ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ސަރުކާރު ބަލިކަށިވެ، ބައިބައިވެ މިސްރާބު ގެއްލިފައިވާކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ހަރުދަނާ ފިޔަވަޅެއް އެޅޭވަރަށްވުރެ ސަރުކާރު ބަލިކަށިވެ ބައިބައިވެ މިސްރާބު ގެއްލިފައިވާ ކަމަށެވެ. އަދި ރަނގަޅު މާލިމީއެއް ސަރުކާރުގައި ނެތް ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ރައްޔިތުން ގޮވައިގެން ސަލާމަތުގެ އައްސޭރިއަކަށް ދަތުރުކުރާނެ ދެ މޫސުން ބެދޭއިރު އަންނަ ކޮޅިގަނޑު އެނގޭވަރުގެ މާލިމީއެއް ސަރުކާރުގައި ނެތް." ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވާ ކަމަށްބުނެ ޔޫތު މިނިސްޓަރު އަހުމަދު މަޚުލޫފް މަގާމުގެ މަސްއޫލިއްޔަތު ތަކުން އެކަހެރި ކުރަން ރައީސް ސޯލިހު ނިންމައިފައިވާތީ އެކަމަށް އިޝާރަތް ކުރައްވަމުންނެވެ. މަހުލޫފް މިއަދު ވަނީ އެމައްސަލައިގައި ފުރަތަމަ ފަހަރަށް ދިފާއުގައި ވާހަކަ ދައްކަވާފައެވެ. މަހުލޫފް ވިދާޅުވީ ފެށުނީއްސުރެވެސް އެމްއެމްޕީއާރުސީ މައްސަލައިގައި އޭނާއާމެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް، ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއްގެ ގޮތަށް ކަމަށެވެ. އަދި އެކަންކުރަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެންކަން، އެންމެ އިސްވެރިންނަށްވެސް އެނގިވަޑައިގަންނަވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

"ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން." މަހްލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ، "ވަރުބަލިވެއްޖެ" ކަމަށާއި، އޭނާއަށްވެސް އަބަދު އަނގަ ބަންދުކޮށްގެން ނުހުރެވޭނެ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ މަހުލޫފަށް ލިބިވަޑައިގެންފައިވާކަން އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީގެ ތަހުގީގަށް ސާބިތުވެފައިވާތީ މަހުލޫފުގެ މައްޗަށް ދައުވާ ކުރުމަށް މިހާރުވަނީ ޕީޖީއަށް ފޮނުވާފައެވެ. އެއާއެކު މަހުލޫފް ވަނީ މަސައްކަތްތަކުންވެސް ދުރުކޮށްފައެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވާ މީހުންނާއި އެޚިޔާނާތުން މަންފާ ލިބުނު ފަރާތްތަކުގެ ލިސްޓް ފުރަތަމަ ނުކުތް ދުވަސްވަރުވެސް މަހްލޫފް ވަޒީފާގެ ޒިންމާތަކުން ދުރުކުރިއެވެ. ނަމަވެސް އޭނާގެ ކުށެއް ނެތްކަމަށް ލިއުމެއް ހޯއްދެވުމުން އަލުން ވަނީ ވަޒީފާއަށް ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން