އިނގިރޭސިވިލާތުގެ ރެޑްލިސްޓަށް ރާއްޖެ ލުމާއި ގުޅިގެން ރާއްޖެއިން އެގައުމަށް ދަތުރުކުރުން މަނާވާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މުޅި ދުނިޔޭގައި ކޮވިޑް ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، މިކަމާ ގުޅިގެން އިގިރޭސިވިލާތުގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އެގައުމުން "ރެޑް-ލިސްޓް" ކުރާ ގައުމުތަކުން އެ ގައުމަށް އެތެރެވުން މަނާކުރަމުންދާ ކަމަށެވެ.

އެގޮތުން އިނގިރޭސިވިލާތަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓްގައި 12 މެއި 2021 ވާ ބުދަ ދުވަހުގެ ފަތިހު 04:00 އިން ފެށިގެން ރާއްޖެ ހިމެނުމަށް އެ ގައުމުން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އަދި މި ނިންމުމުގެ ސަބަބުން، އިނގިރޭސިވިލާތާއި އަޔަލެންޑުގެ ރައްޔިތުންނާއި އިނގިރޭސިވިލާތުގެ ރައްވެހިކަމުގެ ހައްގު ލިބިފައިވާ ފަރާތްތައް ފިޔަވާ އެހެން ފަރާތްތައް އިނގިރޭސިވިލާތަށް އެތެރެވުމުގެ 10 ދުވަސް ކުރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާނަމަ ނުވަތަ ރާއްޖޭގައި ޓްރާންސިޓް ކޮށްފައިވާނަމަ އެގައުމަށް އެތެރެވުން މަނާވާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެ އެވެ.

"އިނގިރޭސިވިލާތަށް އެތެރެވުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން އެ ގައުމަށް އެތެރެވުމުގެ 10 ދުވަސް ކުރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާނަމަ ނުވަތަ ޓްރާންސިޓް ކޮށްފައިވާނަމަ އެ ގައުމަށް އެތެރެވުމަށްފަހު އެ ގައުމުގެ ސަރުކާރުން ކަނޑައަޅާ މަރުކަޒެއްގައި 10 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަންޖެހޭނެ ކަމަށާއި ކަރަންޓީނުގެ ދެވަނަ ދުވަހާއި އަށްވަނަދުވަހު ކޮވިޑު ޓެސްޓް ހަދަންޖެހޭނެ ކަމަށްވެސް އެ ގައުމުން ވަނީ އަންގާފައެވެ." ފޮރިން މިނިސްޓްރީން ނެރުުނު ބަޔާނުގައިވެއެެވެ.



އިނގިރޭސިވިލާތަށް ދަތުކުރައްވަން ގަސްތުކުރައްވާ ދިވެހިން މިކަމަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފިޔަވަޅުތައް ބަދަލު އައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން