ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރުމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.

ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރުމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުވެސް ވަނީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމާއި ގުޅޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމަވާނެކަމަށް ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ ސިޓީއެއް ލިބިފައިވާކަމަށާއި، އެ ސިޓީއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން ހޯދަންޖެހޭ ގާނޫނި ލަފާތައްވެސް ހޯދަމުން ގެންދަވާ ކަމަށް އޭނާވިދާޅުވިއެވެ.

ކަރެކްޝަންސްއިން ބުނީ ޖަލުގައި ހުންނަ ގައިދީއަކު ގެއަށް ބަދަލު ކުރާނަމަ އަދި އަދަބަށް ލުއި ދޭނަމަ އަމަލުކުރަންޖެހޭ ގޮތްތަކެއް ހުންނާތީ އެކަންކަމަށް އަމަލުކުރަން ޖެހޭކަމަށެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ މާ ލަސްތަކެއް ނުވެ ގޮތްތަކެއް ނިންމޭނެ ކަމަށް." ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

އެންމެފަހުން ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސާލިހު ވަނީ ރައީސް ޔާމީނަށް ދެރަގޮތެއް ނުވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނު ގެއަށް ބަދަލުކުރުމާއި ގުޅޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމަވާނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން