ކުރިއަށް އޮތް ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކަށް އެކުލަވާލި ބްރެޒިލްގެ ގައުމީ ޓީމުގެ ސްކޮޑުން ފުރުސަތު ނުލިބުނު ނަމަވެސް، ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕްގެ ސްކޮޑުން ޖާގަ ހޯދުމުގެ އުއްމީދު ކަނޑާނުލާނެ ކަމަށް ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ ބުނެފިއެވެ.

މި މަހުގެ ފަހުކޮޅު ފްރާންސް އަދި ކްރޮއޭޝިއާއާ ދެކޮޅަށް ބްރެޒިލް ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗުތަކަށް އެކުލަވާލި ބަރެޒިލްގެ ސްކޮޑު ހާމަކުރިއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ނޭމާގެ ނަން ވަނީ އުނިކޮށްފައެވެ. ނަމަވެސް ވޯލްޑް ކަޕަށް ނަގާ ފައިނަލް ސްކޮޑުގައި ހިމެނުމުގެ ފުރުސަތު އޭނާއަށް އަދިވެސް އެބައޮތެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ނޭމާ ބުނީ ސްކޮޑުން ޖާގަ ނުލިބުމަކީ ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށެވެ. "އަހަރެން ވަރަށް ހިތާމަކުރަން ސްކޮޑުން ޖާގަ ނުލިބުނީމައި. އެކަމަކު އަހަރެންގެ އަމާޒު ހުރީ ގަދައަށް މަސައްކަތް ކޮށް ފިޓުކޮށް ހުންނަން. ވަރލްޑް ކަޕްގެ ކުރިން އަދި އެއް ސްކޮޑު ނަގާނެ. ވަރލްޑް ކަޕުގައި ކުޅުމުގެ ހުވަފެން އަދި ހާސިލުވެދާނެ." ނޭމާ ބުނެފައިވެއެވެ.

ނޭމާ ސްކޮޑަށް ނުނެގި ސަބަބާ ބެހޭ ގޮތުން ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗު ކާލޯ އެންޗަލޮއްޓީ ބުނީ، ނޭމާ މިވަގުތު ހުރީ ސައްތަ އިން ސައްތަ ފިޓުކޮށް ނޫން ކަމަށެވެ. އަދި ވޯލްޑް ކަޕުން ނޭމާއަށް ފުރުސަތު ލިބުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ އޭނާ ފުރިހަމައަށް ފިޓުވެއްޖެ ނަމަ ކަމަށްވެސް އެންޗަލޮއްޓީ ވަނީ ބުނެފައެވެ.

ބްރެޒިލްގެ ސަޕޯޓަރުން އިންތިޒާރު ކުރަމުންދަނީ އެ ގައުމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ނޭމާ އަލުން އެނބުރި ދަނޑުމައްޗަށް އައިސް، ގައުމީ ޓީމަށް ގުޅޭނެ ވަގުތަކަށެވެ. ނޭމާގެ މިހާރުގެ އަމާޒަކީ ވޯލްޑް ކަޕަށް ފިޓުވެ، ޓީމުގެ މުހިންމު ދައުރެއް އަދާކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު