ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ދޫކޮށްފައިވާ ރިކަވަރީ ލޯނު ދެއްކުމުގެ މުއްދަތު 6 މަސްދުވަހަށް ފަސްކޮށްދީފިއެވެ.

ރިކަވަރީ ލޯނު ސްކީމަކީ ކޯވިޑްގެ ސަބަބުން އިގުތިސާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް، ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ތައާރަފްކޮށްފައިވާ ލޯނު ސްކީމެކެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ރިކަވަރީ ލޯނުތަކުގެ ގްރޭސް ޕީރިއަޑް 6 މަހުގެ މުއްދަތަށް އިތުރުކުރުމަށް ބޭނުންވާ ވިޔަފާރިތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އަދި މި ސްކީމަކީ ކޮވިޑް-19އާ ގުޅިގެން ވިޔަފާރިތަކަށް ވަރކިންގ ކެޕިޓަލް ފޯރުކޮށްދީ، މި ދަތި ދަނޑިވަޅުން އިގުތިސާދު އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ފެށިފައިވާ ސްކީމަކަށް ވެފައި، ލޯނު އަނބުރާ ދެއްކުމުގައިވެސް ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަކީ މިނިސްޓްރީގެ މަގުސަދެއްކަމަށް ފިނޭންސުން ބުނެފައި ވެއެވެ.

ފިނޭންސުން ބުނީ ރިކަވަރީ ލޯނު ސްކީމްގެ ދަށުން ނަގާފައިވާ ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަމަވެފައިވާ ކުންފުނިތަކަށްވެސް އިތުރު 6 މަހުގެ މުއްދަތަކަށް ގްރޭސް ޕީރިއަޑް އިތުރުކޮށްދޭނެކަމަށެވެ. ގްރޭސް ޕީރިއަޑް އިތުރުކުރުމަށް ބޭނުންވާ ފަރާތްތަކުން ގްރޭސް ޕީރިއަޑް ހަމަވުމުގެ 30 ދުވަސް ކުރިން ބީ.އެމް.އެލްއަށް އީމެއިލް މެދުވެރިކޮށް އަންގަންޖެހެއެވެ.

ރިކަވަރީ ލޯނު ސްކީމްގެ ދަށުން ބީއެމްއެލްއިން މިހާތަނަށް 400 އަށްވުރެ ގިނަ ކުންފުންޏަކަށް ވަނީ ލޯނު ދޫކޮށްފައެވެ. އެއީ މުޅި ޖުމްލަ 585.9 މިލިއަން ރުފިޔާއާއި 8 މިލިއަން ޑޮލަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން