ޞާދިރު ޢަލީދީދީ   6 މޭ 2020 - 22:26
ފެންކޫލަރު
ފެންކޫލަރު
އިހުޒަމާނުގައި ސަރުކާރު އޮފިސްތަކަކު އެއަރކޯނެއް ނުހުރެއެވެ. ހުންނަނީ އެނބުރޭ ފަންކާއެވެ. އެހެންކަމުން މެންދުރު ގަޑިއަކީ އޮފީސްތަކުގެ އެތެރޭގައި ވަރަށް ހޫނު ގަދަ ގަޑިއަކަށްވެއެވެ. އޮފީސްތައް ހުންނަނީވެސް މިޒަމާނުގައި މިހުންނަ ގޮތަކަށް ފައްކާކޮށް ފުރިހަމައަށް ވައިއެތެރެވެ ބޭރުވާ ގޮތަކަށްވެސް ނޫނެވެ. އެހެންކަމުން ވަރަށް ބޮޑަށް ދާހިއްލައެވެ. އަދި އިހުގައި މާގިނަ ފަންކާއެއްވެސް ނުހުރެއެވެ. ވެރިޔާގެ ކޮޓަރިކޮޅުގައިވެސް ހުންނާނީ އެއްމެ ފަންކާ އެކެވެ. އޮފީހުގެ ބޮޑުފެންޑާ ނުވަތަ ކަންކަމު އަންނަ މީހުން ތިބޭ ބައިގައިވެސް ގިނަ އޮފީސްތަކުގައި ފަންކާ ނުހުރެއެވެ.

ޒަމާން ބަދަލުވަމުން އައިސް ފިނިކުރި ފެންބޮވޭ ގޮތަށް އައިސްއަލަމާރިތަކަައި ކޫލަރުތަކުގެ ޙިދުމަތް ރާއްޖެ ތަޢާރަފްވާން ފެށުމުން ބައެއް އޮފީސްތަކުގައި މިޙިދުމަތް ހޯދަންފެށިއެވެ. މެހުމާނުން ތިބޭ ބައިގައި ކޫލަރު ބަހައްޓައި ފެންބޯނެ އެލްމެނިއަމް ތަށްޓެއް ބެހެއްޓުން ފަދަ ގޮތްގޮތަށެވެ. ކުރިން ދެންނެވިފަދަ ފިނިކުރިފެން ބުއިމަށް ކޫލަރުގެ ޙިދުމަތް ހޯދާފައިވާ އޮފީހެކެވެ. ރޯދަމަހެެއްގެ މެންދުރުގެ ހޫނުގަދަ ވަގުތެކެވެ. ހަސަންބެ އިނީ އެފަދަ އޮފީހަކަށް މައްސަލައެއްގައި ހާޒިރުކޮށްފައެވެ. އެއޮފީހުގެ ދިގުގޮނޑިތައް ފުރާލާފައިވަނީ ހަސަންބެ ފަދައިން ތަފާތު މައްސަކަތަކުގައި ހާޒިރުކޮށްފައިވާ މީހުންނެވެ. ރޯދަ ވަރުބަލިކަމާއެކު ނިދިއައިސްގެން ތާއްޔާ ޖެހިޖެހި ތިބި މީހުންނެވެ. ފަހަރަކު މީހަކުގެ ނަންގޮވަމުން ކިޔުތަރުތީބުން ވެރިޔާގެ ކޮޓަރިކޮޅަށް ސުވާލުކުރަން ވައްދަމުން ގެންދެއެވެ.

ހަސަންބެއަށް ނިދިފައި އިންދާ ގަސަނުބޭގެ ނަމުން ގޮވަަލި އަޑަށް ލޯހުޅުވާލެވިއްޖެއެވެ. ލޯހުޅުވާލުމާއެކު ހަސަންބެއަށް ފެނުނީ ކުރިމަތީގައި ހުރި ފެންކޫލަރެވެ. ހަމަ ފެނުމާއެކު ހަސަންބެ ބޭއިޚްތިޔާރުގައި ގޮސް އެކޫލަރުން ތަށްޓަށް ފެން އަޅަންފަށައިފިއެވެ. އެތާނގައި ތިބި މީހުންނަށް ހީކުރެވުނީ ހަސަންބެ އުޅެނީ މޫނު ދޮވެލަން ކަމަށެވެ. އެހެނަސް ކަންވީ އެހެނަކުންނޫނެވެ. ތަށިފުރާ ފެންއެޅުމަށްފަހު، ތުންޖަހާފައި ގުންގުން ކިޔާ ކަރުން އަޑުގޮއްވަމުން ހަސަންބެ ފެންބޯން ފެށިއެވެ. އެތަނުގައި ތިބި އެއްމެން އެއްއަޑަކުން ހަޅޭއްލަވައިގަތެވެ. މިއޮއް ރޯދަމަހު ދުވާލު މެންދުރު ގަޑީގައި މީހަކު ފެންބޮނީއޭ ގޮވާފައެވެ. ހަސަންބެ މިކަމަށް މާބޮޑު ސަމާލުކަމެއް ދިންހެނެއް ހިއެއް ނުވެއެވެ. ހަސަންބެ ވެރިޔާގެ އަރިހަށް ހާޒިރުކޮށް ކޮޅަށް ބަހައްޓާފައި ވަރަށް ބޮޑަށް ކޯފާވެފައި ވެރިޔާ ވިދާޅުވަނީ ހަސަންބެ ހާޒިރުކުރަން ޖެހުނު މައްސަލަ ބެލުމުގެ ކުރިން ރޯދަމަހު ރޯމާދުވާލު މެންދުރުގަޑީގައި އެއްމެންގެ ކުރިމަތީގައި ރޯދަ ދޫކޮށްލައި ފެންބުއި މައްސަލަ ބަލަންވެޖެއެވެ. ހަސަންބެ އާފުރެލާފައި ނިދި ނުފިލާހުރެ ދެންނެވިއެވެ. އަދިއެއަށްވުރެ ކުރިން އެހެން ދެމައްސަލައެއް ބައްލަވައިދޭށެވެ. އެއް މައްސަލައަކީ އަޅުގަނޑު ހަނދާން ނެތުނު މައްސަލައެވެ. ދެވަނަ މައްސަލައަކީ މަނިކުފާނުގެ އޮފީހުގައި އަޅުގަނޑުމެން ކަހަލަ މީހުންނަށް ކެހިދޭން އެކަހަލަ މީރުފެން ރޯދަމަހު ދުވާލު ލިބޭގޮތަށް ބަހައްޓާފައި ހުރި މައްސަލައެވެ. ވެރިޔާ ހިނިތުންވެ ވަޑައިގެންފައި ވިދާޅުވިއެވެ. ހަސަންބެދާށެވެ. ރޯދަވިއްލައިގެން މަށާ ބައްދަލުކުރަން އަހަރެންގެ ގެއަށް ޖައްސާލާށެވެ. ހަސަންބެ ދެންނެވިއެވެ. އަޅުގަނޑު މިހާރު މިހިރީ ވިއްލައިގެން ނޫންތޯއެވެ. އެހެންވީމާ، ހަމަ މިހާރު މިދަނީ މަނިކުފާނުގެ ގެއަށް ދާށެވެ. މިހެން ދެންނެވުމާއެކު ނިކުމެގެން ވެރިޔާ ވިދާޅުވެ ވިދާޅުވެ އޮއްވާ އެގެއަށް ހިނގައްޖެއެވެ.

* މިލިޔުމަކީ މަޖާ ސިލްސިލާއެއް ކަމަށްވާ ސަމާސާ އަދަބު 1 ގެ ނަމުގައި އ.އ ފެރިދޫ، ސަޢުދު ޢަބްދުލްކަރީމް ލިޔުއްވައި ޝާއިޢުކޮށް 26 މެއި 2005ގައި ނެރުއްވާފައިވާ "ރޯދަ މަޖާ" މިފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން