އިންޑިއާގައި ކޮވިޑުގެ ހާލަތު ގޯސްވެ، ބަލި ޖެހޭމީހުން އިތުރުވެ، ގިނަ ހޮސްޕިޓަލްތައް އޮކްސިޖަނަށްޖެހުމާއިއެކު، ހޮސްޕިޓަލްތަކުގެ އެނދުތައްވެސްް ވަނީ ފުރިފައެވެ. މިއާއެކު ސިއްހީ އެހީތެރިކަމެއް ނުލިބި މިބަލީގައި މަރުވާ މީހުންގެ އަދަދުވެސް އިންޑިއާގައި ވަނީ އެތައް ގުނައެއް އިތުރުވެފައެވެ.

އިންޑިއާގެ ކޮވިޑުގެ ހާލަތާއިއެކުވެސް، ޗެންނާއީއަށް އުފަން ސީތާ ދޭވީ ދަނީ ނަމޫނާ ދައްކަމުންނެވެ. ސީތާގެ އެހީތެރިކަން ފެށިގެން ދިޔައީ ކޮވިޑު ޖެހިގެން ދުނިޔެ ދޫކޮށްފައިވާ މަންމަގެ ހަނދާނުގައެެވެ.

އޭނާގެ މަންމަ ކޮވިޑު ޖެހި ހާލުބޮޑުވެ ޗެންނާއީގައި ހުންނަ ސަރުކާރު ހޮސްޕިޓަލަށް ގެންދިއުމުން، އޮކްސިޖަން ނުލިބި އަދި މަންމަ އެޑްމިޓް ކުރާނެ އެނދެއްވެސް ނުލިބި 12 ގަޑިއިރު ވަންދެން ހޭދަކުރަންޖެހުނެވެ. ދެން ސީތާ ދިއައީ މަންމަ ގޮވައިގެން ސަރުކާރުގެ އެހެން ހޮސްޕިޓަލަކަށެވެ. ނަމަވެސް އެތައް ގަޑިއިރެއްގެ އިންތިޒާރަކަށްފަހު މަންމަ އެޑްމިޓްކުރާނެ އެނދެއް ލިބުނު އިރު، އޮކްސިޖަން ނުލިބި އެހާގިނައިރުވުމުން ސީތާގެ މަންމަގެ ހާލުބޮޑުވެ މިދުނިޔެދޫކުރީއެވެ.

އޮކްސިޖަން ނުލިބި މަންމަ މަރުވުމާއިއެކު މަންމަގެ ހަނދާނުގައި ސީތާ ފެށީ ކޮވިޑުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަަށް އެހީތެރިވުމަށެވެ. މިގޮތުން އޭނާ ހިންގަމުންދާ ޖަމިއްޔާ މެދުވެރިކޮށް އޮކްސިޖަން ފޯރުކޮށްދިނުމަށް އޮޓޯ ރިކްޝާ ޓެކްސީއެއް ހަމަޖެއްސިއެވެ. މި އޮޓޯ ރިކްޝާ ޓެކްސީގައި އޮކްސިޖަން ސިލިންޑަރަކާއި ފްލޯ މީޓަރ އެއް ހަރުކޮށްފައިވެއެވެ.

ސީތާގެ އޮކްސިޖަން އޮޓޯ ރިކްޝާ ޓެކްސީ އޮންނަނީ ރާޖީވް ގާންދީ ގަވަރންމެންޓް ޖެނެރަލް ހޮސްޕިޓަލް ސަރަހައްދުގައި ޕާކްކޮށްފައެވެ. މި އޮކްސިޖަން އޮޓޯ ރިކްޝާ މެދުވެރިކޮށް ހެނދުނު 8 ކުން ރޭގަނޑު 8 ޖަހަންދެން ހޮސްޕިޓަލަށް އެހީއަށް އެދި ކިއުގައި ޖެހޭމީހުންނަށް އޮކްސިޖަން ފޯރުކޮށްދިނުމަށް އެހީތެރިވެދެއެވެ. ދުވާލެއްގެ މައްޗަށް 20 މީހުންނަށް، މި އޮކްސިޖަން އޮޓޯ ރިކްޝާ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭކަމަށްވެއެވެ.

އިންޑިއާގައި ސީތާ ފަދައިން ގިނަ އާންމު ފަރާތްތަކުން ކޮވިޑާ ހަނގުރާމަކުރުމުގައި އެހީތެރިވުމަށް ވަނީ އިސްނަގާފައެވެ. އަދި ޗެންނާއީގައި މިފަދައިން ހަރަކާތްތެރިވާ އާންމު ފަރާތްތަކުން ލޮކްޑައުންގެ ހާލަތުގައިވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަހުއްދައެއް ވަނީ ދޫކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން