ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދާނަމް.
ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދާނަމް.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ކޮވިޑުން ރައްކާތެރިވުމަށް އެކި ގައުމުތަކަށް އެހީތެރިވުމުގެ ގޮތުން ވެކްސިން ފޯރުކޮށްދިނުމުގައި ކޯވިޝީލްޑް ވެކްސިން ބޭނުންކުރުމަށް ނިންމައިފިއެވެ.

ވެކްސިނާއި ބެހޭގޮތުން މައުލޫމާތުދިނުމަށް ޑަބްލިޔުއެޗްއޯއިން ރޭބޭއްވި މީޑިޔާ ބްރީފިންގގައި ވާހަކަ ދައްކަވަމުން، ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދާނަމް ވިދާޅުވެފައިވަނީ ކޮވިޑުން ރައްކާތެރިވުމަށް އެކި ގައުމުތަކަށް އެހީތެރިވުމުގެ ގޮތުން ވެކްސިން ފޯރުކޮށްދިނުމަށް ގާއިމު ކުރެވިފައިވާ ކޯވެކްސް ޕްރޮގްރާމްގައި ބޭނުން ކުރުމަށް ދެވެކްސިނެއް އިތުރު ކުރެވިފައިވާ ކަމަށެވެ. އަދި މިއީ އޮކްސްފޯޑު އަދި އެސްޓްރަރޒެނެކާއިން ތައްޔާރުކޮށްފައިވާ ދެވައްތަރެއްގެ ވެކްސިނެއްކަމަށް ޑރ. ޓެޑްރޮސް ވިދާޅުވިއެވެ.

ކޯވެކްސްގައި ބޭނުންކުރުމަށް ނިންމާފައިވާ އޮކްސްފޯޑު އަދި އެސްޓްރަރޒެނެކާއިން ތައްޔާރުކޮށްފައިވާ ދެވެކްސިނުގެ ތެރެއިން އެއް ވެކްސިނަކީ ދެކުނު ކޮރެޔާގެ އެސްކޭބަޔޯ ނަމަކަށް ކިޔުނު ކުންފުންޏަކުން އުފައްދާ ވެކްސިނެކެވެ. އަދި މީގެ ދެވަނަ ވެކްސިނަކީ އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާ ކޮވިޝީލްޑް ވެކްސިންކަމަށްވެސް ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ވަނީ ވިދާޅުވެފައެވެ. އަދި ދެ ކުންފުންޏަކުން އުފެއްދި ކަމުގައިވިނަމަވެސް މިއީ އޮކްސްފޯޑު އަދި އެސްޓްރަރޒެނެކާއިން ތައްޔާރުކޮށްފައިވާ ވެކްސިންކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ފާހަގަކޮށްފައެވެ.

އޮކްސްފޯޑު އަދި އެސްޓްރަރޒެނެކާގެ ވެކްސިނުގެ އިތުރުން ފައިޒަރ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިން ވެސް ޑަބްލިޔުއެޗްއޯގެ ކޯވެކްސް މެދުވެރިކޮށް އެކި ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ބޭނުން ކުރެވޭނެއެވެ.

މީޑިޔާ ބްރީފިންގގައި އިތުރަށްވާހަކަ ދައްކަވަމުން، ކޮވިޑުޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު ދުނިޔޭގެ ނިސްބަތުން މިއަހަރު ދަށަށް ދާން ފަށާފައިވާކަމަށްވެސް ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދާނަމް ފާހަގަ ކުރައްވާފައިވެއެވެ. އަދި މިއީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށާއި، މިބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ލިބޭ އެއްބާރުލުމުގެ ނަތީޖާކަންވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން