މާލޭ ސަރަޙައްދުގައި ފައިމަގުގައި ބަޔަކު ޙަރަކާތްތެރިވަނީ
މާލޭ ސަރަޙައްދުގައި ފައިމަގުގައި ބަޔަކު ޙަރަކާތްތެރިވަނީ
ކޯވިޑް-19 އާ ގުޅިގެން މާލޭ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކޮށްފިއެވެ. މި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް 10 ދުވަހުގެ މުއްދަތަށެވެ.

އެޗްޕީއޭއިން މިރޭ ނިންމަވާފައިވަނީ، ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށް ދަތުރުކުރުމަށް ދީފައިވާ ލުއި މެދު ކަނޑާލުމަށެވެ. ހަމައެއާއެކު ސްކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވަދިނުމާއި، ސަރުކާރު އޮފީސްތައް ބަންދުކޮށް ގޭގައި ތިބެގެން މަސައްކަތް ކުރާގޮތަށް، އޮންލައިންކޮށް ޚިދުމަތް ފޯރުކޮށްދިނުމަށެވެ. އަދި ޕާކުތަކާއި މައިދާންތަކާއި، ކުޅިވަރު ކުޅޭތަންތަނާއި، ދުވާ ޓްރެކްތަކާއި، ސްވިމިންގ ޓްރެކްތައް ބަންދުކުރުމާއި، ކުޅިވަރު ކުޅުމާއި ކުޅިވަރު މުބާރާތްތައް ހުއްޓާލުމަށް އެޗްޕީއޭ އިން ވަނީ އަންގަވާފައެވެ.

މީގެ އިތުރުން މިސްކިތްތަކުގައި ނަމާދު ކުރާއިރު، މާސްކު އަޅައިގެން ނަމާދު ކުރުމާއި ގައިދުރުކަން ބެހެއްޓުމާއި، ރޭގަނޑު 12 އިން ފަތިހު 4 އަށް ވެހިކަލް ދުއްވުން މަނާކުރުމަށްވެސް ނިންމާފައިވެއެވެ. އަދި ޒަރޫރީ ބޭނުންތަކުގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން ހުއްޓާލުމަށާއި، އިންޑިއާއިން ރާއްޖެ އަންނަ ދިވެހިންނާއި ވޯރކް ޕަރމިޓް ހޯލްޑަރުން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކޮށް ޕީސީއާރު ޓެސްޓް ހެދުމަށް އަންގާފައިވެއެވެ.

ހަމައެއާއެކު ކޮވިޑާއި ގުޅޭ ކަންކަމުގައި މީޑިއާއަށް މައުލޫމާތު ދިނުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން އޮފީހުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔުމަށްވެސް ނިންމައިފައިވެއެވެ.

ރާއްޖޭގައި ކޯވިޑްޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދުވެސް ރާއްޖެއިން ވަނީ 585 މީހުން ޕޮޒިޓިވްވެފައެވެ. އަދި ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 31330 އަށް އަރާފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 173 މީހުންނަށެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 146 މީހަކު މިބަލިން ރަނގަޅުވެފައިވާއިރު، ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 74 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން