ފޮޓޯ: ބީއޯސީ
ފޮޓޯ: ބީއޯސީ
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން އޭނާއަށް ނޭނގި އެތައް ލައްކަ އެމެރިކާ ޑޮލަރެއް ވަގަށް ނެގުމަށްޓަކައި ސައްހަނޫން ލިޔުމެއް އުފައްދައި، ފައިސާ ޓްރާންސްފާ ކުރި މައްސަލަ ސާބިތުވެ، އެ ބޭންކުގެ ކުރީގެ އިސް ވެރިއެއްގެ މައްޗަށް ޖަލު ހުކުމް އިއްވައިފިއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ މި ހުކުމް އިއްވާފައިވަނީ ބީއޯސީގެ ކުރީގެ ޑެޕިއުޓީ ކަންޓްރީ މެނޭޖަރު އަދި ކޮމްޕްލަޔަންސް އޮފިސަރު ޙަސަން ވަޙީދުގެ މައްޗަށެވެ. ކްރިމިނަލް ކޯޓުގެ ގާޟީ ޢަލީ ނަދީމް އިއްޔެ ކުރެއްވި މި ހުކުމްތަކަކީ 2019 ވަނަ އަހަރުން ފެށިގެން ހިނގަމުންދިޔަ މައްސަލަތަކެއްގެ ނިންމުމެވެ.

މި މައްސަލައިގައި ދައުލަތުން ޙަސަން ވަޙީދުގެ މައްޗަށް ދެ ދައުވާއެއް އުފުލިއެވެ. އެއީ އެނގިހުރެ ސައްހަނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގެ ދައުވާއާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއެވެ. ޝަރީއަތުން ބެލިބެލުމުގައި މި ދެ ދައުވާވެސް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ދައުލަތުން ވަނީ ސާބިތުކޮށްދީފައެވެ.

ގާނޫނުލްއުގޫބާތުގެ ދަށުން އަދަބުގެ ދަރަޖަ ދަށްކޮށް، އޭނާގެ މައްޗަށް ކޯޓުން ކަނޑައެޅި އަދަބުތަކަށް ބަލާއިރު އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށަށް ދެ އަހަރާއި ނުވަ މަހާއި 11 ދުވަހުގެ ޖަލު ހުކުމަކާއެކު، 144،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެއެވެ. އަދި އެނގިހުރެ ސައްހަނޫން ލިޔުމެއް އުފެއްދުމުގެ ކުށަށް ހަ މަހާއި 18 ދުވަހުގެ ޖަލު ހުކުމަކާއެކު، 18،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެއެވެ.

މައްސަލަ ހިނގާފައިވާ ގޮތަށް ބަލާއިރު، 9 ޖޫން 2019 ދުވަހު ޙަސަން ވަޙީދު ވަނީ ބީއޯސީގެ ދިވެހި އަންހެން ކަސްޓަމަރެއްގެ އެކައުންޓުން، އެ މީހާއަށް ނޭނގި 150،000 އެމެރިކާ ޑޮލަރު ޓްރާންސްފާ ކުރުމަށްޓަކައި ސައްހަނޫން ޓްރާންސްފާ ރިކުއެސްޓެއް އަމިއްލައަށް ތައްޔާރުކޮށްފައެވެ. އަދި ބޭންކުގެ މުވައްޒަފަކު މެދުވެރިކޮށް އެ ލިޔުން ޕްރޮސެސްކޮށް، އެ ފައިސާ އަބްދުﷲ ނަފީޤް ޕާޝާ ކިޔާ މީހެއްގެ އެކައުންޓަށް ވަނީ ޖަމާކޮށްފައެވެ.

އެއަށްފަހު، އެންމެ ފަސް މިނެޓުގެ ތެރޭގައި (އެ ދުވަހުގެ ހެނދުނު 10:44 ގައި) ނަފީޤް ޕާޝާގެ އެކައުންޓުން އެ ފައިސާ "ސީނިއާ އިންޓާނޭޝަނަލް ޕްރައިވެޓް ލިމިޓެޑް" ގެ އެކައުންޓަށް ވަނީ ފޮނުވާފައެވެ. ސީނިއާ އިންޓަރނޭޝަނަލް އިން އެ ފައިސާ ބޭނުންކޮށްފައިވަނީ ރާއްޖެއިން ބޭރުގެ ހަތަރު ކުންފުންޏެއްގެ އިންވޮއިސްތަކަށް ފައިސާ ދެއްކުމަށެވެ. އަދި މި އިންވޮއިސްތަކަށް ފައިސާ ދެއްކުމަށް ސްވިފްޓް އެޕްލިކޭޝަން ހުށަހަޅާފައިވަނީ ފައިސާ ވަގަށް ނެގުމުގެ ހަ ދުވަސް ކުރިން، 2 ޖޫން 2019 ގައެވެ.

މީގެ އިތުރުން، 18 ޖުލައި 2018 ގައިވެސް އެ އަންހެން މީހާގެ އެކައުންޓުން 110،000 ޑޮލަރު ހަމަ މި މަގުން ނަފީޤް ޕާޝާގެ އެކައުންޓް މެދުވެރިކޮށް ސީނިއާ އިންޓާނޭޝަނަލްއަށް ޓްރާންސްފާ ކޮށްފައިވާކަން އޯޑިޓް ރިޕޯޓުން ހާމަވެފައިވެއެވެ.

މި މައްސަލައިގެ ތަހުގީގުގައި ޙަސަން ވަޙީދު ބޭނުންކުރި ސީޕީޔޫއިން އަންހެން މީހާގެ ނަމުގައި ހަދާފައިވާ ޓްރާންސްފާ ރިކުއެސްޓުގެ ވޯޑް ޓެމްޕަރަރީ ފައިލް ފެނިފައިވާއިރު، އެ ފައިލް ޕްރިންޓުވި ވަގުތާއި އޭނާ ކެބިންގައި އިނދެ ކަރުދާސްގަނޑު ނެގި ވަގުތު ސީސީޓީވީ ފުޓޭޖާ ސީދާ ދިމާވެއެވެ.

ހަމައެއާއެކު، ޙަސަން ވަޙީދުގެ ކެބިން ތެރެއިން އަންހެން މީހާގެ ސޮއި ފަރިތަކޮށްފައިވާ ކަރުދާސްކޮޅުތަކެއް ފެނިފައިވާއިރު، ފޮރެންސިކް ޑޮކިއުމަންޓް އެގްޒަމިނޭޝަން ރިޕޯޓުން ދައްކާ ގޮތުގައި އެ ލިޔުމުގައިވަނީ 'ސިމިއުލޭޓެޑް މެތަޑް' ބޭނުންކޮށްގެން ފޯޖުކޮށްފައިވާ (ވަގު) ސޮޔެކެވެ.

މި މުއާމަލާތްތަކުގެ ފަހަތުގައިވާ ގުޅުންތަކަށް ބަލާއިރު، ސީނިއާ އިންޓާނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒައިނަލް ޢާރިފަކީ ޙަސަން ވަޙީދުގެ އެންމެ ގާތް އެކުވެރިޔާގެ އިތުރުން އޭނާގެ ވިޔަފާރި ބައިވެރިޔާއެވެ. އަދި ފައިސާ ޖަމާކުރި ނަފީޤް ޕާޝާއަކީ ޒައިނަލްގެ ދޮންބައްޕައެވެ. މީގެއިތުރުން، ނޮވެމްބަރު 2018 އިން ފެށިގެން ސީނިއާ އިންޓަރނޭޝަނަލް އިން ކޮންމެ މަހަކު 52،500 ރުފިޔާގެ މަގުން ޖުމްލަ 367،500 ރުފިޔާ ޙަސަން ވަޙީދުގެ ބީއެމްއެލް އެކައުންޓަށް ޖަމާކޮށްފައިވާކަންވެސް ތަހުގީގަށް ވަނީ ހާމަވެފައެވެ.

ފަައިސާ ގެއްލުނު މައްސަލައިގައި 10 ޖޫން 2019 ގައި އަންހެން މީހާ ބޭންކަށް ގޮސް ޝަކުވާ ކުރުމުން، މިއީ ފްރޯޑެއް ކަމަށް އޭނާ ގާތު ބުނުމަށްފަހު، ކުޑައިރުކޮޅެއް ފަހުން ބޭންކުގެ އެހެން މުވައްޒަފަކު ކައިރީ މައްސަލަ ހައްލުވެއްޖެ ކަމަށާއި، އެއީ އަންހެން މީހާ ހަނދާންނެތިގެން ވީކަމެއް ކަމަށް ބުނެ ޙަސަން ވަޙީދު މައްސަލަ އޮޅުވާލަން މަސައްކަތްކުރި ކަމަށްވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް