ކޮވިޑާއި ގުޅިގެން އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭ ސިޓީގެ ސްކޫލުތަށް ބަންދުކޮށްފިއެވެ.


އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ މިދަނޑިވަޅުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މާދަމާއިން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގެ ޔޫކޭޖީއިން ފެށިގެން ގުރޭޑް 12 އާއި ހަމަޔަށް ސުކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން ނިއްމައިފައިވާ ކަމަށެވެ.

މާލޭ ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދިޔަ ނަމަވެސް، ސްކޫލްތަކުގައި އިމްތިހާންތައް ކުރިއަށްދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެންމެ ފަހުން ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދަން އެންގީ މިއަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުގަ އެވެ. އެފަހަރު ކޮލެޖުތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދިއުމަށާއި ޕްރީސްކޫލްތައް ބަންދު ކުރުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެެވެ.

ރާއްޖޭގައި ކޮވިޑްގެ ނުރައްކާ އަނެއްކާވެސް އިތުރުވަމުންދާތީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަން ނިންމައި އެފިޔަވަޅު ތަކަށް މިރޭ 12:00 އިން ފެށިގެން އަމަލު ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން އަލުން މާލެ ސަރަހައްދުގައި ރޭގަނޑު 12:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގުމާއި ސަރުކާރުގެ އޮފީސްތައް ބަންދުކޮށް އޮންލައިންކޮށް ޚިދުމަތްތައް ދޭ ގޮތަށް ވަނީ ނިންމާފައެވެ. މީގެއިތުރުން މީގެކުރިން ވެސް އަޅާފައިވާ ގިނަ ފިޔަވަޅުރައް އަލުން އިޢާދަކޮށް މާދަމާއިން ފެށިގެން އަމަލުކުރަން ވަނީ ނިންމާފައެވެ. އޭގެތެރޭގައި ކުޅިވަރުތައް ކުޅުން ހުއްޓާލުމާއި ޖިމްތަކާއި ޕާކްތައް ބަންދު ކުރުމާއި މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރާ މީހުން 10 ދުވަހަށް ކަރަންޓީން ކުރުން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު