ފ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ބެހެއްޓި ވޯޓު ފޮށިތަކުގެ ތެރެއިން 2 މީހުން ވޯޓުލާން ރަޖިސްޓަރީ ކުރި ފޮއްޓެއްގެ ވޯޓުލީ ލިސްޓުގައި 366 ވޯޓު ހިމެނޭ މައްސަލައެއް އިލެކްޝަންސް ކޮމިޝަނުން ބަލަން ފަށައިފިއެވެ.

ފ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރީ 3 ކެންޑިޑޭޓުންނެވެ. އެއީ ކެންޑިޑޭޓް ނަމްބަރު 1 އިބްރާޙިމް ނައީމް، ކެންޑިޑޭޓް ނަމްބަރު 2 މުޙައްމަދު ޝަހުރީދު އަދި ކެންޑިޑޭޓު ނަމްބަރު 3 އަލީ މުހައްމަދެވެ. ފ އަތޮޅު ކައުންސިލް ރައީސަކު ހޮވުމަށް އެއަތޮޅު މަގޫދޫގައި ބެހެއްޓިފައިވާ މަގޫދޫ ރައްޔިތުންގެ ފޮއްޓަށް 394 މީހުން ރަޖިސްޓަރީ ކުރި ނަމަވެސް ވޯޓު ލާފައިވަނީ އޭގެ ތެރެއިން 366 މީހުންނެވެ. މަގޫދޫގައި ބެހެއްޓިފައިވާ ބިލެއްދޫ ރައްޔިތުން ވޯޓުލާ ފޮށްޓަށް ރަޖިސްޓަރީ ކޮށްފައިވަނީ 2 މީހުންނެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ނަތީޖާ އާންމު ކުރިއިރު މި ދެ ވޯޓު ފޮށްޓަށްވެސް ވޯޓުލީ އަދަދެއް ކަމަށް ހާމަކޮށްފައިވަނީ 366 އެވެ.

މިކަމާއި ގުޅިގެން ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބުދުﷲ ޚަލީލް ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު ވަގަށް ނަގަމުންދާ ކަމަށެވެ.

"އެމްޑީޕީ ކެންޑިޑޭޓަށް ކުރި ހޯދައިދިނުމަށް ފ. މަގޫދޫގެ ނަތީޖާ ދެ ފޮށްޓަކަށް އެންޓާކޮށްފައި، މިދެން ތަންކޮޅެއް ބޮޑުވަރު." ޚަލީލް ވިދާޅުވިއެވެ.





އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، 2 މީހުން ވޯޓުލާން ރަޖިސްޓްރީ ކޮށްފައިވާ ވޯޓު ފޮށީގެ ނަތީޖާގެ ގޮތުގައި އަޕްލޯޑް ކުރެވިފައިވަނީ 394 މީހުން ރަޖިސްޓަރީ ކޮށްފައިވާ ވޯޓު ފޮށީގެ ނަތީޖާ ކަމަށާއި އެއީ އޮޅުމެއް ކަމަށެވެ. އެ މައްސަލަ ބައްލަވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ފ އަތޮޅު ކައުންސިލް ރައީސް ކަމަށް ކުރިމަތިލައްވާފައިވާ 3 ކެނޑިޑޭޓުންގެ ތެރެއިން ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި ކެނޑިޑޭޓު އަލީ މުޙައްމަދު ވަނީ އިންތިޚާބުވެފައެވެ.

މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު ނިމި ވޯޓުތައް ގުނާފައިވާއިރު އިންތިޚާބުގެ ވަގުތީ ނަތީޖާތައް އިއުލާން ކުރުމުގެ މަސައްކަތް އީސީ އަންނަނީ ކުރަމުންނެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅިގެން 89 ޝަކުވާއެއް ހުށައަޅާފައިވާއިރު އޭގެ ތެރޭގައި ނަތީޖާއަށް އަސަރުކޮށްފާނެ ފަދަ ޝަކުވާ ހުރި ކަމަށް އީސީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން