ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ކާއިނާތުގައިވާ އެންމެހައި ތަކެއްޗަކީ މާތް ﷲގެ ފުރިހަމަ މިލްކުވެރިކަމުގެ ދަށުގައިވާ ތަކެތި ކަމަށާއި، އިންސާނުންގެ އަތްމަތީގައިވާ މުދަލަކީ އެކަލާނގެ ޙަވާލުކުރަށްވާފައިވާ ވަގުތީ އަމާނާތެއް އަދި ބޮޑު އިމްތިޙާނެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ "މުދަލަކީ މާތް ﷲގެ ޙައްޤެކެވެ" މި މައުޟޫޢަށެވެ. ޚުޠުބާގައި ވަނީ، މީސްތަކުންގެ މެދުގައި ތަނަވަސްކަމާއި ދަތިކަން ލައްވާފައިވަނީ މާތް ﷲގެ މަތިވެރި ޙިކުމަތްފުޅުގެ ދަށުން އަޅުތަކުން އިމްތިޙާނު ކުރެއްވުމަށް ކަމަށް ބަޔާން ކޮށްފައެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ސުވާލުކުރަންވީ ތިމާއަށް އެއްކުރެވުނު މުދަލުގެ މިންވަރާ މެދު ނޫން ކަމަށާއި، އެ އިމްތިޙާނުން ކާމިޔާބު ހޯދުނުތޯ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

މުދަލަށް އޮންނަ ދަހިވެތިކަމަކީ އިންސާނާގެ ދީން ހަލާކުކޮށްލާ ނުރައްކާތެރި ކަމެއްކަން ފާހަގަކުރަމުން، ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގައިވާ ގޮތުން ބަކަރި އައިނެއްގެ ތެރެއަށް ހައިވެފައިވާ މިނިކާ ދެ ކުއްތާ ދޫކޮށްލުމުން ލިބޭ ގެއްލުމަށް ވުރެ، މުދަލާއި ޝަރަފަށް އޮންނަ ދަހިވެތިކަމުގެ ސަބަބުން ދީންވެރިކަމަށް ލިބޭ ގެއްލުން މާ ބޮޑުކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި ޤިޔާމަތް ދުވަހު މުދާ ހޯދި ގޮތާއި އެ މުދާ ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެކަން ކަށަވަރު ކަމުގައިވެސް ހަނދާންކޮށްދިނެވެ.

މުދާ ހޯދުމުގައި ޙަލާލު މަގު ޚިޔާރުކުރުމުގެ މުހިންމުކަމަށް ބާރުއަޅަމުން، ތެދުވެރި މަސައްކަތާއި، ހުއްދަ ވަޒީފާއާއި ވިޔަފާރީގެ އިތުރުން ޝަރުޢީ ތަރިކައަކީ ޙަލާލު ތަކެތި ކަމުގައި ޚުޠުބާގައި ބަޔާންކުރިއެވެ. އަދި ރިބާއާއި، ރިޝްވަތާއި، ވައްކަމާއި، ޖުވާ އަދި އަމާނާތަށް ޚިޔާނާތްތެރިވުން ފަދަ ޙަރާމް ގޮތްގޮތުން މުދާ ހޯދުމަކީ އިލާހީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެއް ކަމަށާއި، ޙަރާމް ތަކެތިން ހަށިގަނޑު ހެދިބޮޑުވާ މީހުންނަށް އޮތީ ނަރަކައިގެ ގަދަފަދަ ޢަޛާބުކަމުގެ އިންޒާރު ޚުޠުބާގައި ދީފައިވެއެވެ.

މީގެއިތުރުން، މާތް ﷲ ދެއްވި މުދަލުން އަދާކުރަންޖެހޭ އެންމެ އިސް ވާޖިބަކީ އަމިއްލަ އަނބިދަރިންނާއި މައިންބަފައިން ފަދަ އަހުލުވެރިންނަށް ޚަރަދުކުރުން ކަމަށާއި، އޭގެ ފަހުގައި ފަޤީރުންނާއި މިސްކީނުންނަށް ހޭދަކުރުން ކަމަށް ބުނެފައިވެއެވެ. ހަމައެއާއެކު، މުދާ ޠާހިރުކުރުމަށްޓަކައި އަހަރަކު އެއްފަހަރު ދައްކަންޖެހޭ ފަރުޟު ޒަކާތް ދެއްކުމަށާއި، އެއްވެސް މިންވަރަކަށް މުދާ އިސްރާފު ނުކުރުމަށް ޚުޠުބާގައި ނަޞޭޙަތްތެރިވިއެވެ.

ހަމައެހެންމެ ޙަލާލު ގޮތުގައި މުދާ ހޯދައި، ހެޔޮ ގޮތުގައި ހޭދަކުރާ ނަމަ މުއްސަނދިކަމަކީ ޒުހުދުވެރިކަމާ ފުށުއަރާ ކަމެއް ނޫން ކަމަށާއި، އެންމެ މުހިންމު ކަމަކީ އެ މުދަލުގެ ސަބަބުން އަޅާއާއި ﷲ އާ ދެމެދު އެއްވެސް ހުރަހެއް ނޭޅުން ކަމަށް ޚުޠުބާ ނިންމާލަމުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު