ދުނިޔޭގައި ކޮންޓްރޯލް ކުރެވިފައިވާ އެބޯލާ ބަލި، ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ގިނީގައި ފެތުރެން ފަށައިފިއެވެ.

ގިނީގައި ފެތުރެން ފަށާފައިވާ އެބޯލާ ބަލީގެ ބިރުވެރިކަން މުޅި ހުނޅަގު އެފްރިކާއަށް ވަނީ ކުރިމަތިވެފައެވެ. އަދި މިބަލީގައި މިހާތަނަށް ހަތަރު މީހަކު މަރުވެފައިވާއިރު އިތުރު ހަތަރު މީހުންނަށް އެކަހެރިކުރެވިގެން ފަރުވާދެމުން ދާކަމަށް އެގައުމުގެ ސިއްހީ ވުޒާރާތަކުން ހާމަކޮށްފައިވެއެެވެ.

އެބޯލާ ވައިރަހުގެ އަސަރުކޮށްގެން އެކަހެރިކޮށްފައިވާ މީހުންގެ ފަރާތުން ހޮޑުލުމާއި ބޭރަށްހިންގުމުގެ އަލާމާތްތައް ފެންނަމުންދާކަމަށް ގިނީގެ ސިއްހީ ވުޒާރާތަކުން ހާމަކޮށްފައިވެއެެވެ.

މިކަމާއި ބެހޭގޮތުން އެގައުމުގެ ސަރުކާރުން ބުނެފައިވަނީ އެބޯލާ ވައިރަސް އިތުރަށް ފެތުރުނަނުދީ ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ. ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމާއެކު އެބޯލާ ވައިރަހުގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ގޮންޖެހުންތަކެއް ހުރިކަމަށް ގިނީގައި ހަރަކާތްތެރިވާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޓީމުން ހާމަކޮށްފައިވެއެވެ.

އެބޯލާ ވައިރަސް ހުޅަނގު އެފްރިކާއިން ފުރަތަމަ ފެނިފައިވަނީ 2016 ވަނަ އަހަރުއެވެ. ތިން އަހަރު ދުވަސް ހޭދަވި މިބަލިމަޑުކަމުގައި 11،000 މީހަކު މަރުވެފައިވާއިރު، 28،000 މީހުންނަށް ވުރެ ގިނަ މީހުންނަށް މިބަލި ޖެހިފައިވެއެވެ. އަދި އެފަހަރު ގިނީގެ ފަރާތުން، ލައިބީރިޔާ، އަދި ސިޔެރާ ލިޔޯން ފަދަ ސަރަހައްދީ ގައުމުތަކަށް މިބަލި ފެތުރިފައިވެެއެވެ.

2016 ވަނަ އަހަރު ހުޅަނގު އެފްރިކާގައި ފެތުރެން ފެށި އެބޯލާ ވައިރަސް ކޮންޓްރޯލް ކުރެވުނީ އެކަމަށް ހާއްސަކޮށް ތައްޔާރުކުރެވުނު ވެކްސިނެއްގެ ސަބަބުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން