އިނގިރޭސިވިލާތުގެ މިސްކިތެއްގައި ވެކްސިން ދޭންފަށައިފިއެވެ.

މިއީ ހާއްސަގޮތެއްގައި ވެކްސިން ޖެހުމާއި ދެކޮޅު މީހުން ހޭލުންތެރިކުރުވައި، ވެކްސިނަކީ ރައްކާތެރި ވެކްސިނެއްކަން އަންގަދިނުމުގެ ބޭނުމުގައި ފެށި ހަރަކާތެއްކަމަށްވެއެވެ. މިއީ އިނގިރޭސިވިލާތުގެ މިސްކިތްތަކާއި ބެހޭ ކައުންސިލުން އިސްނަގައިގެން، ގިނަބަޔަކަށް ވެކްސިން ފޯރުކޮށްދިނުމުގެ މަގްސަދުގައި ފެށި ހަރަކާތެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެށި މިވެކްސިން ޖެހުމުގެ ހަރަކާތް ކުރިއަށް ގެންދެވިފައިވަނީ ބްރެޑްފޯޑް ސެންޓްރަލް މޮސްކް ނަމަކަށް ކިޔުނު މިސްކިތެއްގައެވެ. މިސްކިތުގައި ވެކްސިން ޖެހުމަށް ފުރަތަމަ ހުޅުވާލި ދުވަހުވެސް 100 މީހުން ވެކްސިން ޖަހާފައިވާކަމަށް ތަފާސްހިސާބު ތަކުން ދައްކާފައިވެއެވެ.

"އަހަރުމެންނަށް އެނގޭ އެބަ މުސްލިމް ކޮމިއުނިޓީ ތެރޭގައި ވެކްސިނާ ދޭތެރޭ ޚިޔާލުތަފާތުވާކަން. ހާއްސަގޮތެއްގައި ވެކްސިނަކީ ހަލާލު އެއްޗެއްތޯ ނުންތޯ އެބަ ސުވާލު އުފައްދާ. އެހެންވީމާ ވަރަށް މުހިންމު ވެކްސިނާއި ބެހޭ ރަނގަޅު މައުލޫމާތު ފޯރުކޮށްދޭން. މިމަގްސަދު ހާސިލް ކުރުމަށް މިމަސައްކަތް ފެށުނީ ބްރިޓިޝް އިސްލާމިކް މެޑިކަލް އެސޯސިއޭޝަންގެ އިތުރުން އެކި މުއައްސަސާތަކާއި ގުޅިގެން." އިނގިރޭސިވިލާތުގެ މިސްކިތްތަކާއި ބެހޭ ކައުންސިލުގެ ރައީސް ފާހަގަ ކުރެެއްވިއެވެ.

ވެކްސިނާއި ބެހޭގޮތުން ދައްކަމުންދާ އެކި ވާހަކަތައް ދޮގުކޮށް އިއުލާނެއްވެސް ނެރެފައިވާނެކަމަށް އިނގިރޭސިވިލާތުގެ މިސްކިތްތަކާއި ބެހޭ ކައުންސިލުގެ ރައީސް ފާހަގަ ކުރެެއްވިއެވެ. މީގެއިތުރުން މިސްކިތާއި، މިސްކިތުގައި ހަރަކާތްތެރިވާ އިމާމުންނަކީ އެންމެންވެސް އިތުބާރުކުރާ ބަޔަކަށްވުމުން ވެކްސިނާއި ބެހޭގޮތުން ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމުގައި ފަސޭހަތަކެއް ލިބޭކަމަށްވެސް ކައުންސިލުގެ ރައީސް ކާރިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން