ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާއާގުޅޭ ފޮޓޯއާއި ވީޑިއޯ ހިއްސާކުރެވޭނ ޕޯޓަލެއް ފުލުހުން ހުޅުވާލައިފިއެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި މެއި 6 ވަނަ ދުވަހު ދީފައިވާ ޓެރަރިސްޓް ހަމަލާއާގުޅޭ މައުލޫމާތާއި ފޮޓޯއާއި ވީޑިއޯ ހިއްސާކުރެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން އެފަދަ ތަކެތި ހިއްސާކުރެވޭނެ ލިންކެއް ވަނީ އާންމުކޮށްފައެވެ. އަދި އެލިންކް ބޭނުންކޮށްގެން އެފަދަ ތަކެތި ހިއްސާ ކުރެއްވުމަށް ފުލުހުން އެދިފައި ވެއެވެ.



ފުލުހުން ވަނީ މިގޮތުން މައުލޫމާތު ހިއްސާ ކުރާ ފަރާތްތަކާއި ހިއްސާކުރާ މައުލޫމާތުގެ ސިއްރުކަން ހިފަހައްޓާނެކަމުގެ ޔަގީންކަން ދީފައެވެ.



ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގަތް ޒަހަމްތަކަށް އެމަނިކުފާނު ފަރުވާ ހޯއްދަވަމުންދާއިރު، ފުލުހުންނާއި ސިފައިން ދަނީ އެމައްސަލަ ތަހުގީގްކުރަމުންނެވެ. އަދި ރައީސް ނަޝީދުގެ ގިނަ ސާޖަރީތަކެއް ހަދާފައިވާއިރު، އެމަނިކުފާނު މިހާރު އޮންނެވީ އައިސީޔޫގައެވެ.

މިމައްސަލަގައި ތުހުމަތުކުރެވޭ 4 މީހަކު ފާހަގަވެފައިވާއިރު، އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް މައްސަލައިގައި އަދި މީހަކު ހައްޔަރުކުރި ކަމެއް އެނގިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން