ދުވަސްތަކޮޅެއްގެ މެދުކެނޑުމަކަށްފަހު އިޒްރާއީލުން ގާޒާއަށް ވައިގެ ހަމަލާއެއް ދީފިއެވެ.

އިއްޔެ އިޒްރާއީލުގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހިނގާލުމާއި ގުޅިގެން އިޒްރާއީލުގެ ސިފައިންނާއި ގާޒާގެ ރައްޔިތުންނާއި ދެމެދު ހަމަނުޖެހުންތަކެއް ވަނީ ހިނގާފައެވެ. މިހަމަނުޖެހުންތަކާއެކު އިޒްރާއީލުން ވަނީ ގާޒާގެ ހަމާސްގެ ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއް ދީފައެވެ.

ވައިގެ ހަމަލާދިނުމަށްފަހުވެސް އިޒްރާއީލުން ބުނަނީ އިޒްރާއީލް ދިފާއުކުރުމަށް ކޮންމެ ހާލަތަކަށް ދާންޖެހުނަސް އެހާލަތަކަށް ތައްޔާރަށް އޮތްކަމަށެވެ. އިޒްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި ފަލަސްތީނުގެ އެއްވެސް ރައްޔިތަކަށް އަނިޔާވެފައިވާކަން ރިޕޯޓުކޮށްފައިނުވި ނަމަވެސް، އިޒްރާއިލައް ރައްދު ހަމަލާ ދިނުމައް ހަމާސް އިން އަދި އަންގާފައިނުވާކަމަށްވެއެވެ.

ނަމަވެސް އިޒްރާއީލުން އެބުނާ ދިފާއުކުރުމުގެ ހަމަލާއެއްދިނީ އިޒްރާއީލުން ބޭއްވި ހިނގާލުމާއި ގުޅިގެން ފަލަސްތީނުގެ ރައްޔިތުން ވައިގެ ތެރެއަށް ދޫކުރި ފުއްޕާހަންތަކަކާ ގުޅިގެންނެވެ. މިފުއްޕާހަންތަކަކީ ބިމައް ވެއްޓުމުން ހުޅުހިފާ ޒާތުގެ އެއްޗެއް ބޭނުންކޮށްގެން ހަދާފައިވާ ތަކެތި ކަމަށް ބުނެއެވެ.

އިޒްރާއީލުން އިއްޔެ ބޭއްވި ހިނގާލުމަކީ ފުރަތަމަ މިދިޔަ މަހު ބޭއްވުމަށް ހަމަޖެއްސި ހިނގާލުމެކެވެ. ނަމަވެސް އިޒްރާއީލާއި ގާޒާ އާއި ދެމެދު ދެވުނު ހަމަލާތަކާއި ގުޅިގެން އިޒްރާއީލުގެ އޭރުގެ ބޮޑުވަޒީރު ވަނީ މިހިނގާލުން ފަސްކޮށްފައެވެ. ނަމަވެސް އިޒްރާއީލުގެ އޭރުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫގެ ވެރިކަން ނިމި، ބޮޑުވަޒީރު ކަމާއި ހަވާލުވި ނަފްޓާލީ ބެނެޓް، މަގާމާ ހަވާލުވިތާ 48 ގަޑިއިރުގެ ތެރޭގައި އިޒްރާއީލުގެ މިހިނގާލުން ބޭއްވުމަށް ވަނީ ހުއްދަދީފައެވެ.

އިޒްރާއީލުގެ މިހިނގާލުމުގައި ބައިވެރިވި ހާހެއްހާ މީހުންވަނީ އެގައުމުގެ ދިދަހިފައިން ނުކުމެ، އަރަބިން މެރުމަށް ގޮވާފައެވެ. މިއާއެކު މިކަން ކުއްވެރި ކުރި މީހުން ގިނަވެގެން ދިއައެވެ. އަދި މިކަން ކުއްވެރި ކުރި މީހުންގެ ތެރޭގައި އިޒްރާއީލުގެ ފޮރިން މިނިސްޓަރ ޔާއިރް ލަޕިޑްވެސް ހިމެނެއެވެ. ލަޕިޑް ބުނާގޮތުންނަމަ އިޒްރާއީލުގެ ދިދަ ހިފައިގެން ނުކުމެ، ރުޅިވެރިކަމާއި ރޭސިސްޓުކަން ދެއްކުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. އަދި މިފަދަ އަމަލުތަކަކީ އިޒްރާއީލުގެ ރައްޔިތުންނަށްވެސް ލިބޭ ހަޑިނަމެއްކަމަށްވެސް ލަޕިޑް ފާހަގަކުރަށްވާފައިވެއެވެ.

މިހިނގާލުން ބޭއްވުމުގެ ކުރިން ފަލަސްތީނުގެ ރައްޔިތުންނަށް ނުވަދެވޭގޮތަށް ބައެއް ސަރަހައްދުތައް ބަންދުކުރިއެވެ. އަދި ބަންދު ކޮށްފައިވާ ސަރަހައްދުތައް ކައިރިން ނުކިޔަމަންތެރިވީކަމަށް ބުނެ ފަލަސްތީނުގެ 17 މީހަކު އިޒްރާއީލުގެ ސިފައިން ހައްޔަރުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން