ޑާކް ޗޮކޮލެޓް
ޑާކް ޗޮކޮލެޓް
ޗޮކުލެޓަކީ ޑެޒާޓްތަކުގެ ތެރެއިން އެންމެ މަގުބޫލުކަން ލިބިފައިވާ އެއް ބާވަތެވެ. އޭގެ ރަހަޔާއި، އެކުލެވިގެންވާ ބައިތަކަކީ ގިނަ ބައެއްގެ ހިތް ޗޮކުލެޓާއި ދިމާއަށް ލަންބުވާލާ ސިފަތަކެކެވެ. ހަމައެއާއެކު، އެންމެ ފަސޭހައިން ލިބެން ހުންނަ ތަކެތީގެ ލިސްޓުގައިވެސް ޗޮކުލެޓު ހިމެނިގެން ދާކަމީ ގިނަ ބަޔަކު ޗޮކްލެޓް ބޭނުންކުރުމަށް މަގުފަހި ކުރުވާކަމެއްވެސް މެއެވެ. އެހެންކަމުން ދުނިޔޭގައި ޗޮކުލެޓު ބޭނުންކުރާ މީހުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް ދަނީ ގިނަވަމުންނެވެ.

ނަމަވެސް ކޮންމެ އެއްޗެއް ވެސް ބޭނުންކުރާއިރު، ބޭނުންކުރަންވާނީ އޭގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ސިއްހަތަށް އެންމެ ފައިދާ ކުރާ ބާވަތްތަކެވެ. އެގޮތުން، ސިއްހީ މަންފާ އެންމެ ބޮޑު ޗޮކުލެޓުގެ ބާވަތްކަމަށް ސައިންސްވެރިން އެއްބަސްވަނީ ޑާކް ޗޮކުލެޓެވެ. ޑާކް ޗޮކުލެޓުން ހަށިގަނޑަށް ލިބޭ ބައެއް ފައިދާތަކަށް ބަލާލާނަމެވެ.

1. ކެންސަރު ޖެހުމުން ރައްކާތެރިކަން ލިބުން

ދިރާސާތަކުން ދައްކާ ގޮތުގައި ޑާކް ޗޮކުލެޓުގައި ހިމެނޭ ފްލެވޮނޮއިޑްސްއާއި އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ބޮޑެތި ބަލިތަކުން ހަށިގަނޑު ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދެއެވެ.

2. ފްރީ ރެޑިކަލްތަކުން ސަލާމަތްކަން ލިބުން

ޑާކް ޗޮކުލެޓު ކެޔުމުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކާއި، ޕްރޮޓީން އަދި ޑީއެންއޭ ހަލާކުކޮށްލުމުގެ ބާރު ލިބިގެންވާ ފްރީ ރެޑިކަލްސް ހަށިގަނޑުގައި ގިނަވިޔަ ނުދީ ހިފަހަށްޓާދެއެވެ.

3. ހިތުގެ ސިއްހަތު ދުޅަހެޔޮކޮށްދިނުން

ދިރާސާތަކުން ދައްކާގޮތުގައި، ޑާކް ޗޮކުލެޓުގައި ހިމެނޭ ފްލެވޮނޮއިޑްސްގެ ސަބަބުން ހިތް ދުޅަހެޔޮކޮށްދީ ހިތުގެ އުމުރު ދިގުކޮށްދެއެވެ. ފްލެވަނޮއިޑްސއިން ނާރުތަކުގައި ލޭ ކްލޮޓްވުމުގެ ފުރުސަތު ކުޑަކޮށްދިނުމުގެ ސަބަބުން ސްޓްރޯކެއް ޖެހުމުގެ ފުރުސަތު ވެސް އެތައް ގުނައަކަށް ކުޑަކޮށްދެއެވެ.

4. ކޮލެސްޓްރޯލް ޕްރޮފައިލް ރަނގަޅުކޮށްދޭ

ކޮލެސްޓްރޯލާއި ގުޅޭގޮތުން ކުރެވުނު 10 ދިރާސާއަކާއި ހަވާލާދީ ހަދާފައިވާ ރިޕޯޓެއްގައި ބުނެފައިވާގޮތުގައި ފްލެވަނޯލުން ފުރިގެންވާ ޑާކް ޗޮކުލެޓު ކެއުމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ލޯ ޑެންސިޓީ ލިޕޯޕްރޮޓީންސް (އެލްޑީއެލް)، ނުވަތަ ގޯސް ކޮލެސްޓްރޯލް މަދުކޮށްދެއެވެ. ހިތުގެ ބަލިތަކަށް ގިނަފަހަރު ވާރުތަވަނީ މި މާއްދާ ހަށިގަނޑުގައި ގިނަވުމުގެ ސަބަބުންނެވެ.

5. އެންޓި އޮކްސިޑެންޓުން ފުރިގެންވާ ސުޕަރފުޑެއް

ޗޮކުލެޓަކީ ކެޔުމަށްފަހު މޭ ހެޔޮކޮށްލަން ކާލާ ފޮނި ކާއެއްޗެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއްކަމަށް ގަބޫލުކުރެވުނު ނަމަވެސް، ޑާކް ޗޮކުލެޓަކީ އެންޓި އޮކްސިޑެންޓުން މުއްސަނދިވެފައިވާ ބާވަތެކެވެ. އަދި ޗޮކްލެޓަކީ ޕޮލީފެނޯލް ނަމަކަށް ކިޔާ މާއްދާއެއް، ގިނަ ބާވަތެކެވެ. ޑާކު ޗޮކުލެޓް ވެގެންދަނީ ސުޕަރފުޑްތަކުގެ ތެރޭގައި ހިމެނޭ ބާވަތަކަށެވެ.

6. ވިސްނުން ތޫނުކޮށްދިނުން

ދިރާސާތަކުން ދައްކާފައިވާގޮތުގައި ފްލެވަނޯލްގެ ސަބަބުން ސިކުނޑިއަށް ލޭ ދައުރުކޮށްދޭ މިންވަރު އިތުރުކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން، ސިކުނޑީގެ މަސައްކަތް ތަނަވަސްކޮށްދީ ވިސްނުން ތޫނުކޮށްދިނުމަށްވެސް ޑާކް ޗޮކުލެޓުން އެހީވެދެއެވެ.

7. ލޭގެ ޕްރެޝަރު ރަނގަޅުކޮށްދިނުން

ޑާކު ޗޮކުލެޓަކީ ލޭގެ ޕްރެޝަރު ދައްކޮށްދޭ ބާވަތެއް ކަމަށްވެސް ދިރާސާތަކުން ހާމަވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން