ކޮވިޑުގެ ދެވަނަ ރާޅާއެކު މައިންބަފައިން މިދުނިޔެއާއި ވަކިވެ، އިންޑިއާގެ އެތައް ކުޑަކުދިންނެއް ޔަތީމުވެއްޖެއެވެ.

އިންޑިއާގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑު ބަލީގެ ޝިކާރައަކަށްވި އެތައްބަޔަކު ހާލުބޮޑުވެ، ހޮސްޕިޓަލުތައް ފުރުމުގެ ސަބަބުން ރަނގަޅު ފަރުވާއެއް ނުލިބި މިބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. މިއާއިއެކު، މިބަލީގައި މަންމަ ނޫނީ ބައްޕަ، ނުވަތަ މަންމަ އާއި ބައްޕަ، ދުނިޔެ ދޫކޮށްފައިވާ ކުޑަކުދިންގެ އަދަދުވެސް ވަނީ އިންތިހާއަށް މައްޗަށްގޮސްފައެވެ.

އިންޑިއާގެ ނެޝަނަލް ކޮމިޝަން ފޯ ޕްރޮޓެކްޝަން އޮފް ޗައިލްޑް ރައިޓްސް (އެންސީޕީސީއާރް)ގެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 3،621 ކުޑަކުއްޖަކު ވަނީ މަންމަ އާއި ބައްޕަ މަރުވެ ޔަތީމުވެފައެވެ. އަދި މަންމަ ނޫނީ ބައްޕަ މަރުވެފައިވާ 26،000 އަށްވުރެއް ގިނަ ކުޑަކުދިން މިލިސްޓުގައި ހިމެނެއެވެ.

ކޮވިޑާ ގުޅިގެން ޔަތީމުވަމުންދާ ކުޑަކުދިންނަށް އިންޑިއާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން އެންމެ ބޮޑު ގޮންޖެހުމަކީ، ޔަތީމު ކުދިން އިތުރުވެ، އެކިސަރަހައްދުތަކުގައި ތިބި އެފަދަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުންކަމުގައި އެންސީޕީސީއާރުން ފާހަގަކޮށްފައިވެއެވެ.

1.3 ބިލިއަން މީހުން އާބާދީގައި ހިމެނޭ އިންޑިއާގައި މިހާތަނަށް 29.5 މިލިއަނަށްވުރެއް ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަދި މީގެތެރެއިން ތިންލައްކަ އަށްވުރެއް ގިނަ މީހުން މިބަލީގައި މަރުވެފައިވާކަމަށްވެސްވެއެވެ. ނަމަވެސް މިބަލީގައި ހާލުބޮޑުވެ ހޮސްޕިޓަލުތައް ފުރުމުގެ ސަބަބުން ފަރުވާއެއް އަދި އެއްވެސް އެހީތެރިކަމެއް ނުލިބި ކުދި އަވަަށްތަކުގައި މަރުވާމީހުން ގިނަވުމާއިއެކު، މިއަދަދުތައް އިތުރުވުން އެކަށީގެންވާކަމަށް އިންޑިއާގެ ސިއްޙީ މާހިރުން ލަފާކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން