ޞާދިރު ޢަލީދީދީ   16 ޖޫން 2021 - 16:12
ބޯގަންވިލާ
ބޯގަންވިލާ
04 ވަނަ ބައި

................

"އަހަރެންގެ ނުރުހުމުގައި އަހަންނާ އިނީތީ......" ސާރާގެ އަޑު ކުރެހެން ފެށިއެވެ.

"އަހަރެން ނުދެނަހުރީމޭ ސާރާ ނުހުރޭކަމެއް....އަހަންނަކީވެސް ފިރިހެނެކޭ ސާރާ، ކޯއްޗެއްތަ އަހަރެންގެ އަތުގައިނެތީ." އަމީން ފުން ނޭވާއެއް ލިއެވެ.

"އިނުމުގެ ކުރިން އެންމެ ފަހަރަކުވެސް އަހަރެން ގާތު އެހިންތަ؟ އަމީން ހީކުރީތަ އަމީންގެ އަތުގައި އަހަންނަށް ބޭނުންވާނެ އެކައްޗެއްވެސް ނެތް.....އެކައްޗެއްވެސް ނެތް......" ސާރާއަށް ރޮވިއްޖެއެވެ. ސާރާގެ އެޖުމްލައިން އަމީން މާޔޫސްވިއެވެ.

"ތިހެން ނުބުނޭ، ސާރާ. އަހަރެންގެ އަތުގައި ނެތީ ކޯއްޗެއް؟ އަހަރެން ސާރާއަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނަން....އައި ލަވް ޔޫ ސާރާ." އަމީން ވައިއަޑުން ސާރާގެ ކަންފަތްދޮށުގައި ބުންޏެވެ. ސާރާ ފުންމައިގެން ތެދުވިއެވެ.

"އައި ހޭޓް ޔޫ. އައި ހޭޓް ޔޫ....އަހަރެން އެކައްޗެއްވެސް ބޭނުމެއް ނޫން....." ސާރާ ތެދުވެގެން ގޮސް ޓައިލްސްމަތީގައި އިށީނެވެ. އެއިރުވެސް އޭނާގެ ލޮލުން ކަރުނަ އޮހިއޮހި ހުއްޓެވެ.

"ފަހުން ސާރާއަށް ވިސްނޭނެ. ސާރާ މިހާރު ތިއިނީ ވަރަށް ބޮޑަށް ވަރުބަލިވެފަ. މިރޭ ސާރާ އަރާމުކޮށްލާ....." އަމީން އެނދުން ބާލީހެއް ހިފައިގެން ގޮސް ބިންމަތީގައި އޮށޯތެވެ.

އެރޭ އެގޮތަށް ކަންތައްވިޔަސް އަމީން ނާއުއްމީދެއް ނުވެއެވެ. އޭނާ އަޒުމް ކަނޑައެޅިއެވެ. ސާރާގެ ލޯބި ހޯދުމަށެވެ. ކިތަންމެބޮޑު ހޭދައަކަށްފަހު ކިތަންމެ ދިގު އިންތިޒާރަކަށްފަހު ވިޔަސް ހެވެވެ.

ކައިވެނީގެ ފުރަތަމަރޭ ސާރާމެންގޭގައި ހޭދަކުރި ކަމުގައިވިޔަސް، ޖެހިގެން އައި ދުވަހު ސާރާވެސް އަމީނާއެކު އަމީނުގެ ގެ ކަމުގައިވާ މައްޗަންގޯޅި ރެޑްރޯސްއަށް ބަދަލުވީއެވެ. އެއީ އަމީންއަށް ސާރާގެ ލޯބި ހޯދުމަށް ލިބުނު ބާރެއް ކަމުގައި އަމީން ދެކުނެވެ.

"ސާރާގެ ލޯބި ހޯދަން އަހަރެން ބޭނުންވަނީ އެންމެ ހަފްތާއެއް....ސާރާގެ ސިކުނޑި އަދި ވަރަށް ޅަވާނެ....ވިސްނުނީމަ ރަނގަޅުވާނެ." އަމީން ވާހަކަ ދެއްކީ ތޮއްޔިބާއެވެ. އެދެމީހުން ވާހަކަ ދައްކަން ތިބީ އެމް.ޓީ.ސީ.ސީ ބިލްޑިންގ ކުރިމަތީ މަގުގައެވެ. އަމީން އިނީ އޭނާގެ ސައިކަލު މަތީގައެވެ.

"ހިނގާ ތިގެއަށްދާން...." ތޮއްޔިބު އަމީންގެ ސައިކަލު ފަހަތަށް އެރިއެވެ. އަމީން ގެޔާދިމާއަށް ސައިކަލް ދުއްވާލިއެވެ.

"ފުރަތަމަ ގެއަކަށް ނޫނޭ ދާންވީކީ. ހިނގާބަލަ މިތާހުރި ފިހާރައަކަށް ވަދެލަން." ދުއްވަމުން އައިސް ވަކިހިސާބަކުން އަމީންގެ ޚިޔާލު ބަދަލުވިއެވެ. އޭނާ ސައިކަލުގެ މިސްރާބު ބަދަލުކުރިއެވެ.

ކޮޓަރިތެރޭ ނިދި ޖެހިފައި އޮތް ސާރާއަށް ހޭލެވުނީ މީހަކު ސަލާމް ގޮވި އަޑަށެވެ. ދެލޯ އުނގުޅަމުން ތެދުވެގެން ގޮސް ކޮޓަރިން ނުކުމެއްޖެއެވެ.

"ތިޔައީތޯ ސާރާއަކީ؟" ބޮޑުކޮޓަރީގައި ތަފާތު މާތަކުން ތައްޔާރު ކުރެވިފައިވާ ގުލްދަސްތާއެއް ހިފަހައްޓައިގެންހުރި ޒުވާން ފުރައިގެ ފިރިހެން މީހާ ސާރާއާ މުޚާޠަބު ކުރިއެވެ. ސާރާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އެޒުވާނާ މާބޮނޑި ސާރާއާ ދިމާއަށް ދިއްކުރިއެވެ.

"ކާކު ދިން އެއްޗެއް؟" މާބޮނޑީގައި ހިފަމުން ސާރާ އެއްސެވެ. ޖަވާބުގައި އެޒުވާނާ ފުރަތަމަ ހިނިތުންވެލިއެވެ. ނަމަވެސް އެއީ ޖަވާބެއް ކަމަކަށް ސާރާއަކަށް ނުފުދެއެވެ. އެހެންވެ އޭނާ އެޒުވާނާއާ ތަކުރާރުކޮށް ސުވާލުކުރިއެވެ.

"ނޭނގެ، ނުވެސް ދަންނަ މީހަކު ހަވާލުކުރި އެއްޗެއް." މިހެން ބުނެފައި އެޒުވާނާ އެގެއިން ނުކުތެވެ. ސާރާއަށް ބޭއިޚްތިޔާރުގައި މާބޮނޑި ނޭފަތު ކުރީގައި ޖައްސާލެވުނެވެ. އެއީ އަމީންއާ ތޮއްޔިބު ގެއަށް އައިސް ވަންވަގުތެވެ. ގެއަށް ވަދެވުމާއެކު ފުރަތަމަ އަމީން ހުއްޓުނެވެ. އެއާއެކު ތުންފަތުގައި ލުއި ހިނިތުންވުމެއްވެސް ކުޅެލިއެވެ.

"ސާރާ....ހާދަ ހިތްހަމަޖެހިފަ...." އިރުކޮޅެއް ވަންދެން ސާރާގެ ހަރަކާތްތަކަށް ބަލަން ހުރެފައި އަމީން ސާރާގެ ސަމާލުކަން ހޯދިއެވެ. ކުއްލިއަކަށް އަމީންގެ އަޑު އިވުމުން ސާރާ ސިހުނުވެސްމެއެވެ.

"ހާދަ ރީތި މާބޮނޑިއެއް." އަމީން ސާރާއާ ތަންކޮޅެއް ގާތަށް ޖެހިލަމުން ބުންޏެވެ. ސާރާ އަމީން ދެއްކި އެއްވެސް ވާހަކައަކަށް ވާހަކައެއް ނުދައްކައެވެ. އިރުކޮޅެއް ވަންދެން ހިމޭނުން ހުރުމަށްފަހު އޭނާ ގޮސްވަނީ ކޮޓަރިއަށެވެ.

އަމީންއާއި ތޮއްޔިބު ބޮޑުކޮޓަރި ސޯފާގައި އިށީނެވެ. އެވަގުތު ޒުބައިރުވެސް އައިސް ގެއަށް ވަނެވެ.

އާދައިގެ މަތިން ދުވަސްތައް ފާއިތުވަމުން ގޮސް ސާރާއާއި އަމީނުގެ ކައިވެންޏަށް ދެމަސް ފުރުނުއިރުވެސް ސާރާގެ ފަރާތުން އަމީންއަކަށް އަންބެއްގެ ކުޑަވެސް ލޯތްބެއް ނުލިބެއެވެ. ފާއިތުވެދިޔަ ދެމަސްދުވަސްތެރޭ ސާރާގެ ލޯބި ހޯދުމުގެ ގަސްތުގައި އަމީން ނިކަން ގިނަ ހޭދަތަކެއްވެސް ކޮށްފިއެވެ. ނަމަވެސް އެއިން އެއްކަމެއްވެސް އޭނާއަށް އަދިވަނީ ކާމިޔާބު ނުވެފައެވެ. ނަމަވެސް އޭނާ އަދިވެސް މާޔޫސެއް ނުވެއެވެ.

"އަހަންނަށް އަދިވެސް ސާރާގެ ލޯތްބަށް އިންތިޒާރު ކުރެވޭ....އަހަރެން މިކުރާ އިންތިޒާރަށް ފޮނި ނިންމުމެއް ގެންނާނަން.....ސާރާގެ ލޯބި ހޯދާނަން." ތޮލާލު ވާހަކަދެއްކީ ސާރާއާއެވެ. ފޯނުންނެވެ. އެއީ ތޮލާލުގެ އާދައެކެވެ. ސާރާގެ ކައިވެންޏަށްފަހު ވެއަތުވި ދެމަސްދުވަސް އޭނާ ސާރާއަށް ގުޅައެވެ. ލޯބީގެ ފޮނި ޢިބާރާތްތަކުން ސާރާގެ ހިތް ހަމަޖައްސާލަދެއެވެ. އެހެންކަމުން، ކައިވެންޏަށްފަހު ކޮންމެ ދުވަހަކުވެސް އޭނާއަށް ކާކުކަން ނޭނގޭ މީހަކު ފޮނުވަމުން އައި މާބޮޑިތަކާއި އަގުބޮޑު ހަދިޔާތައް ފޮނުވާމީހަކީ ސީދާ ތޮލާލު ކަމުގައި ސާރާ ހީކުރިއެވެ.

"އަހަންނެއް ނުފޮނުވަން ސާރާއަކަށް އެކައްޗެއްވެސް. ސާރާއަކީ މަދުން ނޫނީ ނުފެންނަވަރުގެ ރީތި އަންހެން ކުއްޖެއް. ކޮންމެ މީހަކުވެސް ސާރާއަށް މާބޮނޑި ހަދިޔާ ކޮށްފާނެއެއްނު. ތިއީ ކޮންމެ މީހަކު ކުރާ ކަމެއް ވިޔަސް ތިވާނީ ސާރާދެކެ ނިކަން ލޯބިވާ މީހަކު ކުރާ ކަމަކަށް." ތޮލާލު ސާރާއާ ދިމާކުރާ ފަދަ ގޮތަކަށް ހީނގަތެވެ.

"ދޮގެއް ތިއީ......ތޮލާ ނޫން މީހަކު އަހަންނަކަށް މަލެއް ނުފޮނުވާނެ...ފޮނުވައިގެންވެސް ނުވާނެ. ތޮލާ ދެން ބާއްވަނީ. އަމީން އަންނަގަޑި އެއޮއްޖެހެނީ....." ސާރާ އަވަސް އަވަހަށް މިހެން ބުނެފައި ފޯނު ބާއްވާލިއެވެ. އަމީން ކޮޓަރިއަށް އައިސްވަނީ ސާރާ ފޯނު ބޭއްވިތަނާހެނެވެ.

"ސާރާ......އަހަންނަށް ފެންތައްޓެއް ގެނެސްދީފާނަންތަ؟ ބުރަކަމަކަށް ވަންޏާ ވަރިހަމައޭ ނުގެނަޔަސް." އަމީން ފާޚާނާއަށް ވަންނަމުން ބުންޏެވެ. ސާރާ އަނގައިންވެސް ނުބުނެ ކޮޓަރިން ނުކުތެވެ.

އަމީން ފާޚާނާއިން ނުކުތްއިރު ސާރާ ފެން ހިފައިގެން އައިސް ހުއްޓެވެ.

"ޝުކުރިއްޔާ....." ސާރާ ދިއްކުރި ފެންތަށީގައި ހިފަމުން އަމީން ޝުކުރު އަދާކުރިއެވެ. ސާރާ އަމީން ބޭލި ގަމީސް ކޮނޑުގައި އަޅުވާލިއެވެ.

"ސާރާ....އަހަރެން ކިތަންމެ ދުވަހެއް ވަންދެންވެސް ކެތްތެރިވެދާނަން....އަހަރެން ސާރާގެ ލޯތްބަށް އިންތިޒާރު ކުރާނަން...." އަމީން ފެން ބުއިމަށްފަހު ހުސްތަށި ސާރާގެ އަތަށް ދެމުން ބުންޏެވެ.

"ކިތަންމެ ދިގު އިންތިޒާރެއް ކުރިއަސް....ތިކަމެއް ނުވާނެ...އަމީން...އަޅެ ކީއްވެތަ ގަދަކަމުން އަހަރެންގެ ލޯބި ހޯދަން ތިޔައުޅެނީ..." ސާރާ ތަށި ހިފައިގެން ގޮސް ކޮޓަރިން ނުކުތެވެ. އަމީން އެނދުގައި އިށީނެވެ. މާޔޫސްވެގެނެއް ނޫނެވެ. އަންހެންކުއްޖަކާ ހެދި މާޔޫސްވާކަށް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް އިންތިޒާރު ކުރުމަކީ އޭނާގެ އާދައެކެވެ. ޙަޔާތުގެ ފުރަތަމަކޮޅުވެސް އޭނާ ލޯތްބަކަށް އިންތިޒާރު ކުރިއެވެ. ނަމަވެސް ކާމިޔާބަކާ ހަމައަށް ވާސިލެއް ނުވެވުނެވެ. ކުރިމަތިލާން ޖެހުނީ ނާކާމިޔާބާއެވެ. އެފަހަރުވެސް އެއީ ތަޤުދީރުގެ ނިޔާ ކަމުގައި އޭނާ ގަބޫލުކުރިއެވެ. އެއީ ތަޤްދީރުގެ ހިތްދަތި ނިޔާއެކެވެ. އޭރު އޭނާގެ ޙަޔާތުގެ ބަހާރުގައި ފޮޅުނުމާ މިލާ މޯޅިވިއެވެ. މީހަކު އެޅި ހޫނުފެނަކުން މީހަކު ކުރި ގޯނާއަކުން ނޫނެވެ. އެމާ މިލާ މޯޅިވެ ކަފުން ކުރެވުނީ އޭނާއަށް ކުރެވުނު ކުށަކުންވެސް ނޫނެވެ. ބަގީޗާގެ ރުހުން ހޯދުމަށެވެ. އެކަން އޭނާއަށް ނިކަން ސާބިތުކަމާއެކު ކުރެވުނުވެސް މެއެވެ. ބަގީޗާގެ ރުހުން އޭނާއަށް އިންތިހާއަށް ލިބުނެވެ.

އެމާ މިލާ މޯޅިވެ އަމީންގެ ލޯމަތިން ގެއްލުނީ ހަމައެކަނި ހިތްދަތިކަން ދީފައެއް ނޫނެވެ. އެމާ ފޮޅުނު ބަގީޗާއަށްވެސް ވޭނާއި ހިތްދަތިކަން ދީފައެވެ.

އެދުވަހު އަމީން ވަރަށް ރުޔެވެ. މަރުވެފައިވާ ނާހިދާގެ ފުރާނަ ނެތް މަސްގަނޑުގައި އޮޅުލަ އޮޅުލާފައެވެ. މިޚިޔާލުތައް ސިކުނޑިއަށް ފައިދާވުމާއެކު އޭނާގެ ދެލޯވެސް ފެންކަޅިވެއްޖެއެވެ. ދެވަނަފަހަރަށް ސާރާ އައިސް ކޮޓަރިއަށްވަނީ އެވަގުތުއެވެ. ސާރާ ފެނުމާއެކު އަމީން ތެޅިގެންފައި ދެލޯ ފޮހެލިއެވެ.

"ސާރާ އަހަރެންގެ ފުރަތަމަ ކައިވެނި ނާކާމިޔާބުވާކަށް ފަހަރެއްގައިވެސް އަހަރެން ނޭދެން." އަމީން ސާރާގެ ލޮލަށް ބަލަން އޮވެފައި ބުންޏެވެ.

"އަމީން އަހަރެންގެ ނަޒަރުގައި ލޯތްބާއި ނުލައި ކައިވެންޏެއް ނުވެވޭނެ......ކައިވެންޏަކީ ލޯބީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އޮއްސާލާ އޮއްސުމަކަށް ކިޔާ ނަމެއް....." ސާރާ އަމީން އޮތް އެނދު ކުރިމަތީގައި ހުރި ގޮނޑިއެއްގައި އިށީނދެއްޖެއެވެ.

"އަހަރެން ސާރާއަށް ލޯބިދޭނަމޭ....އަހަންނަށް ނުދެވުނު ލޯތްބެއް އެހެން އެއްވެސް މީހަކަށް ސާރާއަކަށް ނުދެވޭނެ." އަމީން ތެދުވެ ސާރާއާ ސީދާ ކުރިމަތިލިއެވެ.

"ތިހެން ނުބުނޭ...އަމީނަކަށް އަހަންނަކަށް ލޯތްބެއް ނުދެވޭނެ....ކައިވެންޏަކީ ފޭރިގަންނަ އެއްޗެއް ނޫން...އަމީން، ފޭރިގަންނަ ކައިވެނީގައި ދުވަހަކުވެސް އެލޯބީގެ ކުލައެއް ނުޖެހޭނެ....އާދޭސްކުރަން އަމީން އަހަރެންގެ އުފާތަކަށް ހުރަސްނާޅާ.....އަހަންނަށް ލޯތްބާ ނުލާ ނޫޅެވޭނެ....." ސާރާގެ ލޮލުން ކަރުނަ ހިލެން ފަށައިފިއެވެ.

"ސާރާ އަހަރެންވެސް ސާރާދެކެ ލޯބިވަމޭ. އާނ. ސާރާ އަހަރެން ސާރާދެކެ ވަރަށް.....ވަރަށް ލޯބިވޭ." އިޝްޤީ ރާގުގައި އަމީނަށް ބުނެވުނެވެ. ބޭއިޚްތިޔާރުގައެވެ.

"އެއްއަތް ތެޅިޔަސް އަޑެއް ނުކިޔާނެ. އަހަރެން އަމީނުދެކެ ލޯތްބެއް ނުވޭ....." ސާރާއަށް މިހެން ބުނެވުނު ވަގުތަކީ ކޮޓަރިދޮރުގައި މީހަކު ޓަކިޖެހި ވަގުތެވެ.

"ކާކު؟ ދޮރު ހުޅުވާފައި ވަދޭ އެތެރެއަށް." ވާހަކަ ދެއްކީ އަމީންއެވެ. ހަމައެއާއެކު މާމެލާމެލީގެ ގުލްދަސްތާއެއް ހިފައިގެން އައިސް ކޮޓަރިއަށްވަނީ އަމީން އާއި ސާރާ ނުވެސް ދަންނަ މީހެކެވެ. އެމީހާ ސާރާގެ އަތަށް މާބޮނޑި ދިނުމަށްފަހު ކޮޓަރިން ނުކުތެވެ. ސާރާ މާބޮނޑިއަށް ބަލާލިއެވެ. އޭނާ ހީކުރިއެވެ. އެއީ އޭނާގެ ލޯބިވެރިޔާ ތޮލާލު ކޮންމެ ދުވަހަކު އޭނާއަށް ކުރާ ލޯބީގެ ހަދިޔާއެކެވެ. އެމާބޮނޑީގައި ސާރާ ހިފިގޮތުން އަމީންގެ ގާތަށް ޒާތަކަށް ހިނިވެސް އައެވެ. ނަމަވެސް އޭނާ އެކަން ސާރާއަކަށް ނުދައްކައެވެ.

"ސާރާ.....ހާދަ ރިތި މާބޮނޑިއެއް....އަހަންނަށް ގެނައި މާބޮނޑިއެއްތަ؟" އެއްމިޔަކަނުން ހީނލަމުން އަމީން ބުންޏެވެ. ސާރާ ތުން އަނބުރާލަމުން މާބޮނޑީގައި މޫނު ޖައްސައި ބާރުކޮށްލިއެވެ.

"އެންމެ ރަނގަޅު. ބުނެފާނަންތަ ތިޔައީ ކާކު ފޮނުވި އެއްޗެއްކަން. މިހާރު ސާރާ ތިހުރީ އަހަރެންގެ އަނބިމީހާގެ މަގާމުގައި....އަހަންނަށް ހީވަނީ ތިޔައީ ކާކު ފޮނުވާ އެއްޗެއްތޯ އޮޅުންފިލުވުމުގެ ޙައްޤު އަހަންނަށް ލިބިގެންވާހެން." އިސްދަށަށް ޖަހައިގެން އިނދެ އަމީން ބުނެލިއެވެ. ސާރާދޭނެ ޖަވާބަކާ ދޭތެރޭ ވިސްނާލުމަށްފަހު އަމީންގެ މޫނަށް ބަލާލިއެވެ.

"ބުނަންވީތަ؟ މިއީ އެމީހަކަށް އަހަރެންގެ ހިތް ހަދިޔާ ކޮށްފައިވާ އަހަރެންގެ ލޯބިވެރިޔާ ކޮންމެ ދުވަހަކު އަހަންނަށް ކުރާ ލޯބީގެ ހަދިޔާއެއް." ސާރާ މާބޮނޑި މޭޒުމަތީގައި ބޭއްވިއެވެ. އަމީންއަށް ބޭއިޚްތިޔާރުގައި ހީނގަނެވެން އުޅުނެވެ. އެހެންވެ އޭނާ އަވަސް އަވަހަށް ކޮޓަރިން ނުކުތެވެ. އޭނާގެ ފަހަތުން ސާރާވެސް ކޮޓަރިން ނުކުމެއްޖެއެވެ.

"ސާރާ އަހަރެންވެސް ސާރާއަށް މާބޮނޑި ގެނެސްދީފާނަމޭ....." އަމީން އޭނާގެ ފަހަތުން ސާރާ ނުކުތުމުން ސާރާއާ ދިމާއަށް އެނބުރިފައި ބުންޏެވެ.

"ނޫޅެން މާ ނުލިބިގެނެއް. އަހަރެން ލޯބިނުވާ ބައިވެރިއަކު ދޭހާ އެއްޗިއްސެއް އަހަރެން ބޭނުމެއް ނޫން....." ރައްދުގައި ސާރާ ބުންޏެވެ.

"ވަރަށް ހިތްހަމަޖެހިއްޖެ. ވަރަށް އުފާވެއްޖެ.... ލޯބިނުވިޔަސް، ސާރާގެ ބައިވެރިއެއްގެ ގޮތުގައި އަހަރެން ދުށީތީ." އަމީން ހިންދިރުވާލިއެވެ.

"އަމީން ...... އަހަރެން ދެކެ އަމީން ވަރަށް ލޯބިވޭތަ؟" ސާރާ އިރުކޮޅެއް ވަންދެން ހިމޭނުން ހުރުމަށްފަހު އެއްސެވެ.

"އާނ... ވަރަށް ބޮޑަށް..... ލޯބީގެ އެންމެމަތީ ދަރަޖައަށް ސާރާއަށް އިޙްސާސެއްވެސް ނުކުރެވޭނެ އަހަރެން ސާރާދެކެ ލޯބިވާ މިންވަރެއް." ޢިޝްޤީ އިޙްސާސްގައި އަމީން ބުންޏެވެ.

"ތިއީ ދޮގެއް....ދޮގެއް ތިއީ...ތިބުނާ ވަރަށް ލޯބިވާ މީހަކަށް އެއްވެސް މީހަކު އަމީން އަހަންނަށް ތިދޭފަދަ ވޭނީ އަނިޔާތަކެއް ނުދޭނެ." ސާރާގެ ލޯ ފެންކަޅިވިއެވެ.

"އަހަރެން ކޮން އަނިޔާއެއްތަ ސާރާއަށްދިނީ؟" އަމީން ކުޑަކޮށް ހައިރާންވެސްވިއެވެ.

"އަހަރެންގެ ލޯބިން އަހަރެން މަޙްރޫމްކުރުން އެއީ އަހަންނަށް ދެވޭ ކުޑައަނިޔާއެއްތަ؟" ސާރާއަށް ބޭއިޚްތިޔާރުގައި ރޮވިއްޖެއެވެ. ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގެންފިއެވެ.

"ސާރާ މަސައްކަތް ކުރަމުން ތިދަނީ ސާރާގެ ލޯބި ހޯދުމަށް. ސާރާ ފަދައިން އަހަރެންވެސް މަސައްކަތް ކުރަމުން މިދަނީ އަހަރެންގެ ހިތުގައި ބިންވަޅު ނެގިފައިވާ ސާރާގެ ލޯބި ހޯދުމަށް މިއީ ކުށެއް ކަމަކަށް އަހަރެން ފަހަރެއްގައިވެސް ގަބޫލެއް ނުކުރާނަން." އަމީން ސާރާގެ އަތުގައި ހިފެހެއްޓިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން