އިންޑިއާގައި ކޮވިޑުގެ ހާލަތު ގޯސްވެ އެކި ހިސާބުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާއިރު ގިނަބަޔަކު އެއްވެ ކުރެވޭ ކައިވެނިތައްވެސް ބައެއް ސަރަހައްދުތަކުގައި ވަނީ މަނާ ކުރެވިފައެވެ. ކައިވެނި ކުރުމަށް ހުއްދަދޭ ބައެއް އަވަށްތަކުގައި ކައިވެނި ހަފުލާތަކުގައި 50 މީހުންނަށް ވުރެ ގިނައިން ބައިވެރިވުންވެސް މަނަލެވެ.

އިންޑިއާގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުން އިތުރުވެފައިވާ ދަނޑިވަޅެއްގައި ކޮވިޑުން ސަލާމަތްވެ ކައިވެންޏެއް ކުރުމަށް ކަމަށްބުނެ، އިންޑިއާގައި ފްލައިޓެއް ޗާޓާ ކޮށްގެން ކައިވެންޏެއްް ކޮށްފިއެވެ. އިންޑިއާގެ ޓަމިލް ނާޑޫ ސަރަހައްދަށް ނިސްބަތްވާ މިމީހުން ޗާޓަރު ކޮށްފައިވަނީ އިންޑިއާގެ ސްޕައިސްޖެޓް ގެ ފްލައިޓެކެވެ.

ޓަމިލް ނާޑޫގެ މަދޫރާއީ އިން ބެންގަލޫރަށް ދަތުރު ކުރި މިފްްލައިޓު އުދުއްސާލުމާއިއެކު، ކައިވެނީގެ ކަންކަން ފެށުނެވެ. އަދި ފްލައިޓު ވައިގެ ތެރޭގައި އޮއްވައި ބޭއްވުނު މިހަފްލާގައި ބައިވެރިވުމަށް 160 މީހުން ފްލައިޓުގައި ތިބިކަމަށްވެއެވެ.

ނަމަވެސް ފްލައިޓު މަތީގައި ކުރެވުނު ކައިވެނި ނިމުނުއިރު އޮތީ ކޮވިޑާ ގުޅިގެން އިންޑިއާގައި އެޅިފައިވާ ގަވާއިދާ ހިލާފުވެފައެވެ. ކައިވެނީގައި މާގިނަ މީހުން ބައިވެރިވީއެވެ.

މިއާއެކު ކަންހިނގާ ދިޔަ ގޮތުގެ ތަހުގީގެެއް ކުރުމަށް އިންޑިއާގެ ސިވިލް އޭވިއޭޝަނުން ވަނީ ނިންމާފައެެވެ. އަދި އެފްލައިޓުގައި އެވަގުތު ތިބި ކްރޫއިން ވަނީ ސަސްޕެންޑުކޮށްފައެވެ. އިންޑިއާގެ ސިވިލް އޭވިއޭޝަނުން ބުނާ ގޮތުގައި ފްލައިޓުގައި ތިބި މީހުން އެއްވެ ގާތްގާތުގައި ތިބުމާއި މާސްކް ނާޅައި ތިބުމުން ވައިގެ އުދުހުންތަކުގައި އަމަލުކުރަން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާވެސް އެމީހުން ވަނީ ހިލާފުވެފައެވެ.

މިއާއެކު މިހާދިސާ ތަހުގީގު ކުރުމަށްފަހު، ކައިވެނި ކުރި ދެމީހުންނާއި އެމީހުންގެ އާއިލާގެ އިތުރުން ފްލައިޓު ޗާޓަރ ކޮށްދިން އިންޑިއާގެ ސްޕައިސްޖެޓް ކުންފުނި ޖޫރިމަނާކޮށް އިތުރު ފިޔަވަޅުތަކެއް އަޅާނެކަމަށް އިންޑިއާގެ ސިވިލް އޭވިއޭޝަނުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން