ސްކޫލެއްގައި ދަރިވަރުން ތަޢުލީމް ޙާސިލް ކުރަނީ
ސްކޫލެއްގައި ދަރިވަރުން ތަޢުލީމް ޙާސިލް ކުރަނީ
2021 ވަނަ އަހަރުގެ ގަދަ ދިހައެއްގެ ދަރިވަރުން ހޮވުމުގައި ބަލާނީ އޭޕްރީލް އަދި މެއި މަހުގެ އޭލެވަލް ނަތީޖާއަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ، މިއަހަރުގެ އޭޕްރީލް/ މެއިގައި ބާއްވާ އޭލެވެލް އަދި އޭއެސް ލެވެލް އިމްތިހާނުގައި ބައިވެރިވާން އެދިފައިވާ ދަރިވަރުން ބޭނުންވާނަމަ ފޯމު އަނބުރާ ނެގުމަށްފަހު މިއަހަރުގެ އޮކްޓޫބަރު/ނޮވެމްބަރުގައި އޮންނަ އޭލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އެހެން ނަމަވެސް ގަދަ ދިހައެއްގެ ދަރިވަރުން ހޮވުމާއި ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ދިނުމުގައި ބަލާނީ އޭޕްރީލް/ މެއިގެ އިމްތިހާނުގެ ނަތީޖާއަަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އަދި މިހާރު ހުށައަޅާފައިވާ ފޯމު އަނބުރާ ނެގޭނީ އައިއޭލެވެލްގެ މާއްދާތަކުން އެކަނި ކަމަށާއި އެޗްއެސްސީ އިމްތިހާނު ހަދާ ދަރިވަރުންނަށް އިމްތިހާނު މިހާރު ތާވަލުކޮށްފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ފޯމު އަނބުރާ ނަގަން ބޭނުންވާ ދަރިވަރުންގެ މައުލޫމާތު މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެ ދަރިވަރަކު ކިޔަވާ ސްކޫލް މެދުވެރިކޮށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނަށް އަންގަންވާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަހަރުގެ އޭލެވެލް އިމްތިހާން ފަށާނީ 26 އޭޕްރީލް ގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. ރާއްޖޭގައި އޮންނަ އޭލެވެލް އިމްތިހާނުގައި ދޭނީ އެޑެކްސެލްއިން ތައްޔާރުުކުރާ ޓެސްޓް ޕޭޕަރެއްކަމަށާއި، ސެޓްފިކެޓްވެސް ދޭނީ އެޑެކްސެލުން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެހެންކަމުން އިމްތިހާން އޮންނާނީ އެޑެކްސެލުން ކަނޑައަޅާފައިވާ ތާވަލާއި އެއްގޮތަށް، އެ ތާރީޚް ތަކާއި އެއްގޮތަށެވެ.

ކޯވިޑް-19އާ ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ބާއްވަން އުޅުނު އައިޖީސީއެސްއީއާއި އޭލެވެލް އިމްތިހާން އިނގިރޭސިވިލާތުން ކެންސަލްކުރުމާއެކު، ރާއްޖެއިން ވަނީ އެ ދެ އިމްތިހާނު މިއަހަރުގެ މެއި، ޖޫނަށް ފަސްކޮށްފައެވެ.

ކޯވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރު ރާއްޖޭގެ ސްކޫލްތައް ގިނަ ދުވަސްތަކަކަށް ބަންދުކުރަން ޖެހުމުގެ ސަބަބުން 2020ވަނަ އަހަރާއި 2021 ވަނަ އަހަރުގެ އެކެޑެމިކް ކަލަންޑަރަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން