އާގުބޯޓު، އެވަރގިވެން ސުއޭޒް ކެނަލުގައި ތާށިވީ ސުއޭޒް ކެނަލް ބަލަހައްޓާ މީހުންގެ އިހުމާލުންކަމަށް އެބޯޓުގެ ވެރިފަރާތުން ބުނެފިއެވެ.

މިބޯޓުގެ ވެރިފަރާތުން މިހެން ބުނެފައިވަނީ ސުއޭޒް ކެނަލުގައި ތާށިވެ ހަ ދުވަސް ހޭދަކުރިއިރު އެކިގޮތްގޮތުން އެތަނަށް ލިބުނު ގެއްލުންތަކަށް ޖޫރިމާނާ ކުރުމުންނެވެ. އެވަރގިވެން ސުއޭޒް ކެނަލުގައި ތާށިވުމާއިއެކު، މުދާ އުފުލާ އެތައް ބޯޓުފަހަރަކަށް އެސަރަހައްދުން ދަތުރު ނުކުރެވި ތާށިވެގެން ދިއައެވެ.

ސުއޭޒް ކެނަލުގައި އެވަރގިވެން ތާށިވީ، އެސަރަހައްދުން ދަތުރު ކުރަމުންދަނިކޮށް މޫސުން ގޯސްވެ ވައިގަދަވުމާއިއެކު މިއަހަރުގެ މަރޗް މަހުއެވެ.

ހަދުވަހަށް ފަހު އެވަރގިވެން ސުއޭޒް ކެނަލުން ނެރެވުނު ނަމަވެސް ބޯޓު ދަތުރުކުރުމަށް އަދި ހުއްދަ ލިބިފައެއްނުވެއެވެ. އަދި ބޯޓުގެ ވެރިފަރާތް ވަނީ 916.5 މިލިއަން ޑޮލަރުން ޖޫރިމާނާކޮށްފައެވެ. އެވަރގިވެން ސުއޭޒް ކެނަލް ސަރަހައްދުން ދަތުރުކުރެވޭނީ މިޖޫރިމާނާ ދެއްކުމުންނެވެ.

ނަމަވެސް ޖޫރިމާނާ ދައްކަން ނުޖެހޭނެކަމަށް ބުނެ މިމައްސަލަ އޮތީ މިހާރު މިސްރުގެ ވިޔަފާރިތަކާ ބެހޭ ކޯޓުގައެވެ. ކޯޓު މަރުހަލާތަކުގައި އެވަރގިވެންގެ ވެރިފަރާތުން ވަނީ ސުއޭޒް ކެނަލުގައި ތާށިވީ ސުއޭޒް ކެނަލް ބަލަހައްޓާ ސުއޭޒް ކެނަލް އޮތޯރިޓީގެ އިހުމާލުން ކަމަށް ބުނެފައެވެ. މޫސުން ގޯސްވުމާއިއެކުވެސް އެސަރަހައްދަށް ވަނުމަަށް ހުއްދަދިނީ ސުއޭޒް ކެނަލް އޮތޯރިޓީއިން ކަމަށްވެސް ބުނެފައިވެއެވެ. މިހެން ކަމުން ޖޫރިމާނާ ދައްކަން ނުޖެހޭނެކަމަށްވެސް އެވަރގިވެންގެ ވެރިފަރާތުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން