ހަމަލާތައް ހުއްޓާލުމާއިއެކު ފަލަސްތީނުގެ ރައްޔިތުން މަގުތައްމައްޗަށް ނިކުމެ އުފާފާޅުކުރަނީ.
ހަމަލާތައް ހުއްޓާލުމާއިއެކު ފަލަސްތީނުގެ ރައްޔިތުން މަގުތައްމައްޗަށް ނިކުމެ އުފާފާޅުކުރަނީ.
އިޒްރޭލާއި ފަލަސްތީނާއި ދެމެދު ބަދަލު ކުރެވެމުންދިޔަ ހަމަލާތައް 11 ދުވަހަށްފަހު ހުއްޓާލައިފިއެވެ.

ފަލަސްތީނާ ދެކޮޅަށް ވައިގެ ހަމަލާތައް އިޒްރޭލުންފަށައިފައިވަނީ މިދިޔަ ރޯދަމަހުގެ ފަހު ދިހައެއްގައެވެ. މިހަމަލާތައް ބަދަލު ކުރަން ފެށި ސަބަބަކަށް އިޒްރޭލުން ހާމަކޮށްފައިވަނީ ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލުގެ ސަރަހައްދަށް އަމާޒުކޮށް ފޮނުވި ރޮކެޓުހަމަލާތަކެވެ. ހަމާސް އިން އިޒްރޭލަށް ރޮކެޓު ހަމަލާ ދީފައިވަނީ މަސްޖިދުލް އަޤްޞާގައި އިޒްރޭލުގެ ސިފައިން ހިންގަމުންދާ އަނިޔާވެރިކަން ހުއްޓުވުމަށް ގޮވާލި ގޮވާލުމަށް އިޖާބަ ނުދިނުމުންނެވެ.

މިހަމަލާތައް ހުއްޓުމަކަށް ގެނައުމަށް އެއްބަސްވިކަން އިއުލާން ކޮށްފައިވަނީ ހަމާސް ޖަމާއަތުން އިއްޔެގެ ވަގުތެއްގައެވެ. މިގޮތުން ހުކުރު ދުވަހުގެ މެންދަމުން އަލިވެ 2 ޖަހާއިރު، ހަމަލާބަދަލުކުރުން ހުއްޓާލާނެ ކަމަށް ހަމާސް ޖަމާއަތުން ހާމަކުރިއެވެ.

މިހަމަލާތައް ހުއްޓާލުމާއިއެކު ފަލަސްތީނުގެ ރައްޔިތުން ވަނީ މަގުތައްމައްޗަށް ނުކުމެ އުފާފާޅުކޮށްފައެވެ. އަދި މިއީ ފަލަސްތީނަށް ލިބުނު ކާމީޔާބީއެއްކަމަށް ފަލަސްތީނުގެ ރައްޔިތުން ފާހަގަކުރަމުން ދިޔައެވެ. މިގޮތުން މިސްކިތްތަކުގެ ސްޕީކަރުތަކުންނާއި، އަޑުގަދަ ކުރާ ބޭނުންކޮށްގެން ޔަހޫދީންގެ ކިބައިން ނަސްރު ދެއްވި ކަމަށްޓަކައި މާތް ﷲ އަށް ޝުކުރު ކުރާކަމަށް ގޮވަމުން ދިޔައެވެ.

އަދި ހަމަލާބަދަލު ކުރުން ހުއްޓާލުމާއިއެކު މިސްރުގެ ރައީސް އަބްދުލް ފައްތާޙު އެލްސިސް ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ޝުކުރު އަދާކުރަށްވާފައެވެ. މިކަމާ ބެހޭގޮތުން މިސްރުގެ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިޒްރޭލާއި ފަލަސްތީނާއި ދެމެދު ބަދަލު ކުރެވުނު ހަމަލާތައް ހުއްޓުވުމަށް މިސްރުން އިސްނެގިނަމަވެސް، މިކަން ކާމިޔާބުވީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަބަބުން ކަމަށް ވިދާޅުވެފަވެ. އިޒްރޭލުގެ ބާރުތަކަށް އެންމެ ގިނައިން ޚަރަދު ކުރާ އެއްގައުމަކީވެސް އެމެރިކާއެވެ. ނަމަވެސް ދުނިޔޭގެ ފިއްތުން ތަކާހުރެ، އެމެރިކާއިންވެސް ތާއީދު ކުރީ ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށެވެ.

ހަމަލާތައް ހުއްޓުވުމުގައި އެމެރިކާއިން އިސްނެގި ކަމަށް ވިދާޅުވެ މިސްރުގެ ރައީސް އެމެރިކާގެ ރައީސަށް ތަޢުރީފު ކުރަށްވާފައިވާއިރު، ފަލަސްތީނުގެ މައްސަލައަށް ހައްލެއް ނުލިބެނީ އެމެރިކާއާއި ހުޅަނގުގެ ވެރިންގެ ކުރިމަތީގައި އަރަބި ބޮދެތި ދައުލަތްތަކުގެ ވެރިން ކުޑަކަކޫ ޖަހައިގެން ތިބޭތީ ކަމަށް ބުނެ އިސްލާމީ ދައުލަތްތަކުގެ އާންމު ރައްޔިތުން ވަރަށް ބޮޑަށް ފާޑުކިޔަމުންދާކަން ފާހަގަ ކުރެވެއެވެ.

މިހަމަލާތަކުގައި ފަލަސްތީނުގެ 232 ރައްޔިތުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި 65 ކުޑަކުދިންވެސް ވަނީ ޝަހީދުވެފައެވެ. އަދި މީގެއިތުރުން، ފަލަސްތީނުގެ އުސްއިމާރާތްތަކާއި، އާންމު ރައްޔިތުން ދިރިއުޅޭ އެތައް ގެއެއް މިފަހަރުގެ ހަމަލާތަކުގައި ވެސް ބިމާއި ހަމަވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-6

މިހަންމަދު

24-May-2021

މިސްރުއޮތީޔަހޫދީ އެމެރިކާއައްދަށުވެފާ



ޓްރެންޑިން