އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް.
އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް.
ކޯވިޑް-19ގެ މިބަލިމަޑުކަމުގައި ދެމަސް ދުވަހުގެ ތެރޭގައި ދެލައްކަ ފަތުރުވެރިން ގެނެވުމަކީ ބޮޑު ކާމިޔާބެއް ކަމަށް އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާޤް ވިދާޅުވެއްޖެއެވެ.

ފާއިތުވި އަހަރުގެ މާރޗް 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ޖުލައި 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިއިރު، ފަތުރުވެރިންނަށް ހިދުމަތްދިނުމުގެ ހުއްދަ ލިބިގެންދިޔައީ ހަމަ އެކަނި ރިސޯޓްތަކަށާއި ސަފާރީތަކަށެވެ. އަތޮޅުތެރޭގެ ރަށްތަކުގެ ގެސްޓް ހައުސްތައް ހުޅުވުމުގެ ފުރުސަތު 2020ގެ އޮކްޓޫބަރ 15 ވަނަ ދުވަހު ދީފައިވާއިރު، މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވާފައިވަނީ އެއަހަރުގެ ޑިސެމްބަރ 14 ވަނަ ދުވަހުއެވެ. 2020 ވަނަ އަހަރު ނިމުނުއިރު ރާއްޖެއަށް 555494 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މާރޗް މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް 200871 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. 2020 ވަނަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 341689 ފަތުރުވެރިންނެވެ.

މިއަހަރުގެ ފުރަތަމަ ދެމަސްތެރޭގައި ރާއްޖެއަށް ދެލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާތީ އެކަމާގުޅިގެން އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާޤް ވިދާޅުވީ، 1991 ވަނަ އަހަރު މުޅިޖުމްލަ ރާއްޖެއަށް ޒިޔާރަތްކުރީ ދެލައްކަ ފަތުރުވެރިން ކަމަށެވެ. އެއީ އޭރުގެ ރެކޯޑެއް ކަމަށް ފިރާޤް ވިދާޅުވިއެވެ. ފިރާޤް ވިދާޅުވީ، ކޯވިޑް-19ގެ މި ބަލިމަޑުކަމުގައި ދެމަސްތެރޭ ދެލައްކަ ފަތުރުވެރިން ގެނެވުމަކީ ބޮޑު ކާމިޔާބެއް ކަމަށެވެ.



ފިރާޤް ވަނީ މި ބަލިމަޑުކަމުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށް ގެންދިއުމަށް ފަތުރުވެރިކަމުގެ ސިނާޢަތުގެ އިސްބޭޅުން ކުރަށްވާ މަސައްކަތްތަކަށް ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ޖެނުއަރީ މަހު ރާއްޖެއަށް 92103 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ފެބްރުއަރީ މަހު ޒިޔާރަތް ކޮށްފައިވަނީ 96881 ފަތުރުވެރިންނެވެ. އަދި މާރޗް މަހުގެ ފުރަތަމަ ހަތަރު ދުވަހު 11886 ފަތުރުވެރިން ވަނީ ރާއްޖެ އަށް ޒިޔާރަތްކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މާރޗް ހަތަރެއްގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އެގައުމުން 46541 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި ރަޝިއާއިން 42417 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ޔޫކްރެއިނުން ރާއްޖެ އައިސްފައި ވަނީ 13350 ފަތުރުވެރިންނެވެ.

މިއަދާހަމައަށް 18 އަތޮޅެއްގައި 148 ރިސޯޓެއް އޮޕަރޭޓް ކުރުމަށް ފަށާފައިވާއިރު ރިސޯޓްތަކުގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 34226 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. އަދި 11 ހޮޓަލެއްގައި މިވަގުތު އޮޕަރޭޓްކުރަމުން ދަނީ 1458 އެނދެވެ. އަދި 140 ސަފާރީއެއްގައި 2723 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. އޭގެ އިތުރުން ރާއްޖޭގެ 17 އަތޮޅެއްގެ 52 ރަށެއްގައި މިހާރު 364 ގެސްޓް ހައުސް ދަނީ އޮޕަރޭޓްކުރަމުންނެވެ. އަދި ގެސްޓް ހައުސްތަކުގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް މިވަގުތު އޮޕަރޭޓްކުރަމުންދަނީ 6676 އެނދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން