މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ގުޅޭގޮތުން ހަގީގަތާއި ޚިލާފު ވާހަކަތަކެއް ފެތުރި ނަމަވެސް އެރަށުގައި އެމަނިކުފާނަށް އޮތް ތާއިދަށް އަސަރު ނުކުރާނެ ކަމަށް ޖުމުހޫރީ ޕާޓީގެ ނާއިބް ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.


ޖުމުހޫރީ ޕާޓީގެ ނާއިބް ރައީސް އަހުމަދު ސައުދު މިހެން ވިދާޅުވީ، "ބޮޑެތި ޖަރީމާ ތަކެއް ފަޅާއެރުމުން މާމިގިލީ ރައްޔިތުން ރަތަށް" މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ލިޔެފައިވާ ރިޕޯޓަކާއި ގުޅިގެންނެވެ. އެ ރިޕޯޓްގައި ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެރަށައް ވެވަވަޑައިގެންފައިވާ ވައުދުތައް ނުފުއްދަވާ ކަމަށް ބުނެ ގިނަ "ތުހުމަތުތަކެއް" ވަނީ ކޮށްފައެވެ.

އެކަމާ ގުޅިގެން ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާމިގިލީ ދާއިރާއަށް މުސްތަގުބަލުގައި ކަންކަން ކޮށްދެވޭނީ ކުރިންވެސް ކަންތައްތައް ކޮށްދިން މީހުންނަށް ކަމަށެވެ. ގާސިމް އިބްރާހިމާއި ދެކޮޅަށް ހަގީގަތާއި ޚިލާފު ވާހަކަތައް ފެތުރިނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ސައުދު ވިދާޅުވިއެވެ.

"މާމިގިލީ ދާއިރާގައި ގާސިމަށް އޮތް ތާއިދަށް ތިޔަހެން ލިޔާ ލިޔުމަކުން އަސަރެއް ނުކުރާނެ" ސައުދު ވިދާޅުވިއެވެ.

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ މާމިގިއްޔަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައި އެރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ތާއިދެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން މީގެ ކުރިން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ އިންތިޚާބެއްގައި ވެސް މާމިގިލީ ދާއިރާގެ ގޮނޑި އެމަނިކުފާނު ކާމިޔާބުކުރައްވާފައިވަނީ ބޮޑު ތަފާތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު