީންނަނީއެވެ. ސިނގިރޭޓްގެ ދިލަ ނާރާ ހަމަ އެއްވެސް މާލަމެއް ނުހުރެއޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ.

މަގުމައްޗަށް ނުކުންނައިރު އެންމެންގެ މާސްކް ދަތްދޮޅީގައެވެ. ކޮންމެ މީހަކު ރަނގަޅަށް މާސްކް އަޅައިތޯ ބަލަން، ފާރަވެރިވާން ކޮންމެ މީހެއްގެ ފަހަތުގައި ފުލުހަކު ބަހައްޓައިގެން ނޫނީ އެކަން ވާކަށް ނެތެވެ. ހަމަ ދުލެއް ދޭއިރަށް ފިނިބުރު ޖެހުމާއި ރަހުމަތްތެރިންގެ ގެއަށް ޒިޔާރަތް ކުރުމާއި ދަތުރު ދިއުމާއި މަސްދަތުރު ދިއުމެވެ. މިސްކިތްތައްވެސް ބަންދު ކުރީމާ ގޯހެވެ. އެކަމަކު ހުޅުވޭނީ ގައިދުރުކޮށްގެން ޖަމާއަތް ހަދާމަތިން ކަމަށް އުސޫލުގައި ބުނުމުން ސަރުކާރު ކަޑަވީއެވެ. މައިމޫނާއާއި ރައީސް މީހާ ލާދީނީ ވީއެވެ.

ފަތުރުވެރިން ރާއްޖެއަށް އައިސް މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ނާރުވައިވެސް ގެންގުޅެވޭން އޮތް އިރު އެކަން އެގޮތަށް ނުކުރާންވީ އެއްވެސް ސަބަބެއް ނުވިސްނެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރީ މައިގަނޑު ގޮތެއްގައި ތަރައްގީ ކޮށްފައި ވަނީ ދުނިޔޭގެ ކޮންމެ ބައްރަކުން ރާއްޖެއަށް ފަތުރުވެރިން އަޔަސް އެމީހުން ދިވެހި ރައްޔިތުން އުޅޭ އެއްވެސް ރަށަކަށް ނާރުވައި ގެންގުޅެވޭނެ ނޫނީ އެމީހުންނަށް ޚިދުމަތް ދެވޭނެ ގޮތަށެވެ. ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލީ ރާއްޖޭގެ އެދާއިރާގެ ތަޖުރިބާކާރު ބޭފުޅުންގެ ވިސްނުމާއެކު އެގޮތަށް އުސޫލުތައް ބައްޓަންކޮށް ރާވައިގެންނެވެ. ރާއްޖޭގެ މައި އެއާޕޯޓު އޮތީ މީހުން ދިރިއުޅޭ ރަށަކުނޫނެވެ. ފަތުރުވެރިޔާ އޭނާ އަންނަ ރިސޯޓަށް ދަތުރުކުރާ އުޅަނދުގައި އެމީހުންނާއެކު ދަތުރު ކުރަނީ ރިސޯޓުގައި ބަންދުވެގެން ތިބި މުވައްޒަފުންނެވެ. އެއާޕޯޓްގައި ތިބޭ މުވައްޒަފުންގެ ރައްކާތެރިކަމަށް އޮތީ ފިޔަވަޅުތައް އަޅާފައެވެ. ފަތުރުވެރިއާ ރާއްޖެއައިސް މިދެންނެވި އުޅަނދުގައި ސީދާ ދަނީ އޭނާ ހުންނަ ރިސޯޓަށެވެ. އެރިސޯޓުގައި ތިބި މީހުންވެސް އެތިބީ އެތަނުގައި ބަންދުވެގެންނެވެ. ރިސޯޓުގައި ހުރީ އެކަހެރި ކުރުމާއި ކަރަންޓީން ކުރުމާއި މުވައްޒަފުން އުޅޭނެ ގޮތުގެ އުސޫލުތައް ރޭވި ހެދިފައެވެ. އެމީހުން އަމަލު ކުރަނީ އެގޮތަށެވެ.

އެކަމަކު ދުލެއް ދޭއިރަށް ރަށްރަށަށް ގޮސް އިންތިހާބުތަކަށް ކެމްޕޭން ކޮށްފައި އަޅުގަނޑުމެން އުޅޭނެ ގޮތަކަށް އުޅެފައި ކޮވިޑް ފެތުރެން ފެށީމާ ގޯސްވަނީ ގައުމަށް ޑޮލަރު ވައްދައިދޭ ފަތުރުވެރިޔާއެވެ. އެމީހުން ގެންނާތީ، ބޯޑަރު ހުޅުވާތީއެވެ. ވަކި ގައުމަކުން ރާއްޖެއަށް ފަތުރުވެރިން އައުން މަނާ ނުކުރާތީއެވެ. ތިމާމެންގެ އެއްވެސް ފަރުދީ ޒިންމާއެއް ނެތެވެ. ބޭރުގައި އުޅޭނެ ގޮތަކަށް އުޅެފައި ވަންނާނެ ތަނަކަށް ވަދެ ބައްދަލު ކުރާން ބޭނުންވާހާ ބަޔަކާ ބައްދަލުކޮށްފައި ގެއަށް އައިސް މާމައާއި ކާފަ ކައިރީގައި އެއްވެސް ވިސްނުމެއް ފިކުރެއް ބިރެއްވެސް ނެތި އުޅެފައި ތިމާގެ ސަބަބުން އެމީހުން ބައްޔަށް ޕޮޒިޓިވްވެ ހާލު ދެރަވެ އައިސީޔޫއަށް ލާން ޖެހުނީމާވެސް ގޯސްވަނީ ސަރުކާރާ ވެރިމީހާއެވެ.

މިހާތަނަށް ކޯވިޑްގައި ދިވެހި ރާއްޖެ މިކުރި ތަޖުރިބާއިން އެންމެ ރަނގަޅަށް ކޯވިޑް ކޮންޓްރޯލް ކުރާނެ ގޮތް ނޫނީ ކުރެވޭނެ ގޮތް މިހާރު ސަރުކާރަށް ވެސް ސިއްހީ ދާއިރާއަށްވެސް ރައީސުލްޖުމްހޫރިއްޔާއަށް ވެސް ވަރަށް ރަނގަޅަށް އެނގި ދަސްވެއްޖެއެވެ. ދޫކޮށްލައިފިއްޔާ ގިނަ ދިވެހީން ބަހެއް ނާހާނެކަން އެނގިއްޖެއެވެ. އެހެންވީމާ ދުލެއް ދީފާ ފެތުރެން ފެށީމާ އެންމެން ގޭބަންދުކޮށްފައި ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކާ އޮފީސްތައް ބަންދުކޮށްލީމާ އިސާހިތަކު ކޯވިޑް ކޮންޓްރޯލް ވީއެވެ. ކޯވިޑް ފެތުރޭ ރަށްރަށަށް އަރާފޭބުން މަނާކޮށްފައި ކޯވިޑް އުޅޭ ގެތައް ވެސް ބަންދުކޮށްލީމާ އިސާހިތަކު ބަލި ކޮންޓްރޯލްވީއެވެ. އެނޫން ގޮތަކަށް އެކަން ވާން ނެތްކަން މިގައުމުގެ ތަޖުރިބާއިން ވެރީން ދަސްކުރަށްވައިފިއެވެ.

އެއީ މީހަކު ކިޔައިދޭން ޖެހޭނެ ތަޖުރިބާއެއް ނޫނެވެ. މިފަހަރުވެސް ދެހާހުން މައްޗަށް ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ދިޔައީމާ އެންމެން ގެއަށް ވައްދާފައި ބަންދު ކުރީއެވެ. ކާފިއު ގަޑި ނޫނަސް އެއްވެސް އިރެއްގައި ފާސް ނުލައި ބޭރަށް ނުކުތުން މަނާކުރީއެވެ. މަހެއްހާ ދުވަހު އެގޮތުގައި ހިފަހައްޓައިލީމާ ކޯވިޑް ކޮންޓްރޯލްވީއެވެ. ރައީސް ވިދާޅުވި ފަދައިން ބޮޑު ޗުއްޓީގައި މިފަހަރު ގޭގައި މަޑުކޮށްލައްވާށެވެ. އެންމެން ވެކްސިން ޖަހައި ނިމުނީމާ ބޮޑު ޢީދާއި ޖުލައި ސައްބީހުގެ ބަންދުގައި ޗުއްޓީއަށް ދާނީއެވެ. ބަސްނާހާ ކުދިން ގެންގުޅެވޭނީ މިކަހަލަ ގޮތަކަށެވެ.


ކިޔުންތެރިންގެ ހިޔާލު


14

ޭެއެމްޑީޕީ

09-Jul-2021

މިދުހަތު އާދަމް މިލިޔުނު އިރުގަ ހުރީ ހަމަހޭގަބާ. ބޯޑަރ ހުޅުވާލައިގެއް ސީދާ އެޔާޕޯޓް އިން ހިދުމަތް ލިބި އެތަނުންފުރާއިގެ ދަނީ ރިޒޯޓަށް އަދިހަމަ އެބުނާ ރިޒޯޓް މުވައްޒަފުން ތިބީ ފަތުރުވެރިންނަށް ހިދުމަތް ދޭތީވެ ރިޒޯޓް ބަންދުގަ އާއިލާ ކާއިރިއަށް ރަށަށް ނުގޮސް އޯކޭ. އެންމެ ފުރަތަމަ އެޔާޕޯޓް އިން ފަތުރުވެރިޔާ އަށް ހިދުމަތްދޭން ހުންނަ އެއްކަލަ ދަތްދޮޅީގައި މާސްކް އެޅި ދިވެހި މީހާ ކޯވިޑް ހިފާއިގެން ޑިއުޓީ ނިންމާފަ އާއިލާ އާއި އެކުގަ ނިދަން ދިވެހި ރާއްޖޭގެ ވެރިކަން ކުރާ ސިޓީ މާލެ ސިޓީއަށް އެއްވެސް ހިފެހެއްޓުމެއްނެތި ދެވިފާ އެއްކަލަ ފަތުރުރުވެރިޔާ ސީދާ ފުރާއިގެން ދިޔަ ރިޒޯޓްގަ ހުރި ދިވެހި މީހާ އަށް އާއިލާ ކާއިރި އަށް ނިދަން ނުދެވެނީ މިބުނި ދިވެހި މީހާ ފަތުރުވެރިޔާ އަށް ހިދުމަތްދޭން ކަނޑައެޅިފައިވަނީ ފަތުރުވެރިޔާގެ އަނގާއިގެ ތެރޭގަ ވީމާތޯ ރިޒޯޓްގެ މެނޭޖްމަންޓްގައި އަހާލައި އޮޅުންފިލުވާލަން އަޅުގަނޑު ބޭނުންވޭ. އެހެންވީމާ މިބުނީ ހުޅުލޭގެ އެޔާޕޯޓްގެ މުވައްޒަފުންނޭ ކޯވިޑް އުފުއްލާލައިގެން މާލެ ދަނީ. މީކީ މާލެގަ ދިރިއުޅޭ މީހުންގެ މައްސަލަ އެއްނޫން މީ ހަމަ ބޯޑަރ ހުޅުވާލައިގެން ފަތުރުވެރިޔާއަށް ފުރަތަމަ ހިދުމަތް ދޭން ތިބި ދަތްދޮޅީގައި މާސްކް އެޅި ދިވެހިންގެ މައްސަލަ. އަދި އެޔާޕޯޓް މުވައްޒަފުން ފަތުރުވެރިންނަށް ހިދުމަތް ދީފައި މާލެ އަށް އެމީހުންނަށް އާދެވޭގޮތަށް ދޫކޮއްލުން އެއީ އެޔާޕޯޓްސް ކޮމްޕެނީ އާއި ދިވެހި ސަރުކާރުގެ މައްސަލަ.


5

އައިސަ

09-Jul-2021

މީ ގައި މިއޮތީ ހުސް ތެދު ވާހަކަ


8

ކީކޭބުނާނީ

09-Jul-2021

ރާއްޖެ އަށް ކޮވިޑް ކޮންޓްރޯލް ކުރެވުނީ ސަރުކާރު ނުވަތަ މީހެއްގެ މޮޅު ކަމަކުން ނޫން. ﷲ ތަޢާލާގެ އޯގާވަންތަވެރި ކަމުގެ ބޮޑުކަމުން. އެއީ ބަލި ވުޖޫދަށް އައުމުގެ ވެސް އަދި ނެތި ދިއުމުގެ ވެސް ސަބަބު. ބޮޑާވުމުގެ ހައްޤެއް އެކަކަށް ވެސް ނެތް. ﷲ اكبر...


9

ހުތްެދޮންބެ

30-Jun-2021

ކަލޭ ތިހުރީ ބުރާންތި އަރާފަތަ


6

އާދަނު

30-Jun-2021

ރާއްޖެ އަކީ މިބަލި އެންމެ ފަސޭހައިން ކޮންޓްރޯލް ކުރެވޭނެ ގައުމު އެކަމު ފެއިލް ވަމުން ދާތަން ފެނަނީ ކަންކަން ނުވީމަ ފަރުދީ ޒިންމާއޭ ކިޔާފަ ރައްޔިތުން ބޮލަށް ކަންޑާލަނީ ބޯޑަރު ބަންދު ކުރި ވާހަކަ ކިޔާ އިރު ބޭރުން މީހުން ނައީމަ ބަންދު ކުރީ ނުވާތަކަށް އިންޑިޔާ ވޭރިއަންޓް ގަދަޔަށް ފެތުރެންބފެށި އިރު އެހެން ގައުމުތަކުން އިންޑިޔާ ބޯޑަރު ބަންދު ކުރި އިން ރާއްޖެއިން އެމީހުން ކަރަންޓިނު ވާތާކަށް ހެދީ


15

މެހެބޫބު

30-Jun-2021

ހުޅުމާލޭގަ ތިޔަ އިންޑިޔާ ގްރޫޕްތައް އުޅުނީ އުޅޭނެ ގޮތަކަށް. މީ ސިޔާސީ ވާހަކައެއް ނޫން. ހަގީގަތް. މިތާކު ތިޔަ ގަވައިދު ހިފެހެއްޓި ބަޔަކު ނެތް. ހުޅުމާލޭގަ ދިރިއުޅޭ ކޮންމެ މީހެއް ކައިރީ އެހިޔަސް މީ ތެދެެއ ކަމަށް ބުނާނެ. އިންޑިއަން ވޭރިއްންޓް ފެތުރި މީހުންގެ ފުރާނަދާން ދިމާވި އެއް ސަބަބު މީ


7

އަހަރެން

30-Jun-2021

މީގެ މިޔޮތީ ހަމަ ތެދު ހަގީގަތް. ކިރިޔާ ލުޔެއް ދޭއިރަށް މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ހީވަނާ އީދު އައްނަ ހެން.



ޓްރެންޑިން