އިންޑިއާގެ އަވަށްތަކުގައި ކޮވިޑް ޖެހިފައިވާ މީހުން އޮކްސިޖަން ލެވެލް މަތިކުރުމަށް ގަސްތައްދޮށަށް އެއްވާން ފަށައިފިއެވެ.

މިފަދައިން ކަންތައްކުރަނީ ބަލި ހާލަތު ބޮޑުވެއްޖެނަމަ ފަރުވާ ހޯދުމަށް މާލީ ހާލަތުތަނަވަސްނޫން އަވަށްތަކުގެ މީހުންކަމަށްވެއެވެ. މިފަދަ ފަގީރު އަވަށްތަކުގައި ކޮވިޑުޖެހިފައިވާ ފަރާތްތަަކަށް ފަރުވާ ދެވޭނެ ވަކި ސިއްޙީ މަރުކަޒެއްވެސް ނުހުރެއެވެ. މިގޮތުން ގިނަ މަންޒަރުތަކުން ފެންނަ މަންޒަރުތަކަށް ބަލާއިރު އަވަށްތަކުގައި ކޮވިޑް ޖެހިފައިވާ ގިނަ ފަރާތްތަކަށް ފަރުވާ ދޭން ބައިތިއްބާފައި ތިބެނީވެސް މަގުމަތީގައެވެ.

މިފަދަ ގިނަގޮންޖެހުންތަކަކާއި އެކުވެސް ނަމޫނާ ދެއްކީ އިންޑިއާގެ އުއްތަރުޕްރަދޭޝް ސްޓޭޓްގެ މިއުލަ ގޯޕަލްގާހް ނަމަކަށްކިޔާ އަވަށަކުންނެވެ. މިއަވަށުގައި ޑޮކްޓަރެއް ނުހުރެއެވެ. ސިއްޙީ މަރުކަޒެއް ނުހުރެއެވެ. އަވަށާ އެންމެ ކައިރި ހޮސްޕިޓަލުގައި އެނދެއް ނެތެވެ. އަދި ކައިރި ޕްރައިވެޓް ކްލިނިކްތަކާއި ހޮސްޕިޓަލްތަކުގެ އެހީއަށް އެދޭނެހާ މާލީހާލަތެއްވެސް ތަނެއް ނުދެއެވެ.

މިއާއެކު މިއަވަށުގެ ރައްޔިތުން ނުކުމެ އަމިއްލަ އެނދުތައް ބޭރަށް، ވައިޖެހޭ ސަރަހައްދުތަކަށް ނެެރެ އޯޕަން އެއަރ ކްލިނިކެއް ގާއިމުކޮށް ކޮވިޑް ބަލި ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ދޭން ފެށިއެވެ. މިގޮތުން މިބަލީގެ އަލާމާތަކަށް ފަރުވާ ދިނުމަށް މަސައްކަތްކުރަމުންދާއިރު ގައިގަ ވަރުޖައްސަން ގްލޫކޯޒް ދީ ހަދާކަމަަށްވެއެވެ. ކޮވިޑުގައި ހާލުބޮޑުވެއްޖެނަމަ ފަރުވާ ދިނުމަށް އޮކްސިޖަންވެސް ނެތް މިއަވަށުގައި ކޮވިޑް ޖެހިފައިވާ ފަރާތްތަކުން އޮކްސިޖަން ލެވެލް މަތިކުރުމަށްކަމަށް ބުނެ ގަސްތައްދަށުގައި އެނދުބަހައްޓައިގެން ކޮވިޑް ބަލިމީހުންނަށް ފަރުވާ ދޭން ވަނީ ފަށާފައެވެ.

އިންޑިއާގައި ކޮވިޑުގެ ދެވަނަ ރާޅާއެކު މިބަލި ޖެހޭ މީހުން އިތުރުވެފައިވާއިރު، އިންޑިއާގެ ގިނަ ފަގީރު އަވަށްތަކުގައި ފަރުވާ ދެވޭނެ ސިއްހީ ނިޒާމެއް ގާއިމުކުރެވިފައި ނެތުމުން އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. މީގެއިތުރުން މިފަދަ އަވަށްތަކުގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ ނިޒާމެއްވެސް ނެތްކަމަށް ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން