ކޮވިޑުގެ ދެވަނަ ރާޅާއެކު ބަންދުކުރި އިންޑިއާގެ ތާޖް މަހަލް، އަލުން ފަތުރުވެރިންނަށް ހުޅުވާލައިފިއެވެ.

ކޮވިޑުގެ ދެވަނަ ރާޅާއެކު، އިންޑިއާގައި މިބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅުނު ހަރުކަށި ފިޔަވަޅުތަކަށް ލުއެއް ދިނުމަށް ފަށާފައިވަނީ އެގައުމުގެ އިގްތިސާދު އަލުން އާރާސްތުކުރަން ކަމަށް އިންޑިއާ ސަރުކާރުން ހާމަކޮށްފައިވެއެވެ. މިގޮތުން ދުނިޔޭގެ އަޖާއިބު ތަކުގެ ތެރޭގައި ހިމެނޭ ތާޖް މަހަލް ވެސް ހުޅުވާލާފައިވަނީ ހާއްސަކޮށް ފަތުރުވެރިންނަށެވެ.

ތާޖް މަހަލް ފަތުރުވެރިންނަށް ހުޅުވާލައިފައިވީނަމަވެސް، މިތަނަށް ވަދެވޭނީ ދުވާލަކު 650 މީހުންނަށް ކަމަށްވެސް އިންޑިއާ ސަރުކާރުން ހާމަކޮށްފައިވެއެވެ. މީގެކުރިން ތާޖް މަހަލަކީ އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 20،000 މީހުން ވަންނަ ތަނެއްކަމަށްވެއެވެ. އަދި ކޮވިޑުގެ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، ތާޖް މަހަލް ބަލާލުމަށް ވަންނަ އެއްވެސް ފަރާތަކުން ތާޖްމަހަލްގެ އެތެރޭގެ ފާރުތަކުގައި އަތްލާ ހެދުން ވަނީ މަނާކޮށްފައެވެ.

ތާޖް މަހަލަކީ 17 ވަނަ ގަރުނުގައި، އިންޑިއާގެ ރަސްދަރިކޮޅަށް ނިސްބަތްވާ ޝާހް ޖަހާން ގެ އަނބިކަނބަލުން މުމްތާޒް މަހަލްގެ ހަނދާނުގައި ބިނާކުރެވުނު ތަނެކެވެ. ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައިވެސް ހިމެނިފައިވާ ތާޖް މަހަލަކީ އިންޑިއާ އެންމެ މަޝްހޫރު އެއް ބިނާއެވެ.

ކޮވިޑާ ގުޅިގެން ތާޖް މަހަލަށް ވަނުން މަނާކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުއެވެ. މިހާރު އެގައުމުގައި ދެމުންދާ ލުއި ތަކުގެ ތެރޭގައި ތާޖް މަހަލްގެ އިތުރުން، ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ، ނިއު ދިއްލީގެ ރެޑްފޯޓް އަދި ކުތުބް މިނާރްވެސް ވަނީ ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން