ބަންގްލަދޭޝްގެ ކުންފުންޏަކުން ތައްޔާރުކޮށްފައިވާ ކޮވިޑް ވެކްސިނުގެ ކްލިނިކަލް ޓްރަޔަލްސަތައް ނުވަތަ ވެކްސިނުގެ ރައްކާތެރިކަމާމެދު ކުރަންޖެހޭ އަޖުމަބެލުމުގެ ތަހުލީލުތައް ފެށުމަށް، ބަންގްލަދޭޝްގެ މެޑިކަލް ރިސާޗް ކައުންސިލުން ހުއްދަދީފިއެވެ.

މިހުއްދައާއިއެކު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ގްލޯބަލް ބައޯޓެކް ލިމިޓެޑް (ޖީބީއެލް) އިން އުފައްދާފައިވާ "ބަންގަވެކްސް" ގެ ތަހުލީލުތައް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް އެކުންފުނިން ހާމަކޮަށްފައިވެއެވެ. އަދި ހުއްދަ ލިބިފައިވާގޮތުންނަމަ މިތަހުލީލުތަކުގައި އިންސާނުންނަށް ވެކްސިން ދިނުމުގެ ކުރިން، ފުރަތަމަ ބޭނުންކުރަން ޖެހެނީ ޖަނަވާރެވެ. މިއާއެކު ފުރިހަމަ ނަތީޖާއެއް ނެރެވެން ދުވަސްތަކެއް ނަގާނެކަމަށް ވިޔަސް، ތަހުލީލުތައް ފުރިހަމަކުރުމަށް މަސައްކަތް ހުއްޓާނުލާ ކުރިއަށްދާނެކަމުގެ ޔަގީންކަން އެކުންފުނިން ވަނީ ދީފައެވެ.

ބަންގަވެކްސް އަކީ މޮޑަރނާ އަދި ފައިޒަރ ކުންފުނީގެ ކޮވިޑް ވެކްސިން ފަދައިން އެމްއާރްއެންެއޭ ވެކްސިނެކެވެ. މިފަދަ ވެކްސިންތަކުން ހަށިގަނޑުގައި ހުންނަ ސެލްތައް މެދުވެރިކޮށް ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ބޭނުންވާ ޕްރޮޓީން އުފައްދައެވެ. އަދި ބަންގަވެކްސް ތައްޔާރުކުރުމުގައި އެމްއާރްއެންެއޭއާއި އެހެން އެއްވެސް ވައިރަހަކާއި އެއްކޮށްފައި ނުވާނެކަމަށްވެސް މިވެކްސިން އުފެއްދި ޖީބީއެލް ކުންފުނިން ހާމަކޮށްފައިވެއެވެ.

މިވެކްސިންގެ ތަހުލީލުތައް ކާމިޔާބުވެއްޖެނަމަ، މިވެކްސިނުގެ އަގު 10 ޑޮލަރާއި 15 ޑޮލަރާއި ދެމެދުގެ އަގެއްގައި ހިފެއްހެއްޓޭނެކަމަަށްވެއެވެ. މިއާއެކު މިވެކްސިން ވެގެންދާނީ، މޮޑަރނާ އަދި ފައިޒަރ ކުންފުނީގެ ކޮވިޑް ވެކްސިންތައް ވިއްކާ އަގާ އަަޅާބަލާއިރު، 7 ޑޮލަރު އަގުހެޔޮ ވެކްސިނަކަށެވެ.

މިވެކްސިނުގެ ލެބް ޓްރަޔަލް ތަކުގައި ވެކްސިނުގެ އެންމެ ޑޯޒަކުންވެސް 100 އިންސައްތައާއި ހަމައަށް ކޮވިޑު ބަލިން ރައްކާތެރިވެވޭކަމަށް ދައްކާފައިވާކަމަށް މިވެކްސިން އުފެއްދި ޖީބީއެލް ކުންފުނިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން