އިމަރޖެންސީ އަވަސްފަރުވާ ދިނުމަށް ބޭނުންވާ ވަޞީލަތްތައް މުޅި ރާއްޖޭގައި ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރ މިހެން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅިގެން ދެއްވި ހިތާބުގައެވެ.

ހެލްތު މިނިސްޓަރގެ ހިތާބުގައި ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކާބެހޭ މައުލޫމާތު ހިއްސާކުރެއްވިއެވެ. މިގޮތުން މި ސަރުކާރުން އަތޮޅުތަކަށް އަމާޒުކޮށްގެން ހިންގާ ޞިއްޙީ ފަރުވާގެ ބޮޑެތި މަޝްރޫޢުތަކަކީ، އިންޤިލާބީ ކުރިއެރުންތަކެއް ގެންނާނެ މަޝްރުޢުތަކެއްކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެ އޮތްގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެންވަރު ރަނގަޅު ޚިދުމަތް ދިނުމަށް ގޮންޖެހުންތަކެއް ކުރިމަތިވިޔަސް، ސަރުކާރުގެ އަމާޒަކީ މާލެއާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބެންހުރި ޞިއްޙީ ޚިދުމަތްތަކުގެ ތަފާތުތައް ކުޑަކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި 12 ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ތަރައްޤީކުރެވިގެންދާނެކަމަށްވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

"އަތޮޅުތެރޭގެ ސަރަހައްދީ 5 ހަސްފަތާލުގެ "އޮޕްޓިމައިޒޭޝަން" މަޝްރޫޢުގެދަށުން، މި ހަސްފަތާލުތަކުގައި މުޅިން އަލަށް ފަށާ ޚާއްޞަފަރުވާގެ ޚިދުމަތްތަކާ، ތަހުލީލުކުރުމުގެ ޒަމާނީ ވަޞީލަތްތައް ޤާއިމުކުރުމާ އިންސާނީ ވަޞީލަތްތައް އިތުރުކުރެވިގެންދާނެ. އިމަރޖެންސީ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، އިތުރު 26 ރަށަކަށް އެމްބިއުލަންސް ފޯރުކޮށްދީ މުޅި ރާއްޖޭގައި އިމަރޖެންސީ އަވަސްފަރުވާ ދިނުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރެވި މިކަމުގެ ފަންނީ ޚިދުމަތްތެރިން ތަމުރީނު ކުރެވޭނެ." ނަސީމް ވިދާޅުވިއެވެ.ހެލްތު މިނިސްޓަރގެ ހިތާބުގައި ޕްރައިމަރީ ހެލްތުކެއަރގެ އައު މަޝްރޫއެއް މުޅި ޤައުމުގައި ފެށިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ޕްރައިމަރީ ހެލްތު ކެއަރގެ ވިސްނުމަކީ، ހެލްތު ކެއަރ ވޯރކަރުން ކުރީ ސަފުގައި ތިބެގެން އަދި އެހެނިހެން ހެލްތު ޕްރޮފެޝަނަލުންގެވެސް ދައުރު ފުޅާކޮށް ޓީމެއްގެ ގޮތުގައި، ރަށު ފެންވަރުގައި، ރައްޔިތުންނާއި ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ކޯވިޑްގެ ކަންތައްތަކާއި ރާއްޖޭގައި ކުރިއަށްދާ ވެކްސިން ޕްރޮގްރާމަށްވެސް އަލިއަޅުއްވާލެއްވިއެވެ.

"ވެކްސިން ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް ކޮރޯނާ ވައިރަސް އާއި އަދި މިނޫންވެސް ޤައުމީ ވެކްސިން ޕްރޮގްރާމްގެ ތެރެއިންދެވޭ ވެކްސިންތައް ކަށަވަރުކުރެވިގެންދާނެ. ޞިއްޙީ ކުއްލި ނުރައްކަލެއް އަދި މިފަދަ އެހެން ކާރިސާއަކަށް ތައްޔާރުވުމުގެ ގޮތުން، ދާއިމީ ކަރަންޓީނު ފެސިލިޓީތައް ޤާއިމު ކުރުމާއި، މިހާރު ރާއްޖޭގެ އެކި ހިސާބުގައި ޤާއިމު ކުރެވިފައިވާ ކޮވިޑް ފެސިލިޓީތައް ކުރިމަގުގައިވެސް ބޭނުންކުރެވޭނެހެން ބައްޓަންކޮށް ދެމެހެއްޓޭނެ. ކޮވިޑް އިޖާބައިގެ ތެރެއިން އަދި ކޮވިޑް ވެކްސިން ޕްރޮގްރާމުގެ ތެރެއިން އެއްކުރެވިފައިވާ ޒާތީ ޞިއްޙީ މަޢުލޫމާތުތައް ޑިޖިޓަލް ޑޭޓާބޭސްތަކުގައާއި މިފަދަ އެހެނިހެން ޕްލެޓްފޯރމްތަކުގައި ރައްކާތެރިކަމާއިއެކު ބަލަހައްޓާ، މި މަޢުލޫމާތުތަކުގެ އަލީގައި ރައްޔިތުންނަށް ދެވޭ ޞިއްޙީ ޚިދުމަތްތައް ތަރައްޤީ ކުރެވޭނެ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ނަސީމްގެ ވާހަކަފުޅުގައި ސިއްހީ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ހާރިޖީ ގުޅުންތަކުގެ ތެރެއިން ކުރެވޭ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި އެފަރާތްތަކުން ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީއަށް ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައި، ޝުކުރު އަދާކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު