ދަނޑުވެރިން ހައްދާ ތަކެތި ގަނެ، ދަނޑުވެރިންނަށް ހަމައަގު ހޯދައިދިނުމުގެ ބޭނުމުގައި އެސްޓީއޯއިން "އެގްރި ސެންޓަރު"ގެ ނަމުގައި ސެންޓަރެއް ހުޅުވައިފިއެވެ.

ބާޒަރުމަތީގައި ކުރިން އެސްޓީއޯގެ ކޮންސްޓަރަކްޝަން މެޓީރިއަލް ވިއްކަމުންދިޔަ އިމާރާތުގައި ހުޅުވި މި ސެންޓަރާއި ބެހޭގޮތުން މައުލޫމާތުދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމުރު ވިދާޅުވީ ބާޒާރުގައި މޭވާއާއި ތަރުކާރީ ކިތަންމެ އަގުބޮޑުކޮށް ވިއްކަމުންދިޔަ ނަމަވެސް، އޭގެ ނަފާ މިހާރު ދަނޑުވެރިންނަށް ނުލިބޭކަމަށެވެ. އަދި އެގްރިސެންޓަރުގެ މަސައްކަތަކީ ދަނޑުވެރިޔާގެ އުފެއްދުން ބާޒާރުގައި ވިއްކައިގެން، ސީދާ ދަނޑުވެރިޔާއަށް ފައިދާއެއް ހޯދައިދިނުންކަމަށް އަމްރު ވިދާޅުވިއެވެ. އެގޮތުން ދަނޑުވެރިން ހައްދާ ތަކެތި ގަތުމަށްފަހު އެގްރިސެންޓަރުން އެތަކެތި ރިސޯޓުތަކަށް ހޯލްސޭލްކުރަން ރާވާފައިވާ ކަމަށާއި އަދި ރިސޯޓުތަކުން އެކަމަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ލިބިފައިވާކަމަށްވެސް އަމްރު ވިދާޅުވިއެވެ.

"އެއްކަމަކީ ދަނޑުވެރިންނަށް ރަނގަޅު އަގެއް ލިބުން. އަނެއް ކަމަކީ ބާޒާރުގައި އަގުތައް ހިފެހެއްޓިގެން ދިއުން. ބައެއް ފަހަރު ތަކެތީގެ އަގު 1000 ރުފިޔާއިން މައްޗަށް އަރައިގެން އެބަދޭ. އެކަމަކު ދަނޑުވެރިޔާ ލިބެނީ ހަމަ އެއް އަދަދެއް. އެހެން ބަޔަކު އަގު ކޮންޓްރޯލު ކުރަނީ." އަމްރު ވިދާޅުވިއެވެ.

ދަނޑުވެރިންގެ އުފެއްދުންތަކަށް މާކެޓް ހޯދާދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނާއިރު، އޭގެތެރޭގައި ދިވެހި ދަނޑުވެރިކަން ފުޅާކުރުމަށް އެގްރޯ ނެޓްގެ ނަމުގައި ހާއްސަ ކުންފުންޏެއް އުފައްދާ އެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

އެސްޓީއޯ ހިންގެވުމާއި މިހާރު ހަވާލުވެ ހުންނެވި އަމުރު މިމަސައްކަތް ކުރަށްވަން އުޅުއްވާތާ އަހަރަކާއި ކައިރިވެފައިވާއިރު ރާއްޖޭގެ ދަނޑު ހައްދާ މީހުން ބުނަނީ މީޑިއާގައި މޮޅު ވާހަކަ ދެއްކުން ފިޔަވައި ނަތީޖާއެއް ފެންނަ ފަދަ ކަމެއް އަމުރަށް ނުކުރެއްވޭ ކަމަށެވެ. އެގޮތުން އަމުރުގެ ބެއްލެވުމުގެ ދަށުން ހިންގަވާ އެސްޓީއޯގެ މުދާ ވިއްކާ ޕީޕަލް ޗޮއިސް ފިހާރައިގެ ހަރުގަނޑުތައް ހުސްވެފައިވާ މަންޒަރު ފެންނަ ފޮޓޯތައް މީސް މީޑިއާގައި ހިއްސާކޮށްފައިވާ ބައެއް ފަރާތްތަކުން ބުނެފައިވަނީ އެސްޓީއޯ ބޮޑުތަނުން ފެއިލްވެ ހުސްވަމުންދާ މަންޒަރު ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން