ފަތުރުވެރިކަމުގެ ދުވެލި ކުރިއަށްދާނީ ރާއްޖެއަކީ ފެހި މަންޒިލަކަށްވެގެންކަމަަށް ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް މިހެން ވިދާޅުވެފައި މިވަނީ، ރާއްޖެއަށް ކޮވިޑްގެ ތިންވަނަ ރާޅެއް ބިންދާލައި ކޮންމެ ދުވަހަކު ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވެ މުޅި ރާއްޖެއަށް ބަލި ފެތުރެމުންދާތީ އެކަމަށް ސަމާލުވެ އަދަދުތައް ދަށްކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުރިއެރުމާއި ގުޅިފައިވާ ކަމެއްކަން ރައްޔިތުންނަށް ހަނދާން ކޮށްދެއްވުމުގެ ގޮތުންނެވެ. މީގެއިތުރުން މިނިސްޓަރ މައުސޫމް މިފަދަ މެސެޖެއް ދެއްވާފައި މިވަނީ ރާއްޖޭގައި ކޮވިޑްގެ ބިރުވެރިކަން އިތުރުވެ ރާއްޖެއަށް ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ދުނިޔޭގެ ގައުމުތަކުން އަންގަމުންދާއިރު ކޯވިޑް ފެތުރެމުންދާ ގައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތުގެ ރައްޔިތުން ދަތުރުކުރުން އެންމެ ނުރައްކާތެރި ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ހިމަނާފައިވާ ދަނޑިވަޅެއްގައެވެ.

ރާއްޖޭގައި ކޮވިޑްގެ ނުރައްކާތެރިކަން އިތުރުވެފައި ވާ މިދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބައިނަލްއަގުވާމީ މުޖްތަމައުގެ ސަމާލުކަމަށް އެކަން އައިސްފައިވާއިރު މިފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެކަން ޑރ. މައުސޫމުގެ މެސެޖުގައި ފާހަގަކުރަށްވައި އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެންނަވާފައިވެއެވެ.

ޓުއަރިޒަމް މިނިސްޓަރ މައުސޫމް ވިދާޅުވީ ‏ފަތުރުވެރިކަމުގެ ދުވެލި ކުރިއަށްދާނީ، އެހެންގައުމުތަކުގެ ނަޒަރިއްޔާތުގައި ރާއްޖެއަކީ ފެހި މަންޒިލަކަށްވެގެންކަމަށެވެ. އަދި ކޮވިޑުގެ އަދަދު ދަށްކޮށް ހުރިހާގޮތަކުންވެސް ސަލާމަތާއި ރައްކާތެރިކަން ބޮޑު ގައުމަކަށް ރާއްޖެހެދުމަށް އެންމެން ހިއްވަރުކުރަންޖެހޭކަމަށް ޑރ. މައުސޫމް ވިދާޅުވެފައި ވެއެވެ.



ކޮވިޑާއި ގުޅިގެން އިނގިރޭސިވިލާތުގެ "ރަތް ލިސްޓަށް" ދިވެހިރާއްޖެ އިތުރުކޮށްފައިވާއިރު، ރާއްޖޭގައި ކޯވިޑް ޖެހޭ މިންވަރު ދަނީ ހުއްޓުމެއްނެތި މައްޗަށް އަރަމުންނެވެ. އެގޮތުން އިއްޔެވެސް ރާއްޖެއިން 800 އެއްހާ މީހުން ބައްޔަށް ޕޮޒިޓިވްވިއެވެ.

އިނގިރޭސިވިލާތުގެ ރަތް ލިސްޓްގައި ރާއްޖޭގެ އިތުރުން 43 ގައުމެއް ހިމެނެއެވެ.

މިލިސްޓުގައި ހިމެނޭ ގައުމުތަކަށް ދަތުރުކުރުމަށް ފަހު 14 ދުވަސް ފުރިހަމަނުވާ ނަމަ، އިނގިރޭސި ރައްޔިތުން ފިޔަވައި އެހެން ގައުމުތަކުގެ މީހުންނަށް އިނގިރޭސިވިލާތަށް އެތެރެއެއް ނުވެވޭނެއެވެ. އަދި އެގައުމުގެ މީހުން ކަރަންޓީން ވުން މަޖުބޫރު ވާނެއެވެ. ކަރަންޓީން ވާން ޖެހޭނީ ވެސް އިނގިރޭސިވިލާތުގެ ސަރުކާރުން ކަނޑައަޅާ ހޮޓަލެއްގައެވެ.

އިނގިރޭސިވިލާތުން ފުރަތަމަ ރަތް ލިސްޓް އެކުލަވާލިއިރު ރާއްޖެ އެލިސްޓްގައި އޮތްނަމަވެސް ފަހުން އެލިސްޓުން އުނިކުރިއެވެ. އަނެއްކާވެސް އިނގިރޭސިވިލާތުގެ ރަތް ލިސްޓަށް ރާއްޖެ ލާފައި މިވަނީ ރާއްޖެއިން ކޯވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން