ވައިރަސް އެންމެ އަވަހަށް މަރުވަނީ އިރުގެ އަވިންނާއި، ހޫނުން - އެމެރިކާގެ ސައިންސްވެރިން
ވައިރަސް އެންމެ އަވަހަށް މަރުވަނީ އިރުގެ އަވިންނާއި، ހޫނުން - އެމެރިކާގެ ސައިންސްވެރިން
މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް އެންމެ އަވަހަށް މަރާލެވެނީ އިރުގެ އަވި ނުވަތަ އަލްޓްރާ ވައިލެޓް ރޭސްގެ އެހީގައިކަމަށް އެމެރިކާގެ ސައިންސްވެރިން ބުނެފިއެވެ.

މިކަން ސާބިތުކުރުމަށް ކޮށްފައިވާ އެއްވެސް ދިރާސާއެއް މިހާތަނަށް ރިކޯޑުކުރެވިފައި ނުވިނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހު ވައިޓްހައުސްގައި ބޭއްވި ނޫސްކޮންފަރަންސެއްގައި ވާހަކަދައްކަމުން ޑިޕާރޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ސައިންސް އަދި ޓެކްނޮލޮޖީ އެޑްވައިސަރ ވިލިއަމް ބްރަޔަން ވިދާޅުވީ ސައިންސްވެރިންގެ ޓީމަކުން ކުރި ދިރާސާއަކުން އެނގިފައިވާގޮތުގައި އަލްޓްރާވައިލެޓް ރޭސް ނުވަތަ ޔޫވީ ރޭސްއިން ވައިރަސް ނައްތާލައެވެ. މިހެން ވިދާޅުވެ ބްރަޔަން ވަނީ ހޫނު މޫސުމުގެ ދުވަސްވަރުގައި ވައިރަސް ފިލައިގެން ހިނގައިދާނެކަމުގެ އުންމީދު ދެއްވާފައެވެ.

ބްރަޔަން ވިދާޅުވީ މިހާތަނަށްވެސް ފާހަގަކުރެވުނު އެންމެ ހާއްސަ އެއްކަމަކީ ވައިގެ ތެރޭގައްޔާއި، ތަންތަނުގެ މަތީގައި ހަރުލާފައި ހުންނަ ވައިރަހަށް އަވިދިނުމުން ވައިރަސް ނެތިދިއުމުގެ އިތުރުން، ހޫނުކުރުމުންނާއި، ވައިގެ ތެތްކަމުގެ ނިސްބަތުގެ ސަބަބުންވެސް ވައިރަހަށް ހަމަ މިފަދަ އަސަރުތަކެއް ކުރާކަމެވެ. މީގެކުރިންވެސް އަލްޓްރާވައިލެޓަކީ ސްޓެރިލައިޒްކުރުމުގެ ސިފަތަކެއް ލިބިގެންވާ އެއްޗެއްކަން ފާހަގަކުރައްވާ ބްރަޔަން ވިދާޅުވީ އޭގެ ސަބަބުން ވައިރަހުގެ ޖެނެޓިކް މެޓީރިއަލް ހަލާކުކޮށްލާކަމަށެވެ.

އެހެންނަމަވެސް އަލްޖަޒީރާ ނޫހުން ރިޕޯޓުކޮށްފައިވާގޮތުގައި، ހޫނު ގަދަ ގައުމު ތަކުގެ ތެރޭގައި ހިމެނޭ ސިންގަޕޫރު، މެލޭޝިއާ އަދި ތައިލެންޑް ފަދަ ގައުމުތަކުގައިވެސް ވައިރަސް ވަނީ ފެތުރިފައެވެ. އޭގެއިތުރުން މި ދިވެހިރާއްޖެއަކީވެސް ހޫނުގަދަ ގައުމެއްކަމަށްވާއިރު، ރާއްޖޭގައިވެސް ވައިރަސް ދަނީ ފެތުރެމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ފަރާތުން ވާހަކަދައްކަވަމުން ޑރ. މާރގަރެޓް ހެރިސް ވިދާޅުވީ އަވީގެ ސަބަބުން ވައިރަސް މަރުވާކަމަށް ބުނާ ބުނުން ސާބިތުކުރެވިފައި ނުވާކަމަށާއި، މީހުން އެގޮތަށް އުންމީދުކުރިނަމަވެސް، ހޫނު މޫސުމުގެ ސަބަބުން ވައިރަސް މަރުވެ ނެތިދާނެކަމަށް ގަބޫލު ކުރެވޭވަރަށް ހެކި މަދުކަމަށެވެ.

ދުނިޔޭގެ އެކި ގައުމުތަކުން 2.8 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައިވާއިރު ބަލިޖެހިގެން 2 ލައްކައެއްހާ މީހުން މިހާރުވަނީ މަރުވެފައެވެ. އެމެރިކާއިން މިހާތަނަށް ބަލިޖެހުނު މީހުންގެ އަދަދު އުޅެނީ 925،758 ގައެވެ. އަދި އެގައުމުން މަރުވި މީހުންގެ އަދަދު މިހާރުވަނީ 52،217 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން