ސްވިޓްޒަލޭންޑްގައި ރާއްޖެ އިޝްތިހާރުކުރުމުގެ ކެމްޕެއިނެއް ފަށައިފިއެވެ.

މިކެމްޕެއިން ކުރިއަށްގެންދާ ވިޒިޓް މޯލްޑިވްސްއިން ސްވިޓްޒަލޭންޑްގައި ރާއްޖެ އިޝްތިހާރުކުރަނީ "ލެޓްސް ގޯ ޓުއާސް"އާ ގުޅިގެންނެވެ.

އޭޕްރީލްމަހުން ފެށިގެން ޖޫންމަހުގެ ނިޔަލަށް ކުރިއަށްދާ މި ކެމްޕެއިންގެ މަޤްޞަދަކީ ސްވިސް މާކެޓުގައި ދިވެހިރާއްޖެއަކީ ރައްކާތެރި އަދި މަޤުބޫލް މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމެވެ. އަދި ފަތުރުވެރިންނަށާއި ޓްރެވެލް ޓްރޭޑަށް އަމާޒުކޮށް މި ކެމްޕެއިންގެ ދަށުން އޮންލައިން އަދި އޮފްލައިން މާކެޓިން ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެއެވެ.

މިކެމްޕެއިންގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ފުރަތަމަ ހަރަކާތަކީ ވާޗުއަލް ޑައިރެކްޓް ކަސްޓަމަރ އިވެންޓެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މިހަރަކާތުގައި 150 އާއި 200 އާއި ދެމެދުގެ އަދަކަށް، ޓްރެވަލް އެޖެންޓުން ބައިވެރިވާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މީގެއިތުރުން ޓްރެވެލް ޓްރޭޑް މެމްބަރުންނަށާއި ޕްރައިވެޓް ކްލައިންޓުންނަށް ފޮނުވާ ނިއުސްލެޓާގައި ދިވެހިރާއްޖެ އިޝްތިހާރުކުރެވޭނެއެވެ. އަދި ދިވެހިރާއްޖޭގެ މައުލޫމާތު ލެޓްސް ގޯ ޓުއާސްގެ ސޯޝަލް މީޑިއާގައި ހިއްސާކޮށް 6 މަސް ދުވަހުގެ އައުޓްޑޯ ކެމްޕޭނެއްވެސް ކުރިއަށް ގެންދެވޭނެއެވެ.

ސްވިޒަލޭންޑްގެ ސިޓީ އެއްކަމަށްވާ ޝަފްހައުޒެންގައި ދަތުރުކުރާ ބަހުގައި ދިވެހިރާއްޖެ އިޝްތިހާރުކުރެވިގެންދާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މި އިޝްތިހާރު 82،000 މީހުނަށް ފޯރާނެކަމަށް ލަފާކުރެވޭކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

1994ގައި ސްވިޓްޒަލޭންޑްގައި ފެށުނު "ލެޓްސް ގޯ ޓުއާސް"އަކީ އެފްރިކާއާއި، އަރަބި ޤައުމުތަކާއި އިންޑިއާކަނޑުގެ ޤައުމުތަކަށް ޚާއްޞަ ޓުއަރ އޮޕަރޭޓަރެކެވެ. 26 އަށްވުރެ ގިނަ އަހަރުގެ ތަޖުރިބާއާއިއެކު ލެޓްސް ގޯ ޓުއާސްއަކީ ސްވިސް އަޕްސްކޭލް މާކެޓުގައި އެންމެ މަޤުބޫލު އެއް ޓުއާ އޮޕަރޭޓަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން