އިންސާނީ ވަގުފާރި ނުވަތަ ހިއުމަން ޓްރެފިކް ވިޔަފާރިން ހޯދާ މުދާ ދައުލަތަށް ނެގޭގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މީހުން ޓެރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ހުށަހެޅުއްވި މި އިޞްލާހު މަޖިލީހުން ފާސްވީ 57 މެންބަރުންގެ އިއްތިފާޤުންނެވެ.

ގާނޫނަށް ގެނައި އިޞްލާހަކީ ރާއްޖެ ބައިވެރިވެފައިވާ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ޓްރާންސްނޭޝަނަލް އޯގަނައިޒް ކްރައިމް"ގެ ޕްރޮޓޮކޯލ1 އެއްގޮތް ކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހެކެވެ.

ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ މީހުން ޓްރެފިކްކުރުމުގެ ކުށެއް ކުރުމަށް ބޭނުންކުރި އަދި ކުށުގެ އަމަލުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަމަށެވެ. އަދި އެ ފައިސާ ދައުލަތަށް ނެގުމުގައި އަމަލު ކުރާނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާ އުސޫލުތަކާ އެއްގޮތަށް ކަމަށާއި، ޤާނޫނުގައި ބަޔާންކުރާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ހާލަތެއްގައި، އެމީހެއްގެ މައްޗަށް މި ގާނޫނުގެ ދަށުން ކަނޑައަޅާ އަދަބެއްގެ އިތުރުން ޓްރެފިކް ކުރެވޭ މީހާއަށް ޓްރެފިކްކުރާ މީހާގެ އަތުން ޝަރީއަތުން ބަދަލު ނަގައިދޭން ވާނެކަމަށްވެސް މަޖިލީހުން ގެނައި އިޞްލާހުގައި ބުނެފައިވެއެވެ.

މިއިސްލާހުގައި ޓްރެފިކް ކުރެވޭ މީހުންނަށް ލިބޭ ގެއްލުމުގެ ސަބަބުން ބަދަލު ނަގައިދެވޭނެ ބާވަތްތައްވެސް ހިމަނާފައިވެއެވެ. އަދި ބަދަލު ނަގައި ދިނުމުގައި، ޓްރެފިކު ކުރެވޭ މީހާއަށް ނަގައިދޭނީ، ކޮން ބާވަތެއްގެ ބަދަލެއް، ކިހާ މިންވަރަކަށްކަން ކަނޑައަޅާނީ ކޯޓުންކަމަށް މަޖިލީހުން ފާސްކުރި އިޞްލާހުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން