އެމެރިކާގެ ރައީސް ޖޯ ބައިޑެން.
އެމެރިކާގެ ރައީސް ޖޯ ބައިޑެން.
އެމެރިކާއިން ހިލޭ ފޯރުކޮށްދޭ ކޮވިޑް ވެކްސިން ގައުމުތަކަށް ފޮނުވުމުގައި ލަސްތަކެއް ވެދާނެ ކަމަށް ލަފާކޮށްފިއެވެ.

އެމެރިކާއިން ހިލޭ އެހީގެ ގޮތުގައި ކޮވިޑް ވެކްސިނުގެ 80 މިލިއަން ޑޯޒު މިމަހުގެ ނިޔަލަށް، ވެކްސިނަށް ބޭނުންޖެހިފައިވާ އެކި ގައުމުތަކަށް ފޯރުކޮށްދިނުމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ މިދިޔަ މަހު އިއުލާނު ކުރަށްވާފައެވެ. ނަމަވެސް ވެކްސިން އެކިގައުމުތަކަށް ފޯރުކޮށްދިނުމުގައި އެކި ގޮންޖެހުންތައް ހުރިކަމަށް އެމެރިކާ ސަރުކާރުން މިދިޔަ ހޯމަ ދުވަހު ވަނީ ހާމަކޮށްފައެވެ.

މިއާއެކު މިހިނގާ ޖޫންމަސް ނިމެންވާއިރަށް ކޮވިޑް ވެކްސިނުގެ 80 މިލިއަން ޑޯޒު ފޯރުކޮށް ނުދެވުނަސް، މީގެ ތެރެއިން 55 މިލިއަން ޑޯޒު ފޯރުކޮށްދެވޭނެ ގޮތުގެ ތަފްސީލު އެމެރިކާގެ ވައިޓްހައުހުން ވަނީ މިދިޔަ ހޯމަ ދުވަހު އާންމުކޮށްފައެވެ.

އެމެރިކާގެ ވައިޓްހައުހުން ނެރެފައިވާ ބަޔާނުގައި ބުނާގޮތުންނަމަ، އެމެރިކާއިން ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދޭ ކޮވިޑް ވެކްސިނުގެ 55 މިލިއަން ޑޯޒުގެ ބޮޑުބައެއް ފޯރުކޮށްދެވޭނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޯވެކްސް ފެސިލިޓީ މެދުވެރިކޮށެވެ. ކޯވެކްސް ފެސިލިޓީގެ ދަށުން މިވެކްސިން އެހީގެ 14 މިލިއަން ޑޯޒު ލެޓިން އެމެރިކާގެ ގައުމުތަކާއި، ކެރިބިއަން ސަރަހައްދުގެ ބައެއް ގައުމުތަކަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވެކްސިނުގެ 16 މިލިއަން ޑޯޒު، އޭޝިއާގެ ބައެއް ގައުމުތަކަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭޝިއާއިން ވެކްސިނުގެ އެހީ ލިބޭ ގައުމުތަކުގެ ތެރޭގައި، އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް، ޕާކިސްތާން، ސްރީލަންކާ، ދިވެހިރާއްޖެ އަދި އަފްގާނިސްތާނުވެސް ހިމެނެއެވެ. ކޯވެކްސް ފެސިލިޓީގެ ދަށުން ކޮވިޑް ވެކްސިނުގެ 10 މިލިއަން ޑޯޒު އެފްރިކާގެ ގައުމުތަކަށް ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އަދި މިވެކްސިން ގައުމުތަތަކަށް ގެންދިއުމުގައި ދަތުރުފަތުރުގެ ބޮޑެތި ގޮންޖެހުންތަކާއިއެކު، ލަސްތަކެއް ކުރިމަތިވިނަމަވެސް، ހިލޭ ފޯރުކޮށްދޭ މިވެކްސިން ވީހާވެސް އަވަހަކަށް ކަނޑައެޅިފައިވާ ގައުމުތަކަށް ފޯރުކޮށްދޭން މަސައްކަތްކުރާނެކަމަށްވެސް އެމެރިކާގެ ވައިޓްހައުހުން ނެރެފައިވާ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެމެރިކާއިން ހިލޭ އެހީގެ ގޮތުގައި ކޮވިޑް ވެކްސިނުގެ 80 މިލިއަން ޑޯޒު މިމަހުގެ ނިޔަލަށް، ވެކްސިނަށް ބޭނުންޖެހިފައިވާ އެކި ގައުމުތަކަށް ފޯރުކޮށްދިނުމަށް ނިންމާފައިވާއިރު، އަދި ފޯރުކޮށްދެވިފައިވަނީ މީގެތެރެއިން 10 މިލިއަން ޑޯޒެވެ.


ކިޔުންތެރިންގެ ހިޔާލު


7

Ibrahim

24-Jun-2021

Kudakudhin lavvaa masthuvaa thakethi vikkaa viyaafaarikuraameehun umurah jalahlaafa maafu nudheveygoiyhadhanvee eyrah huttidhaane



ޓްރެންޑިން