ކޮވިޑުން ރައްކާތެރިވުމަށް ފައިޒަރ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިނާއި ބެހޭ މައުލޫމާތު ވަގަށް ނެގުމަށް އުތުރު ކޮރެޔާއިން މަސައްކަތްކޮށްފިކަމަށް ދެކުނު ކޮރެޔާގެ އިންޓެލިޖެންސް އޭޖެންސީއަކުން ހާމަކޮށްފިއެވެ.

މިގޮތުން ފައިޒަރ ކުންފުނިން ވެކްސިން ތައްޔާރުކުރެވުނު ގޮތާމެދު މައުލޫމާތު ހޯދުމަށް އުތުރު ކޮރެޔާއިން ވަނީ އެކުންފުނި ހެކްކުރަން މަސައްކަތް ކޮށްފައި ކަމަށް މި އިންޓެލިޖެންސް އޭޖެންސީއިން ހާމަކޮށްފައިވެއެވެ. ނަމަވެސް މިކަމާއި ބެހޭގޮތުން ފައިޒަރ ކުންފުނީގެ ބަހެއް އާންމުކޮށްފައެއް ނުވެއެވެ.

މީގެއިތުރުން ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ތައްޔާރުކުރުމަށް މަސައްކަތް ކުރަމުންދާ ދެކުނު ކޮރެޔާގެ ކުންފުނިތައް ހެކްކުރުމަށް އުތުރުކޮރެޔާއިން މަސައްކަތް ކުރިކަމަށްވެސް ދެކުނު ކޮރެޔާގެ ނޭޝަނަލް އިންޓެލިޖެންސުން ހާމަކޮށްފައިވެއެވެ. އަދި އުތުރުކޮރެޔާއިން ހެކްކުރުމަށް ކުރެވުނު މަސައްކަތް ނާކާމިޔާބުވެފައިވާކަމަށްވެސް ހާމަކޮށްފައިވެއެވެ.



އުތުރުކޮރެޔާއިން ވަނީ މިދިޔަ އަހަރު ޖެނުއަރީ މަހުން ފެށިގެން އެގައުމުގެ ބޯޑަރުތައް ބަންދުކޮށްފައެވެ. އަދި އެގައުމުގައި ކޮވިޑުގެ އެއްވެސް ކޭސް އެއް ފެނިފައި ނުވާކަމަށް އެގައުމުގެ އިސް ލީޑަރ، ކިމް ޖޮންގ އުން، ތަކުރާރުކޮށް ވިދާޅުވަމުންދެއެވެ.

ވެކްސިން ތައްޔާރު ކުރާ ކުންފުނިތައް ހެކްކޮށް މައުލޫމާތު ވަގަށް ނެގުމުގެ ތުހުމަތުތައް މިފަހަރު އުތުރުކޮރެޔާއަށް ކޮށްފައިވާއިރު، ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ވެކްސިން އުފައްދާ ކުންފުނިތަކަށް މިފަދަ ސައިބަރ އެޓޭކްކުރުމުގެ ޝަކުވާ އެތައް ފަހަރެއްގެ މަތިން ދުނިޔޭގެ އެކި ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން