ކޮވިޑު ކޭސްތައް އިތުރުވެ މުޅި މެލޭޝިޔާ ލޮކްޑައުން ކުރުމަށް ނިންމައި އެކަން އިއުލާންކޮށްފިއެވެ.

މެލޭޝިޔާ ލޮކްޑައުން ކުރުމަށް އިއުލާންކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. މެލޭޝިޔާ ލޮކްޑައުން ކުރުމަށް ހަމަޖެހިފައިވަނީ ޖޫންމަހުގެ އެއްވަނަ ދުވަހުން 14 ދުވަހުގެ މުއްދަތަށެވެ.

މިމުއްދަތުގައި ޒަރޫރީ ހިދުމަތްތައް ފިޔަވައި އެހެން ހުރިހާ ހިދުމަތްތަކާއި ވިޔަފާރިތައް ވަނީ މަނާކޮށްފައެވެ.

މެލޭޝިޔާ ލޮކްޑައުންކޮށްފައިވަނީ ކޮވިޑް ކޭސްތައް ގިނަވެ، ހޮސްޕިޓަލްތަކަށް ބާރުބޮޑުވާން ފެށުމާއިއެކު ކަމަށް، މެލޭޝިޔާގެ ބޮޑުވަޒީރުގެ އޮފީހުން އާންމުކޮށްފައިވާ ލިޔުމުގައި ބަޔާންކޮށްފައިވެއެވެ. އަދި މެލޭޝިޔާގައި މިހާރު އިތުރުވަމުންދާ ކޮވިޑް ކޭސްތަކަކީ، ކޮވިޑުގެ ނުރައްކާތެރި އިތުރު ވޭރިއަންޓްތަކާހުރެ އިތުރުވަމުންދާ ކޭސްތަކެއްކަމަށްވެސް އެލިޔުމުގައި ބަޔާންކޮށްފައިވެއެވެ.

ތިން ފޭސްއަކަށް ކުރިއަށްދާ މިލޮކްޑައުންގެ ފުރަތަމަ ފޭސް ނިންމުމަށްފަހު، ދެވަނަ ފޭސްގައި ވިޔަފާރިތައް ހުޅުވުމަށް ފުރުސަތު ދިނުމަށް މެލޭޝިޔާގެ ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ތިންވަނަ ފޭސްގައި އިތުރު ލުއިތަކެއް ދިނުމަށް ހަމަޖެހިފައިވިނަމަވެސް، މޫވްމެންޓް ކޮންޓްރޯލް އޯޑަރެއް އިއުލާންކުރުމަށް ވަނީ ނިންމާފައެވެ.

އަދި ކޭސްތަކުގެ އަދަދަށް ބެލުމަށްފަހު، ލޮކްޑައުންގެ ފޭސްތަކުގެ މުއްދަތު އިތުރުކުރަން ޖެހިދާނެކަމަށްވެސް މެލޭޝިޔާ ސަރުކާރުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން