ދިރާސީ އައު އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ޗާޕްކޮށްދޭނެ ބަޔަކު ހޯދަން ފަށައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ދިރާސީ އަހަރުގެ ކަލަންޑަރަށް ގެނައި ބަދަލާއިއެކު މި އަހަރުގެ ދިރާސީ އަހަރު ފެށޭނީ އޯގަސްޓްމަހުގެ 10 ވަނަ ދުވަހުއެވެ.

ފިނޭންސް މިނިސްޓްރީން މިހާރު ވަނީ އައު އަހަރަށް ބޭނުންވާ ފޮތްތައް ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތެއް ކަނޑައަޅާނީ ނޭޝަނަލް ކޮމްޕެޓެެޓިވް ބިޑިން އުސޫލުންކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ފޮތްތައް ޗާޕުކުރިނަމަވެސް، އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބައެއް ގްރޭޑްތަކުގައި ކިޔަވާދޭ ފޮތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން ބައެއް ފޮތްތައް ޑިޖިޓަލައިޒްކޮށް އެ ފޮތްތައް ބޭނުންކޮށްގެން ފަންސާހަކަށް ސްކޫލްގައި މިހާރުވެސް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ކިޔަވާދެމުންނެވެ.

ޖެނުއަރީމަހު ފެށޭ ދިރާސީ އަހަރު، އަހަރުގެ މެދުތެރެއަށް ބަދަލުކޮށް ދިރާސީ އަހަރުގެ ކަލަންޑަރުވެސް އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އާއްމުކޮށްފައެވެ. ފުރަތަމަ ޓާމުގެ ކިޔެވުން ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ނިންމާ ދެވަނަ ޓާރމްގެ ކިޔެވުން ފަށާނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގައެވެ. 2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމި ދަރިވަރުން އަހަރީ ޗުއްޓީއަށް ދާނީ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ. އަދި 2022 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ އެއަހަރުގެ އޯގަސްޓްމަހުގެ 7 ވަނަ ދުވަހުގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ގެނައި ބަދަލާއިއެކު ބައިނަލްއަޤްވާމީ ގޮތުން ދަރިވަރުންނަށް ލިބޭ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ކުރިޔަށްވުރެ ބޮޑަށް މަގުފަހިވެގެންދާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު